16 ޖޫން 2018 - 20:01

މޮސްކޯ (ޖޫން 16) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ކުޑަކުޑަ ގައުމެއް ކަމަށްވާ އައިސްލެންޑުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ ލިއޮނަލް މެސީގެ އާޖެންޓީނާއާ 1-1 އިން އެއްވަރުކޮށްފި އެވެ.
ތިން ލައްކައެއްހާ މީހުން ދިރިއުޅޭ އައިސްލެންޑުން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވެ ގިނަ ބަޔަކަށް ހައިރާންކަން ގެނުވައިފަ އެވެ. އަދި ކޮލިފައިން ބުރުގައި ތުރުކީ ފަދަ ޓީމުތަކުގެ މައްޗަށް ކުރި ހޯދައި އައިސްލެންޑުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅޭއިރު، އެ ޓީމުން މިރޭ މި މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ އާޖެންޓީނާއާ ދެކޮޅަށް ދެއްކި ހިތްވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފު އޮއްސަމުންނެވެ.
އައިސްލެންޑް ބައިނަލްއަގްވާމީ މެޗެއްގައި ކުޅުނު ފުރަތަމަ މެޗަކީ 2016 ވަނަ އަހަރުގެ ޔޫރޯގައި ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލާ ދެކޮޅަށް އައިސްލެންޑް ކުޅުނު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މިރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި މެސީ ނަަގައިދިން ހިލޭ ޖެހުމަކުން ޒުވާން ޑިފެންޑަރު ނިކޮލަސް ޓަގްލިފިއާކޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. މެޗުގައި ލަނޑު ޖަހަން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ އައިސްލެންޑުގެ ބާކިރް ބިޔޯނަސަން އަށެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
އޭގެ ފަހުން އޭރިއާ ބޭރުން މެސީ ފޮނުވާލި ބާރު ބޯޅަ އައިސްލެންޑް ކީޕަރު ހެނޭ ހަލްޑޯސަން ވަނީ މަތަކޮށްފަ އެވެ. އާޖެންޓީނާ އަށް ލިޑުނަގައިދިނީ މެޗުގެ 19 ވަނަ މިނިޓްގައި ސާޖިއޯ އަގުއޭރޯ ވައްދާލި ގޯލުންނެވެ. މިއީ ވޯލްޑް ކަޕްގައި އަގުއޭރޯ ޖެހި ފުރަތަމަ ގޯލެވެ. ގޮންޒާލޯ ހިގައިންގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ކުޅެމުންދިޔަ އަގުއޭރޯ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުންނެވެ.
އާޖެންޓީނާ އަށް ލީޑު ހިފަހައްޓާލެވުނީ ހަތަރު މިނިޓް ވަންދެނެވެ. ކައުންޓަ އެޓޭކުގައި މެޗުގެ 23 ވަނަ މިނިޓްގައި އައިސްލެންޑުގެ ގޯލު ޖަހައިދިނީ އެ ޓީމުގެ ކުރިއަށްކުޅޭ އަލްފްރެޑް ފިންބޯގަަސަން އެވެ. އައިސްލެންޑްގެ ގިލްފީ ސިގަޑްސަން ފޮނުވާލި ބޯޅައެއް އާޖެންޓީނާގެ ކީޕަރު ވިލީ ކަބަލޭރޯ އަތުގައި ޖެހިފައި ލިބުނީ ފިންބޯގަސަން އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ އައިސްލެންޑްގެ ފުޓްބޯޅަ ތާރީހުގައި ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ގޯލެވެ.
އައިސްލެންޑުން ނަތީޖާ ހަމަކުރުމުން އާޖެންޓީނާ އިން ކުރިއަށް ޖެހިގެން އަލުން ކުޅެން ފެށި އެވެ. އެކަމަކު އައިސްލެންޑުގެ ފަހަތް ފެނުނީ ކުރިއަށް ވުރެން އޮގަނައިޒްކޮށެވެ. އާޖެންޓީނާގެ އެޓޭކަށް އެ ޑިފެންސުގެ ތެރެއިން މާ ބޮޑު ކަމެއް ނުކުރެވުނެވެ. ހާއްސަކޮށް މެސީ އަށް ލިބޭ ބޯޅަތަކުގައި އައިސްލެންޑުގެ ދެ ކުޅުންތެރިން އޭނާ ހުއްޓުވަން ގާތްކުރެ އެވެ.
ހާފު ނިމުމުގެ ކުރިން ލީޑުނަގަން އައިސްލެންޑަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ސިގަޑްސަން ޖެހި ބޯޅަ ކީޕަރު ކަބަލޭރޯ ވަނީ މަތަކޮށްފަ އެވެ.
ދެ ވަަނަ ހާފު ފަށައިގެން ލޫކަސް ބިޖްލިއާގެ ބަދަލުގައި އެވާ ބަނޭގާ ކުޅެން އެރި ހިސާބުން އާޖެންޓީނާ އިން ކުޅުން ރަނގަޅުކޮށް އަލުން އެޓޭކް ރަނގަޅުކުރި އެވެ. އަދި މެޗުގެ 63 ވަނަ މިނިޓްގައި އާޖެންޓީނާ އަށް އަލުން ލީޑުނަގައިދޭން މެސީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ލިބުނު ޕެނަލްޓީ އަކުން މެސީ ޖެހި ބޯޅަ ކީޕަރު ހަލްޑޯސަން ވަނީ މަތަކޮށްފަ އެވެ. މިއީ އާޖެންޓީނާ އަށް ކުޅެމުން މެސީ އަތުން ބޭކާރުވި ތިން ވަނަ ޕެނަލްޓީ އެވެ.
މެޗުގެ 78 ވަނަ މިނިޓްގައި މެސީ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅައެއް އޭނާ ގޯލަށް ފޮނުވާލުމުގެ ކުރިން އައިސްލެންޑުގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ބޭރުކޮށްލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން އޭރިއާ ބޭރުން މެސީ ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ހަވިއޭ މަޝެރާނޯ އާއި ބަނޭގާ ޖެހި ޝޮޓްތައް ކީޕަރު ހަލްޑޯސަން ވަނީ މަތަކޮށްފަ އެވެ.
އިތުރު ވަގުތުގައި އޭރިއާތެރެއިން މެސީ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި މިރޭ 12 ޖަހާއިރު ކްރޮއޭޝިއާ ނުކުންނާނީ ނައިޖީރިއާއާ ދެކޮޅަށެވެ.