17 ޖޫން 2018 - 12:51

ޗައިނާ އިން އެމެރިކާ އަށް އެތެކުރާ ގިނަ ބާވަތްތަކަކަކުން ޓެކްސް ނަގާނެކަން ހުކުރު ދުވަހު ޓްރަމްޕް އިއުލާނު ކުރެއްވުމާ އެކު ރުޅިގަދަވެ، ހަަމަ އެ އަދަދަށް އެމެރިކާގެ އިމްޕޯޓު މުދަލުން ޓެކްސް ނަގަން ޗައިނާ އިން ނިންމައިފި އެވެ.
ޗައިނާ އިން މިގޮތަށް ނިންމީ އެމެރިކާގެ ނިންމުމާ ގުޅިގެން އެ ގައުމުގެ އިމްޕޯޓު މުދަލާ ޗައިނާ އިން ކުޅެން ދިމާކޮށްފި ނަމަ އިތުރު ޓެކްސްތައް ތައާރަފު ކުރާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނިކޮށެވެ.
ޖުމްލަ 800 އަށް ވުރެ ގިނަ ބާވަތް ހިމެނޭ ގޮތުން 50 ބިލިއަން ޑޮލަރުގެ އަގު ހުރި މުދަލުން 25 އިންސައްތަ ޓެކްސްގެ ގޮތުގައި ނަގާނެކަން ޓްރަމްޕު އިއުލާނު ކުރެއްވުމާއެކު ޗައިނާ އިން ވަނީ އެއީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ ޑަބްލިއުޓީއޯގެ އެއްބަސްުވުންތަކާ ހިލާފުކަމެއް ކަަމަށާ ގޮތް ދޫނުކޮށް އެ ނިންމުން ތަންފީޒު ކުރަން އުޅެފި ނަމަ ޗައިނާ އިން ވެސް މަޑުން ނޯންނާނެ ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ނިންމުން ހާމަކުރައްވަމުން ޓްރަމްޕު ހުކުރު ދުވަހު ވިދާޅުވީ ވިޔަފާރީގައި ޗައިނާ އިން ގެންގުޅޭ "އަމިއްލަ ފައިދާ އަށް މަސައްކަތްކުރުމުގެ ސިޔާސަތު"ގެ ސަބަބުން އެމެރިކާގެ މަސްލަހަތުތައް ގެއްލެމުންދާ ކަމަށާއި ފިކުރީ މުދަލާއި އެމެރިކާ ރައްޔިތުންގެ ހައްގުތައް ޗައިނާ އިން ފިރުކައިގަންނަމުން ދާ ދިއުން، ޓެކްސް ނަގައިގެން ވިޔަސް ނިމުމަކަށް ގެންނަވާނެ ކަމަށެވެ.
އެއާއެކު، ބޮޑެތި ގައުމުތަކުގެ ޒިންމާއަކަށް ވާން ޖެހޭނީ ހުޅުވިފައިވާ މިނިވަން ވިޔަފާރިތަކަށް ވާދަވެރި މާހައުލެއް ފަހިކޮށްދިނުން ކަމަށާ ޗައިނާ އިން މަސައްކަތްކުރަމުން ދަނީ އެ ވިސްނުމުގައި ކަން ހާމަކުރަމުން، އެ ގައުމުގެ ރަސްމީ ހަބަރުފަތުރާ އޭޖެންސީ ޒިންހުވާ އިން މިއަދު ވަނީ "ބުއްދިވެރިން އަޅާނީ ބްރިޖު ކަމަށާ ފާރު ރާނާނީ މޮޔައިން" ކަމަށް ބުނެ ނުސީދާކޮށް ޓްރަމްޕު ގެ ސިޔާސަތުތަކަށް ފާޑުކިޔައިފަ އެވެ.
އެމެރިކާގެ އުފެއްދުންތަކަށް ބޭނުންވާ ގިނަ ބާވަތްތަކެއްގެ ރޯމެޓީރިއަލް އެ ގައުމަށް އެންމެ ގިނައިން ފޯރުކޮށްދެނީ ޗައިނާ އިންނެވެ. އެހެންވެ އެމެރިކާގެ ބޮޑެތި ކުންފުނިތަކާ އިގްތިސާދީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޓްރަމްޕްގެ މި ނިންމެވުމުން އެދެވޭ ނަތީޖާއެއް ނުކުތުމަށް ވުރެ އެމެރިކާގެ އެކި ސިނާއަތްތަކަށް އުފުލަން ޖެހޭ ބުރަ ބޮޑުވުން ގާތެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި ވިޔަފާރީގެ ކޯޅުންތައް ބޮޑުވެފައިވާ އިރު ޗައިނާ އާއި އެމެރިކާގެ އިމްޕޯޓު މުދަލަށް ބަރޯސާވާ ގައުމުތަކާއި ތަރައްގީގެ މަޝްރޫއުތަކުގައި މި ދެގައުމުން ވާގި ހޯދާ ފަރާތްތަކަށް މިކަމުން އަތުވެދާނެ ރޯޅިއަކަށް ހޭލައި ތިބުމަށް ތަޖުރިބާކާރުން ދަނީ ލަފާދެމުންނެވެ.
ދާދި ފަހުން ބޭއްވި ޖީ7ގެ ސަމިޓަށް ފަހު ދުނިޔޭގެ މާލީ ބޮޑެތި ބާރުތަކާއި އެމެރިކާއާ ދެމެދު އޮތް އިގްތިސާދީ ގުޅުން ވެސް ވަނީ ހީނަރުވެފަ އެވެ.