ރަނގަޅު ފެށުމަކާ އެކު ކްރޮއޭޝިއާ އަށް ހިތްހަމަޖެހުން
ރަނގަޅު ފެށުމަކާ އެކު ކްރޮއޭޝިއާ އަށް ހިތްހަމަޖެހުން

ވޮލްގޮގްރާޑް، ރަޝިއާ (ޖޫން 16) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ނައިޖީރިއާ އަތުން 2-0 އިން މޮޅުވެ ކްރޮއޭޝިއާ އިން ފެށުން ރަނގަޅުކޮށްފި އެވެ.

ރަނގަޅު ފެށުމަކާ އެކު ކްރޮއޭޝިއާ އަށް ހިތްހަމަޖެހުން
ރަނގަޅު ފެށުމަކާ އެކު ކްރޮއޭޝިއާ އަށް ހިތްހަމަޖެހުން

ކްރޮއޭޝިއާ އިން އެންމެ ފަހުން ކުޅުނު ތިން ވޯލްޑް ކަޕް ވެސް ފަށަން ޖެހުނީ ބައްޔަކުންނެވެ. އެ ޓީމު މޮޅަކުން އެންމެ ފަހުން ވޯލްޑް ކަޕް ފެށީ 1998 ވަނަ އަހަރު އެވެ. މިއީ ކްރޮއޭޝިއާ އިން އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު އަށް މެޗުގެ ތެރެއިން ލިބުނު ދެ ވަނަ މޮޅެވެ. އެ ޓީމު އެންމެ ފަހުން މޮޅުވީ 2014 ވަނަ އަހަރު ކެމަރޫން އަތުންނެވެ.

އެންމެ ފަހުން ބްރެޒިލްގައި އޮތް ވޯލްޑް ކަޕުން ކްރޮއޭޝިއާ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މި ފަހަރުގެ މުބާރާތުގައި ކުޅޭ ކްރޮއޭޝިއާ ޓީމަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދިއިރު ވާދަކުރި ޓީމަށް ފަހު ވޯލްޑް ކަޕެއްގައި ކުޅޭ އެ ގައުމުގެ އެންމެ ފުރިހަމަ ޓީމެވެ.

މި ގްރޫޕްގައި މިއަދު ކުޅުނު ފުރަތަމަ މެޗުން ގްރޫޕްގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު އާޖެންޓީނާ ވަނީ އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވެފަ އެވެ. އާޖެންޓީނާ އެއްވަރުވުމުގެ ފައިދާ ނަގައި ކްރޮއޭޝިއާ ވަނީ ގްރޫޕް އެއް ވަނަ އަށް ޖެހިލައިފަ އެވެ. މި ގްރޫޕުގައި ދެން ކުޅޭ މެޗުގައި ކްރޮއޭޝިއާ ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.

ވަރަށް އޮގަނައިޒްކޮށް ދެ ޓީމުގެ މެދުތެރެ ފެނިގެންދިޔައިރު، މެޗު ފަށައިގެން ދެ ޓީމުން ވެސް ބެލީ ބޯޅަ ހިފަހައްޓައިގެން ކުޅުމަށް ފަހު އެޓޭކް އުފައްދާށެވެ. މެޗުގެ ކުރީކޮޅުގައި ކްރޮއޭޝިއާގެ މެދުތެރެއަށް ކުޅޭ އިވާން ރަކިޓިޗް އާއި ކެޕްޓަން ލޫކަ މޮޑްރިޗްގެ ޕާސިން ގޭމް އެންމެ ރަނގަޅަށް ޖެއްސޭ ގޮތްނުވީ ނައިޖީރިއާގެ ކެޕްޓަން އޮބީ މިކޭލް އާއި ވިލްފްރެޑް އެންޑީޑީ ޑިފެންސިވް ކުޅުމުގެ ސަބަބުންނެވެ. އެކަމަކު މެޗުގެ ތެރެއަށް ކްރޮއޭޝިއާ އިން ރަނގަޅަށް ވަތް ފަހުން އެ ޓީމުގެ މެދުތެރެއިން މޮޅަށް ކުޅުނެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ 13 ވަނަަ މިނިޓްގައި ކްރޮއޭޝިއާގެ އިވާން ޕެރިސިޗް އެވެ. އޭނާ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. ކްރޮއޭޝިއާ އިން ލީޑުނެގީ މެޗުގެ 32 ވަނަ މިނިޓްގައި ނައިޖީރިއާގެ އޮގެނެކާރޯ އިޓޭބޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މި ފަހަރުގެ މުބާރާތުގައި ކުޅޭ އެންމެ ޒުވާން ގޯލްކީޕަރު ކަމަށްވާ ނައިޖީރިއާގެ ފްރާންސިސް އޮޒޯހޯ ކައިރިން މި ގޯލު ވަނީ ކްރޮއޭޝިއާގެ މާރިއޯ މަންޒުކިޗް ބޮލުން ޖެހި ބޯޅައެއް އިޓޭބޯ ފައިގައި ޖެހިފައި ގޮހެވެ.

ކްރޮއޭޝިއާ އިން ލީޑުނެގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނައިޖީރިއާގެ ކުރިއަށްކުޅޭ އޮޑިއޯން އިގާލޯ ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ފަހަތަށް ކުޅޭ ޑޭޔާން ލޮވްރެން ވަނީ ބްލޮކްކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާ އަށް ލީޑުފުޅާކޮށްދޭން އެ ޓީމުގެ އަންދްރޭ ކްރަމަރިޗް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ނައިޖީރިއާ އިން ގޯލަށް އަމާޒުކޮށް ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 60 ވަނަ މިނިޓްގައި އެ ޓީމުގެ އިގާލޯ އެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު ޑެނިއަލް ސުބަސިޗް ވަނީ މަތަކޮށްފަ އެވެ.

ކްރޮއޭޝިއާގެ ދެ ވަނަ ލަނޑު ޖެހިީ މެޗުގެ 71 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން މޮޑްރިޗް އެވެ. މިއީ މަންޒުކިޗަށް ވިލިއަމް އެކޮންގް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗުގެ ފަހު ކޮޅުގައި ބަދަލުތަކާ އެކު ނައިޖީރިއާ އިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާނުލެވުނެވެ.

މި މެޗުން ނައިޖީރިއާ ބަލިވިއިރު އެ ޓީމުން އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބޮސްނިއާ އަތުންނެވެ. ނައިޖީރިއާ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ އެންމެ ޒުވާން ޓީމެވެ.