އިރާގުގެ 18 މީހަކަށް ބަދަލު ދޭން ޑެންމާކަށް އަންގައިފި
އިރާގުގެ 18 މީހަކަށް ބަދަލު ދޭން ޑެންމާކަށް އަންގައިފި

އިރާގު ހަނގުރާމައިގެ ތެރޭގައި ލާއިންސާނީ އަމަލުތަކުގެ ޝިކާރައަކަށް ވެފައިވާ އިރާގުގެ އާންމު ރައްޔިތުންގެ 18 މީހަކަށް ޑެންމާކް ސަރުކާރުން ބަދަލު ދޭން ކޮޕަންހޭގަން ކޯޓުން ޑެންމާކް ސަރުކާރުގެ މައްޗަށް އަމުރު ކޮށްފި އެވެ.

ބަދަލު ހައްގުވާ 18 މީހުންނަކީ، އިރާގު ސިފައިންނާއި ޑެންމާކް ސިފައިން ގުޅިގެން 2004 ވަނަ އަހަރު ބަސަރާ ކައިރީގައި ހިންގި އަސްކަރީ ހަރަކާތެއްގައި އިރާގު ސިފައިންގެ ފަރާތުން ލާއިންސާނީ އަނިޔާތަކާ ކުރިމަތިލާން ޖެހުނު އާންމުންގެ ބައެކެވެ. މި ހަމަލާގައި އަމަލީ ގޮތުން ޑެންމާކް ސިފައިން ބައިވެރި ނުވި ކަމުގައި ވިޔަސް، ކޮޕަންހޭގަން ކޯޓުން ނިންމީ، އެ އަސްކަރީ ހަރަކާތް ހިންގީ ޑެންމާކް ސިފައިން ވެސް ބައިވެރިވެގެން ކަމަށްވެފައި، އިރާގު ސިފައިން އެފަދަ ޖަރީމާއެއް ހިންގި އިރު އެކަން ނުހުއްޓުވީތީ، އެކަމުގެ ޒިންމާ ޑެންމާކް ސިފައިން ނަގަންޖެހޭނެ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ކޮޕަންހޭގަންގެ އެޕީލް ކޯޓަށް އިރާގުގެ 23 މީހަކު، ޑެންމާކް ސަރުކާރާ ދެކޮޅަށް މައްސަލަ ހުށަހެޅި އެވެ. އޭގެ ތެރެއިން ބަދަލު ދޭންޖެހޭނެ ކަމަށް ކޯޓުން ކަނޑައެޅީ 18 މީހަކަށެވެ. ކޯޓުން ކަނޑައެޅީ ކޮންމެ މީހަކަށް 30،000 ޑެނިޝް ކްރޯން (ގާތްގަނޑަކަށް 4،600 ޑޮލަރު) ދިނުމަށެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން، އިރާގު ސިފައިންގެ ބަޔަކު އެގައުމުގެ އާންމުންގެ ބަޔަކު ހައްޔަރުކޮށް ލާއިންސާނީ އަނިޔާތައް ދިނުމުގައި ޑެންމާކް ސިފައިން ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް ލިބިފައެއް ނެތެވެ. ނަމަވެސް އިރާގު ސިފައިން އެ ޖަރީމާ ހިންގީ ޑެންމާކް ސިފައިންގެ ހާޒިރުގައި ކަމަށްވެފައި އެކަން ނުހުއްޓުވުމުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ.

އިރާގު ހަނގުރާމައިގައި ޑެންމާކް ސިފައިން ބައިވެރިވެ ގައުމުގެ ބައިތުލް މާލުން ބޮޑު ހަރަދެއް ކުރަންޖެހުމުން ޑެންމާކްގެ އާންމުންގެ ފަރާތުން ވަނީ ސަރުކާރަށް ފާޑުކިޔުން ކުރިމަތިވެފަ އެވެ. އަދި ބްލެކް ވޯޓާ ކިޔާ އަސްކަރީ ހިދުމަތްދޭ ކުންފުންޏަކާއެކު އެގްރީމެންޓް ހަދައިގެން އިރާގުގައި ހަރަކާތްތެރިވި ދުވަސްވަރު، އެ ކުންފުނިން އިރާގުގެ އާންމުންގެ 17 މީހަކު މަރައިލި މައްސަލައިގައި ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން ރައްދުވެފަ އެވެ.

އެ މައްސަލައިގައި ސަރުކާރަށް ފިއްތުންތައް ކުރިމަތިވުމުން، ބްލެކްވޯޓާއާ އެކު ހެދި އެއްބަސްވުން ފޮރުވަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ކުރީގެ ދިފާއީ ވަޒީރު ސޮރެން ގާޑް އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން ކުރިމަތިވެފަ އެވެ.