16 ޖޫން 2018 - 18:14

ޔަމަންގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ހުދައިދާ އަށް އަތް ގަދަކޮށްގެން ތިބި ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީ ބަލިކުރުމަށް ފަހު، ޔަމަން ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ހުދައިދާގެ ވައިގެ ބަނދަރު ގެނެސްފި އެވެ.
ޔަމަން ސަރުކާރުން ބުނި ގޮތުގައި ހުދައިދާގެ ވައިގެ ބަނދަރު ހިފީ، ސައޫދީ އަރަބިއްޔާ އިން އެކުލަވާލާފައިވާ ގުޅިފައިވާ ލަޝްކަރުން ހޫތީންނާ ދެކޮޅަށް ދިން ވަރުގަދަ ހަމަލާތަކަށް ފަހު އެވެ. ވައިގެ ބަނދަރުން ހޫތީންގެ ބާރު ކެނޑުމާ އެކު، ސަރުކާރުގެ އަސްކަރީ އިންޖިނޭރުން މިހާރު ކުރަމުންދަނީ، ވައިގެ ބަދަރުގައި މައިން ހަރުކޮށްފައި ހުރިތޯ ބެލުމުގެ މަސައްކަތެވެ.
ހުދައިދާގެ ބަނދަރު ހިފުނު ކަމަށް ސަރުކާރު ސިފައިން ބުނި ނަމަވެސް ހޫތީ ހަނގުރާމަވެރިން އެކަމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ވެއަތުވެ ދިޔަ ދެ ދުވަހު ވަރަށް ވަރުގަދަ އަށް ހަނގުރާމަ ހިނގި ނަމަވެސް، ރެއިން ފެށިގެން ހުދައިދާގެ ތެރެއިން، ހަމަލާ ބަދަލުކުރާ އަޑު ކެނޑިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފަރަންސޭސި ނިއުސް އޭޖެންސީން ބުނާ ގޮތުގައި ހުދައިދާގެ ވައިގެ ބަނދަރުގެ ކުރިމަގާ ބެހޭ ގޮތުން ހޫތީ ހަނގުރާމަވެރިންނާ މަޝްވަރާ ކުރުމަށް، އދ.ގެ ހާއްސަ މަންދޫބު މާޓިން ގްރިފިޓްސް މިއަދު ހެނދުނު ވަނީ ޔަމަންގެ ވެރިރަށް ސަންއާ އަށް ވަޑައިގެންފަ އެވެ. އޭނާ ހުށަހަޅުއްވާނެ ކަމަށް ބެލެވެނީ ހުދައިދާގެ ވައިގެ ބަނދަރުގެ ކަންތައް އދ.ގެ ޚާއްސަ ކޮމިޓީއަކުން ކުރާ ގޮތަށް އދ. އާ ހަވާލު ކުރުމަށެވެ.
ހޫތީން ވެރިވެގަނެގެން ތިބި ހުދައިދާ، ޔަމަން ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް، ގުޅިފައިވާ ލަޝްކަރުގައި ހިމެނޭ އެމިރޭޓްސްގެ ސިފައިން ހަމަލާތައް ދޭން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. މި ހަމަލާތައް ފެށީ ހުދައިދާ ހިސޯރު ކުރިތާ އެތައް މަހެއް ފަހުންނެވެ.
ވެއަތުވެ ދިޔަ ތިން ދުވަހު ކުރި ހަނގުރާމައިގައި 39 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހޫތީން 30 ހަނގުރާމަވެރިންނާއި ޔަމަން ސަރުކާރު ސިފައިންގެ ނުވަ މީހެކެވެ. ހުދައިދާގައި 600،000 މީހުން ދިރިއުޅޭއިރު، ގުޅިފައިވާ ލަޝްކަރުގެ ހިސާރުގެ ސަބަބުން އެމީހުންނަށް ބޭނުންވާ ކާނާ އާއި ބޭސްފަރުވާގެ ހިދުމަތް ލިބުމަށް ހުރަސް އެޅިފައިވާ ކަމަށް، އިންސާނީ އެހީތެރިކަމުގެ ޖަމިއްޔާތަކުން ބުނެ އެވެ.
އެމިރޭޓްސްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މުޅި ހުދައިދާ ހިފުމުގެ ހަނގުރާމަ އަދި އޮތީ ކުރިއަށެވެ. އެ ހަނގުރާމައަށް އެމިރޭޓްސްގެ ސިފައިންގެ އިތުރުން، ޔަމަން ސަރުކާރުގެ ސިފައިންނާއި ސޫދާންގެ ސިފައިންގެ ބޮޑު ފައުޖެއް މިހާރު އެރިޓްރިއާގައި ތައްޔާރީ ހާލަތުގައި އެބަ އޮތެވެ.
ހޫތީ ހަނގުރާމަވެރިން ޔަމަން ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރު ފެށި ހަނގުރާމައިގައި ޔަމަންގެ ހުޅަނގުގެ ބޮޑު ސަރަހައްދަކަށް ވެރިވެ އެންމެ ފަހުން ވެރިރަށް ސަންއާ ވެސް ހިފައި، ރައީސް އަބްދު ރައްބު މަންސޫރު ހާދީ ގައުމުން ބޭރަށް ވަޑައިގަންނަވަން މަޖުބޫރުވި އެވެ. އީރާންގެ މަދަދާ އެކު ހޫތީން ބޭނުންވަނީ ޝީއީންގެ ވަކި ވެރިކަމެއް ޔަމަންގައި ގާއިމު ކުރުމަށެވެ.
ނަމަވެސް ސައޫދީ އަރަބިއްޔާއާ އިންވެގެން އޮތް ޔަމަނަށް ޝީއީންގެ ބާރު ގަދަވާން ފެށުމާ އެކު، ސައުދީ އަރަބިއްޔާ އިސްވެ އަރަބި އަށް ގައުމަކާ އެކު ގުޅިފައިވާ ލަޝްކަރެއް އުފައްދައި، ޔަމަންގެ ސަރުކާރުގެ ދިފާއުގައި އަންނަނީ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އދ.ގެ ހިސާބުތައް ބުނާ ގޮތުން މި ހަނގުރާމައިގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން މަރުވެ 55،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.