17 ޖޫން 2018 - 10:44

މޮސްކޯ (ޖޫން 17) - އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ލިބުނު ނާކާމިޔާބީ އިން އަރައިގަތުމުގެ ގޮތުން މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ސަޕޯޓަރުން އުފާކޮށްދޭން ބޭނުންވާ ކަމަށް އެ ޓީމުގެ ތަރި ނޭމާ ބުނެފި އެވެ.
ވޯލްޑް ކަޕްގައި ބްރެޒިލް އެންމެ ފަހުން ކުޅުނު މެޗުން އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕް ސެމީ ފައިނަލުން ވަނީ ޖަރުމަން އަތުން 7-1 އިން ބަލިވެފަ އެވެ. އަނިޔާގެ ސަބަބުން އެ މެޗުގައި ނޭމާ ނުކުޅޭއިރު، މިއީ ބްރެޒިލްގެ ފުޓްބޯޅަ ހަޔާތުގައި ކުރިމަތިވި އެންމެ ލަދުވެތި ނަތީޖާ އެވެ.
"ގިނަ ކުޅުންތެރިން މުޅި އުމުރުގައި ހަނދާން ކުރާނެ ނަތީޖާއެއް މިއީ. އެކަމު އަހަންނަށް އޮތް ޔަގީންކަމަކީ ދަނޑުމަތީގައި އަހަރެން ހުރިނަމަ އެއީ އެއް ނޫން މި މެޗުގެ ނަތީޖާ. އެ ތަފާތު ވާނެ ކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް. ދެން އޮތީ އެކަން ހަނދާން ނައްތާލުން. އަހަރެން މިހުރީ ސަޕޯޓަރުންނަށް ބަދަލުދޭން. އެ މީހުން އުފާކޮށްދޭން،" މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ނޭމާ ބުންޏެވެ.
ބްރެޒިލުން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެ ޓީމުގެ ކޯޗުކަމަށް ޓީޓޭ ގެނެސްފަ އެވެ. ޓީޓޭ ހަވާލުވި ފަހުން ބްރެޒިލުން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. ޓީޓޭ ހަވާލުވި ފަހުން އެ ޓީމު ކުޅުނު 21 މެޗުގެ ތެރެއިން 17 މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކަމަށްވާ ނޭމާގެ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އަދި ފައިތިލައިގެ ކަށިކޮޅެއްގައި ރެނދުލީ މިދިޔަ މާޗް މަހުގައި ފްރެންޗް ލީގުގެ މެޗެއްގެ ތެރެއިންނެވެ. އަނިޔާ އަށް ފަހު ނޭމާ ވަނީ ކުޅުމަށް އެނބުރި އައިސް ވޯލްޑް ކަޕަށް ތައްޔާރުވާން ބްރެޒިލުން ކުޅުނު ދެ މެޗުގައި ލަނޑު ޖަހައިފަ އެވެ.
ޓީޓޭ ބުނީ މިރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗަށް ނޭމާ އެއްކޮށް ފިޓެއް ނޫން ކަމަށެވެ.
"ނޭމާ 100 ޕަސެންޓް ފިޓެއް ނޫން. އެކަމަކު އޭނާގެ ހުރި ކޮލިޓީ އަށް ބަލާއިރު އެއްކޮށް ފިޓް ނޫނަސް އޭނާ އަށް ތަފާތު ދެއްކިދާނެ. އަހަރެންގެ އުއްމީދަކީ އޭނާ އަށް މެޗު ކުޅެވުން. މުޅި ބްރެޒިލް އެދެނީ އެ ގޮތް،" ޓީޓޭ ބުންޏެވެ.
އޭނާ ބުނީ މާޒީގެ ވާހަކަ ދައްކައިގެން ވާނެ ފައިދާއެއް ނެތް ކަަމަށާއި ޖާމަނީ އަތުން ބަލިވި ހަނދާންތައް އެ ޓީމުގެ ވިސްނުމުގައި ނުބަހައްޓާ ކަަމަށެވެ.
ބްރެޒިލާއި ސްވިޒަލެންޑް ކުޅޭ މެޗު އޮންނާނީ މިރޭ 11 ޖަހާއިރު އެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި ކޮސްޓަ ރީކާ ބައްދަލުކުރާނީ ސާބިއާއާ އެވެ. މި މެޗު އޮންނާނީ މިއަދު 5 ޖަހާއިރު އެވެ.