17 ޖޫން 2018 - 09:44

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އަފްޣާނިސްތާނުގައި އެންމެ ވަރުގަދަ އަށް ހަމަލާ ބަދަލުކުރަމުން ދިޔަ ސަރަހައްދުތަކުން އިއްޔެ ފެނުނީ، މީގެ އެތައް މަހެއް ކުރިން ވެސް އެއްވެސް ބަޔަކު އުންމީދު ކުރި މަންޒަރެއް ނޫނެވެ. އަފްޣާނިސްތާނު ސިފައިންނާއި، އެ މީހުންނާ ދެކޮޅަށް ވަރުގަދަ އަށް ހަނގުރާމަ ކުރަމުން ދިޔަ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން އެއް ބަޔަކު އަނެއް ބަޔަކާ ކަރާ ކަރު ޖައްސައި ސަލާމްކޮށް އީދުގެ ތަހުނިޔާ އާއި ހަދިޔާ ބަދަލުކުރަމުން ދިޔަ މަންޒަރެވެ.

ކުންދޫޒް ޕްރޮވިންސްގެ އާންމުންގެ ބައެއް މީހުން ބުނި ގޮތުގައި، އެމީހުންގެ ލޯތަކަށް އިއްޔެ ފެނުނު މަންޒަރު އަދިވެސް ގަބޫލެއް ނުކުރެވެ އެވެ. އެއީ އިއްޔެއާ ޖެހެންދެން އެއް ބަޔަކު އަނެއް ބައެއްގެ ލޭ އޮހޮރުވުމަށް ކެތް މަދުވެފައި ތިބި ތާލިބާނުންނާއި އަފްޣާން ސިފައިން، އެ މީހުން ފިލައި ތިބި ތަންތަނުން މަގުތަކަށް ނުކުމެ، އެކަކު އަނެކަކާ ސަލާމްކޮށް ސެލްފީ ނަގައި އުޅުނު މަންޒަރެވެ. ޖަލާލް އާބާދުގައި ވެސް، ސަރުކާރު ސިފައިން މަގުތަކަށް ނުކުމެ ތާލިބާންގެ ހަނގުރާމަވެރިންނަށް މެޓަޔާއި ތަފާތު މޭވާތަކާއި ފޮނި ކާއެއްޗެހި ބަހައި އުޅުނެވެ.

މިއީ މި އަހަރުގެ ފިތުރު އީދުގެ އުފާ ފާޅުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، ސަރުކާރު ސިފައިން ހަމަލާ ބަދަލުކުރުން ހުއްޓާލައި، އެފަދައިން އަމަލު ކުރުމަށް ތާލިބާނުންނަށް ވެސް އެ ގައުމުގެ ރައީސް އަޝްރަފް ޣަނީ ގޮވައިލެއްވި ގޮވައިލެއްވުމަށް ދެ ފަރާތުން އިޖާބަ ދިނުމުގެ ނަތީޖާ އެވެ. ހަމަލާ ބަދަލުކުރުން ހުއްޓައިލި ކަން އަފްޣާން ސަރުކާރުން އިއުލާން ކުރީ އެއް ދުވަހަށެވެ. ނަމަވެސް ރައީސް ޣަނީ، އެ މުއްދަތު ތިން ދުވަހަށް އިތުރު ކުރެއްވުމުން ތާލިބާނުން ވެސް ވަނީ އެކަން ގަބޫލުކޮށްފަ އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓައިލި ނަމަވެސް، ނަންގަރްހާރް ޕްރޮވިންސްގައި އިއްޔެ ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 20 މީހަކު މަރުވި އެވެ. އެ ޕްރޮވިންސް ތަރުޖަމާން އަތާއުﷲ ބީބީސީ އަށް ބުނި ގޮތުގައި އެ ހަމަލާގައި އިތުރު 47 މީހަކު ޒަޚަމްވި އެވެ. މަރުވި މީހުންގެ ތެރޭގައި ތާލިބާންގެ ހަނގުރާމަވެރިންނާއި އެ ސަރަހައްދުގެ އާންމުން ހިމެނެ އެވެ.
ތާލިބާނުން ބުނި ގޮތުގައި އެ ހަމަލާއާ އެ ޖަމާއަތާ އެއްވެސް ގުޅުމެއް ނެތެވެ. އަދި އެހެން ޖަމާއަތަކުން ވެސް އެ ހަމަލާގެ ޒިންމާ އުފުލާފައި ނުވާ އިރު، އެ ސަރަހައްދަކީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ގިނަ އަދަދަކަށް އުޅޭ ސަރަހައްދެއް ކަމަށް އަފްޣާން ސަރުކާރުން ބުނެ އެވެ.
ފިތުރު އީދުގެ މުނާސަބާގައި އަފްޣާން ސަރުކާރުން ވަނީ، ޖަލުގައި ތިބި ތާލިބާން ޖަމާއަތުގެ ބައެއް ހަނގުރާމަވެރިންނަށް މައާފް ދީ މިނިވަންކޮށްފަ އެވެ. ރައީސް ޣަނީ ވިދާޅުވި ގޮތުގައި ފިތުރު އީދަށް ހަމަލާތައް މެދުކަނޑައިލުމުގެ ސަބަބުން ދާއިމީ ސުލްހައަކަށް މަގު ފަހިވުމަކީ އޭނާ ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމެކެވެ.
ފިތުރު އީދުގެ މުނާސަބަތުގައި ޓީވީން ދެއްވި ހިތޯބެއްގައި ޣަނީ ވިދާޅުވީ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނަށް ވެސް، އެ ގައުމުގެ އާންމު ރައްޔިތުންނެކޭ އެއްފަދައިން ހުރިހާ ކަމެއްގައި ވެސް ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
އަފްޣާނިސްތާނު ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންގެ ގިނަ މީހުން އުޅެމުން ދަނީ އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ފަރުބަދަތަކާއި ވާދީތަކުގެ ތެރޭގަ އެވެ. އެ ސަރަހައްދަށް އެމެރިކާގެ އަސްކަރީ ޑްރޯން މަތިންދާބޯޓަކުން ދިން ހަމަލާއެއްގައި، ޕާކިސްތާނުގައި އޮންނަ ތާލިބާން ޖަމާއަތުގެ ވެރިޔާ މުއްލާ ފަޟްލުﷲ މިދިޔަ ބުރާސްފަތި ދުވަހު މަރާލާފައިފާ ކަމަށް އެމެރިކާއާ ހަވާލާދީ އަފްޣާނިސްތާނު ސަރުކާރުން ބުނެ އެވެ.
ހަރުކަށި ސިޔާސަތުތަކަކާ އެކު އަފްޣާނިސްތާނުގައި ވެރިކަން ކުރަމުން އައި ތާލިބާން ޖަމާއަތުގެ ވެރިކަން ވެއްޓުނީ، އެމެރިކާ އާއި ވިލާތުގެ ގައުމުތައް ގުޅިގެން ކުރި ހަނގުރާމައިގެ ތެރޭގައި 2001 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން ތާލިބާން ޖަމާއަތް ގެންދަނީ އަފްޣާން ސަރުކާރާ ދެކޮޅަށް ހަނގުރާމަކޮށް ސަރުކާރުގެ މައްޗަށް ވެރިވެގަތުމަށެވެ.