މާޓަސެކާގެ ބަދަލުގައި ވެންގާ ޑިފެންޑަރެއް ހޯދަނީ
މާޓަސެކާގެ ބަދަލުގައި ވެންގާ ޑިފެންޑަރެއް ހޯދަނީ

ލަންޑަން (ޖުލައި 27) - އާސެނަލްގެ ޑިފެންޑަރު ޕާ މާޓަސެކާ އަށް އަނިޔާވެފައިވާތީ އޭނާގެ ބަދަލުގައި އާ ޑިފެންޑަރެއް ގަންނާނެ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މާޓަސެކާގެ ކަކުލަށް އަނިޔާވެފައިވާއިރު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ ދުވަހެއް ނޭގެ އެވެ. އެކަމަކު ޔަގީނުން ވެސް ސީޒަނުގެ ކުރީކޮޅު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އެކުވެރިކަމުގެ މެޗެއްގައި މިދިޔަ ހުކުރު ދުވަހު ފްރާންސްގެ ލެންސާ 1-1 އިން އެއްވަރުވި މެޗުގައި ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް މާޓަސެކާ ވަނީ ކަކުލުގެ އޮޕަރޭޝަނެއްކޮށްފަ އެވެ.

"އޭނާ މެޗު ފުރިހަމަކުރި. އެކަމަކު މެޗަށް ފަހު ފަޔަށް ތަދުވެގެން ބެލިއިރު ސީރިއަސް އަނިޔާއެއް ވަނީ ވެފައި. އޭނާ މިހާރު ވަނީ އޮޕަރޭޝަނެއް ކޮށްފައި،" ވެންގާ ބުންޏެވެ.

ޓީމުގައި ޒުވާން ޑިފެންޑަރުން ތިބި ނަމަވެސް ވެންގާ ބޭނުންވަނީ ތަޖުރިބާކާރު ޑިފެންޑަރެކެވެ. ހާއްސަކޮށް މާޓަސެކާ ފަދަ ތަޖުރިބާކާރު ކުޅުންތެރިއަކު ނެތްތަން އާދައިގެ ޑިފެންޑަރަކަށް ފޫނުބެއްދޭނެ ކަމަށް ވެންގާ ގަބޫލުކުރެ އެވެ.

"އަހަރެން ޓްރާންސްފާ ބާޒާރަށް ވަންނާން ތަޖުރިބާކާރު ޑިފެންޑަރެއް ހޯދަން. ޒުވާން ޑިފެންޑަރުންނަށް ފުރުސަތު ދޭނަން. އެކަމަކު މާޓަސެކާ ނެތުމުން ތަޖުރިބާގެ މައްސަލަ ދިމާވާނެ،" ވެންގާ ބުންޏެވެ.