ޗެމްޕިއަން ޖަރުމަނަށް ދަނޑު ބޭރުން އުނދަގޫތަކެއް
ޗެމްޕިއަން ޖަރުމަނަށް ދަނޑު ބޭރުން އުނދަގޫތަކެއް

މޮސްކޯ (ޖޫން 17) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން މި ފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. ފުރަތަމަ މެޗާ ކުރިމަތިލާއިރު އެ ޓީމަށް ދަނޑު ބޭރުން ހިތްހަމަ ނުޖެހުންތަކެއް އެބަހުއްޓެވެ.

ޗެމްޕިއަން ޖަރުމަނަށް ދަނޑު ބޭރުން އުނދަގޫތަކެއް
ޗެމްޕިއަން ޖަރުމަނަށް ދަނޑު ބޭރުން އުނދަގޫތަކެއް

ރިޕޯޓްތައް ބުނާގޮތުގައި ޖަރުމަން ކުޅުންތެރިން ތިބީ މި ފަހަރު އެ ޓީމުން ކޭމްޕްކުރި ޓްރެއިނިން ސެންޓަރާއި އެކޮމަޑޭޝަން ހަމަޖެއްސި ހޮޓަލާ މެދު ހިތްހަމަނުޖެހިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕުގައި ވެސް ޖަރުމަންގެ ކުޅުންތެރިން ފުރަތަމަ ބޭނުންވީ މިދިޔަ އަހަރު ކޮންފެޑެރޭޝަން ކަޕުގައި އެ ޓީމުން ބޭނުންކުރި ހޮޓަލެވެ.

ޖަރުމަން ޓީމު މި ފަހަރު ތިބޭ މޮސްކޯގެ ވަޓުޓިންކީ ހޮޓަލުގައި އިންތިޒާމްތައް އެންމެ ފުރިހަމަ ނޫން ކަމަށް ބުނެ އެ ޓީމުގެ ކުޅުންތެރިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ކުޅުންތެރިންނަށް ހަމަޖައްސަައިދީފައިހުރި ކޮޓަރިތަކުގައި އެކި ވަގުތުތަކުގައި ފެން ނުލިބުމުގެ ޝަކުވާތައް ވެސް ކުޅުންތެރިން ވަނީ ކޮށްފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާޑުކީ ދެ ކުޅުންތެރިންނަކީ ޓޮނީ ކްރޫސް އާއި މެޓް ހަމެލްސް އެވެ.

"އަހަންނަށް ހިއެއް ނުވޭ އެއްވެސް ކުޅުންތެރިއަކު ދެ ވަނަ ފަހަރަށް މިތަނަށް އަންނަން ބޭނުންވާނެ ހެނެއް،" ކްރޫސް ބުނެފައިވެ އެވެެ.

އަދި ޖަރުމަން ޓީމުން ފަރިތަކުރަމުން އަންނަ ވަޓުޓިންކީ ޓްރެއިނިން ދަނޑުގެ ވިނަގަނޑު ހުރި ވަރާ މެދު ހިތްހަމަ ނުޖެހިގެން، އެ ޓީމުގެ ކޯޗު ޔަކީމް ލޯގެ އެދުމުގެ މަތިން ޖަރުމަނު އެފްއޭގެ ހެޑް ގްރައުންޑްސްމަން ރެއިނާ އާންސްޓް ވަނީ އެ ދަނޑުން ތިން މިލިމީޓަރު ވިނަ ކޮށައިފަ އެވެ. މުބާރާތަށް އައުމުގެ ކުރިން ޖަރުމަން އެފްއޭ އިން ވަނީ ވިނަގަނޑުގެ މިން ހުންނަން ޖެހޭ މިންވަރު އެ ހޮޓަލަށް ފޮނުވައިފަ އެވެ.

މޮސްކޯގައި ޖަރުމަނުގެ މެޗުތައް ކުޅެން ޖެހޭއިރު، މި ސަރަަހައްދުގެ އެންމެ ރަނގަޅު ޓްރެއިނިން ސެންޓަރާއި ހޮޓާ ނެގީ ބްރެޒިލުންނެވެ.

ޖަރުމަނަށް ދިމާވެފައިވާ އަނެއް މައްސަަލަ އަކީ އެ ޓީމަށް ކުޅޭ ތުރުކީ ދަރިކޮޅަކަށް ނިސްބަތްވާ އިލްކާއި ގުންޑޮގާން އާއި މެސުތު އޮޒިލް، ތުރުކީގެ ރައީސް އުރުދުގާންއާ ބައްދަލުކުރުމުން ޖަރުމަން ރައްޔިތުން ހިތްހަމަނުޖެހުމެވެ. އެކަމާ ހިތްހަމަނުޖެހިގެން ޖަރުމަނު ސިޔާސީ ފަރާތްތަކުން ވަނީ އެ ދެ ކުޅުންތެރިންނަށް ފާޑުކިޔައިފަ އެވެ. އަދި ޖަރުމަނު ސްކޮޑުން މި ދެ ކުޅުންތެރިން ބާކީ ކުރަން ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ. އެކަން އިތުރަށް ގޯސްވީ ޖަރުމަނު ސަޕޯޓަރުން ވެސް މި ދެ ކުޅުންތެރިންނާ ދެކޮޅަށް މެޗުތެރެއިން ނުރުހުން ފާޅުކުރަން ފެށުމުންނެވެ.

ޖަރުމަން ޓީމަށް ދިމާވެފައިވާ އަނެއް ކަންބޮޑުވުމަކީ އެ ޓީމުގެ ބައެއް ނިންމުންތަކާ މެދު ކުރީގެ ކުޅުންތެރިން ހިތްހަމަ ނުޖެހުން ފާޅުކުރުމެވެ. މެންޗެސްޓާ ސިޓީ އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ލެރޯއީ ސާނޭ އަށް ފުރުސަތު ނުލިބުނުއިރު، އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރީ ޖަރުމަނުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ މައިކަލް ބަލަކް އާއި ޓޯސްޓެން ފްރިންގްސް އެވެ.

އަދި އަނިޔާ އަށް ފަހު ދާދި ފަހުން ފިޓްވި މެނުއަލް ނޯޔާ އަށް އެ ޓީމުގެ އެއް ވަނަ ކީޕަރުގެ މަގާމު ދޭތީ ކުރިން ޖާމަނީގެ ގޯލު ބެލެހެއްޓި އޮލިވާ ހާން ވަނީ އެކަމާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ހާން ދެކޭގޮތުގައި ޖާމަނީގެ އެއްވަނަ ކީޕަރުކަން ހައްގުވަނީ ބާސެލޯނާ އަށް މި އަހަރު މޮޅު ކުޅުމެއް ދެއްކި މާކް އަންދްރޭ ސްޓެގެން އަށެވެ.

އެކާވީސް ވަނަ ގަރުނުގެ ހުރިހާ ވޯލްޑް ކަޕެއްގައި ވެސް ތަފާތު ދެއްކި ޖާމަނީ އެންމެ ފަހުން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ބަލިވީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އަލްޖީރިއާ އަތުންނެވެ. އޭގެ ފަހުން އެ ޓީމުން ވޯލްޑް ކަޕްގައި ހުރިހާ ފަހަރެއްގައި ވެސް ފެށީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާ އަކުންނެވެ. އެކަމަކު މި ފަހަރު ދަނޑު ބޭރުން އެ ޓީމަށް ކަންބޮޑުވުންތަކެއް ހުރިއިރު، ވޯލްޑް ކަޕަށް ތައްޔާރުވާން ކުޅުނު މެޗުތަކުގައި ވެސް ޖަރުމަނަށް ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ޖަރުމަނާއި މެކްސިކޯ ކުޅޭ މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ.