17 ޖޫން 2018 - 00:07

ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން ދިރާގުން މާލެ އާއި ރަށްރަށުގައި ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނިން ބުނީ، މާލޭގެ އިތުރުން، އެ ކުންފުނީގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ހިންގާ ރަށްރަށުގެ ކުޑަކުދިންނަށް އިއްޔެ އީދު ހަދިޔާ ބެހި ކަމަށެވެ.
"މިއަހަރު ވެސް ފިތުރު އީދުގެ މި އުފާވެރި މުނާސަބަތުގައި ކުޑަކުދިނަން ބޭނުންތެރި ހަދިޔާ ދިނުމަކީ ދިރާގުގެ ހުރިހާ މުވައްޒަފުންނަށް ވެސް ލިބިގެން ދިޔަ އުފަލެއް،" ދިރާގުން ބުނެ އެވެ.
އީދު ހަދިޔާ ބެހުމުގެ އިތުރުން، ރޭ މާލޭގައި ވަނީ، ދިރާގު ބިލްޑިންގުގެ ޚާއްސަ ލައިޓް ޝޯ އެއް ވެސް ބާއްވާފަ އެވެ. ދިރާގުން ބުނީ ލައިޓް ޝޯ ބަލަން ސުނާމީ ބިނާ ސަރަހައްދަށް 500 އަށް ވުރެ ގިނަ ކުދިން ޖަމާވި ކަމަށެވެ.
ލައިޓް ޝޯ ބަލަން ސުނާމީ ބިނާ ސަރަހައްދަށް ދިޔަ ކުދިންނަށް ވެސް ދިރާގުން ވަނީ ޚާއްސަ ހަދިޔާތައް ބަހާފަ އެވެ. އަދި އެ ޝޯ ގައި އެންމެ ބޮޑު ތަރުހީބެއް ލިބުނު "ރޮބޯ މޭން" ކެރެކްޓާ އާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު، އެ ތަނަށް ދިޔަ ކުދިންނަށް ދިނެވެ.
ކުޑަކުދިންނާ ގުޅުންހުރި ތަފާތު ކަންކަމަކީ، ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދީގެން އެ ކުންފުނިން ކުރަމުން އަންނަ ކަމެކެވެ.