މަގުމައްޗަށް ކުނި އެޅި ވީޑިއޯއެއް އާންމު ކުރުމުން އަނުޝްކާގެ ދެމަފިރިންނަށް ތައުރީފާއި ފާޑުކިޔުން
މަގުމައްޗަށް ކުނި އެޅި ވީޑިއޯއެއް އާންމު ކުރުމުން އަނުޝްކާގެ ދެމަފިރިންނަށް ތައުރީފާއި ފާޑުކިޔުން

ކާރެއްގައި ދަމުން މީހަކު މަގުމައްޗަށް ޕްލާސްޓިކް ކޮތަޅެއް އެއްލި ތަން ފެނިގެން، ބަތަލާ އަނުޝްކާ ޝަރްމާ އެ މީހާއާ ސުވާލުކޮށް، އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށް ބުނާ ވީޑިއޯއެއް ފިރިމީހާ ވިރާޓް ކޯލީ އިސްޓްގަރާމާއި ޓްވިޓާގައި އާންމުކުރުމާ އެކު، ގިނަ ބައެއްގެ ތައުރީފާ އެކު ފާޑު ކިތުންތައް ވެސް އަމާޒުވެއްޖެ އެވެ.

އެ ވީޑިއޯގައި ފެންނަނީ އަނުޝްކާ ނިއު ދިއްލީގެ އެޕާޓްމަންޓެއްގެ ކުޑަދޮރު ކައިރީގައި މަގުމައްޗަށް ބަލަން ހުއްޓައި ޕްރައިވެޓް ކާރެއްގެ ފަހަތު ސީޓްގައި އިންނަ ފިރިހެނަކު ކޮތަޅެއް މަގުމައްޗަށް ދޫކޮށްލާ ތަނެވެ. އަދި އެ މަންޒަރު ފެނުމާ އެކު ވަރަށް ހިތްހަމަނުޖެހިގެން އަނުޝްކާ އޭނާއާ ވާހަކަ ދައްކާ ތަން ފެނެ އެވެ.

"ކީއްވެ މަގުމައްޗަށް ކުނި އެޅީ؟ ތި ގޮތަށް މަގުތައް ހަޑިއެއް ނުކުރެވޭނެ،" އަނުޝްކާ އެ މީހާ ދިމާއަށް ބުނެ އެވެ. "ޑަސްބިން ބޭނުން ކުރޭ."

މި ވިޑިއޯ ހިއްސާ ކުރަމުން، ކްރިކެޓް ތަރި ބުނީ ބައެއް މީހުން އަގު ބޮޑެތި ކާރުތަކުގައި އުޅުނަސް ސިކުނޑިއަކީ ބޭކާރު އެއްޗެއް ކަމަށެވެ. އަދި މިފަދަ ކަންކަން ކުރާ މީހުންނާ ހެދި އިންޑިއާ ސާފު ގައުމަކަށް ހެދިތާނެތޯ ސުވާލުކޮށް، މިފަދަ މަންޒަރުތައް ފެންނަ ނަމަ އަނބިމީހާ އަނުޝްކާ އަމަލު ކުރި ގޮތަށް ހޭލުންތެރިކަން އުފައްދަން ޖެހޭ ކަމަށް ބުންޏެވެ.

މި ވީޑިއޯ އަށް ކޮމެންޓް ކުރި ބައެއް މީހުން އަނުޝްކާގެ ފަރާތުން ފެނުނު އަމަލަށް ހިތްވަރު ދީ ސާބަސް ދީފައިވެ އެވެ. އަދި މަގުތައް ހަޑިކުރާ މީހުން މިގޮތަށް ބޭޒާރުކޮށްގެން ނޫނީ މިކަމެއް ނުހުއްޓުވޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް އަނުޝްކާ އަށް ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ އޭނާ ވާހަކަ ދެއްކި ރާގު ކަމުނުދާ ކަމަށާއި ތަންކޮޅެއް މައިތިރިކޮށް މަޑުމަޑުން ވާހަކަ ދެއްކި ދާނެ ކަމަށެވެ. އެއްބަޔަކަށް ދެން މައްސަލައަކަށްވީ ކާރުގައި ތިބި މީހުންނަކީ ސީދާ ކޮން ބައެއްކަން އެނގޭ ގޮތަށް ވިރާޓް ވީޑިއޯ ހިއްސާ ކުރުމުންނެވެ.

އެ މީހުން ބުނެފައި ވަނީ އެގޮތަށް ބަޔަކު ބޭޒާރު ކުރެވިގެން ނުވާނެ ކަމަށާއި އެ ކާރުގައި ތިބި މީހުންގެ ސޫރަ ވަކި ނުވާ ގޮތަށް ހަދައިފައި ވީޑިއޯ ހިއްސާ ކުރި ނަމަ ތަންކޮޅެއް ރަނގަޅުވީސް ކަމަށެވެ.

މި ބަހުސް ސޯޝަލް މީޑިއާގައި ވައިރަވުމުން އަނުޝްކާ ސުވާލު ކުރި މީހާ އަރްހާން ސިންގް ވެސް ވަނީ ވީޑިއޯގެ ސްކްރީން ޝޮޓެއް ނަގައި އޭނާގެ އިސްޓްގަރާމްގައި ދެމަފިރިންނަށް ބަހުގެ ހަމަލާތައް ފޮނުވައިފަ އެވެ. އޭނާ ބުނީ މަގުމައްޗަށް ކޮތަޅެއް އެއްލައި ލެވުނީ ގަސްތުގައި ނޫން ކަމަށާއި ކާރުގެ ބިއްލޫރި ތިރި ކުރުމުން ވަޔާ އެކު ކޮތަޅު މަގުމައްޗަށް ދިޔައީ ކަމަށެވެ. އަދި އެކަމަށް މާފަށް އެދޭ ކަމަށް ބުންޏެވެ.

"އެކަމަށް އަހަރެން މާފަށް ވެސް އެ ދެން. އެކަމަކު ސެލެބްރިޓީންގެ ގޮތުގައި މަޝްހޫރު އެ ދެ މީހުން ކަންތައް ކުރީ ކުންޏަށް ވުރެ ހަޑިކޮށް. ރީތިކޮށް މީހުންނާ މުއާމަލާތް ކުރަން ނޭނގުމަކީ ވެސް ހަމަ ހަޑި ހުތުރު ކަމެއް،" އަރްހާން ބުންޏެވެ.

އަދި އެންމެ ފަހުން މިކަމާ ގުޅިގެން އަރްހާންގެ މަންމަ ގީތަންޖަލީ އެލިޒަބަތު ވެސް ވަނީ އިސްޓްގަރާމްގައި އަނުޝްކާ އާއި ވިރާޓަށް ބަވައިފަ އެވެ. އޭނާ ބުނީ އެ ދެ މީހުން ބޭނުންވީ ޕަބްސިޓީ ސްޓަންޓެއް ކަމަށެވެ.