ގަދަފަދަ ފްރާންސަށް އޮސްޓްރޭލިއާ އަތުން އުނދަގޫ މޮޅެއް
ގަދަފަދަ ފްރާންސަށް އޮސްޓްރޭލިއާ އަތުން އުނދަގޫ މޮޅެއް

ކަޒާން (ޖޫން 16) – ފީފާ ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރި މެޗުގައި، ނަން ހުސްކޮށް ހުނަރުވެރި ތަރިން ތިބި ގަދަފަދަ ފްރާންސުން އޮސްޓްރޭލިއާ އަތުން އުނދަގުލުން 2-1 އިން މޮޅުވެއްޖެ އެވެ.

ގަދަފަދަ ފްރާންސަށް އޮސްޓްރޭލިއާ އަތުން އުނދަގޫ މޮޅެއް
ގަދަފަދަ ފްރާންސަށް އޮސްޓްރޭލިއާ އަތުން އުނދަގޫ މޮޅެއް

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ޕައުލް ޕޮގްބާ އާއި އޮސްމާނޭ ޑެމްބެލޭ އަދި އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެންޓޮއިން ގްރިޒްމަން ހުއްޓުވުމުގައި އޮސްޓްރޭލިއާ އިން ވަނީ އޯގަނައިޒް ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކައިފަ އެވެ. މުޅި މެޗުގައި ވެސް އޮސްޓްރޭލިއާ އިން ދިޔައީ ފްރާންސަށް އެޓޭކް އުފެއްދިޔަ ނުދިމުމަށްޓަކައި ހުސް ޖާގަތައް ބައްދަމުންނެވެ.

ފުރަތަމަ ހާފުގައި ފްރާންސަށް ނުރައްކާ ކުރެވުނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާތަކަކުންނެވެ. ޕޮގްބާ ފޮނުވާލި ހިލޭ ޖެހުމާއި ގްރިޒްމަން ފޮނުވާލި ހިތްގައިމު ޝޮޓް އޮސްޓްރޭލިއާގެ ގޯލްކީޕަރު މެތިއު ރިޔާން ސަލާމަތްކުރި އެވެ. މި ހާފުގައި އޮސްޓްރޭލިއާގެ ނުރައްކާތެރި ހަމަލައެއް ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކުރި އެވެ.

ފްރާންސަށް އެންމެ ފަހުން ލަނޑެއް ޖެހޭގޮތްވީ 54 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ގްރިޒްމަން ވައްދާލި މި ޕެނަލްޓީއަކީ އޭނާ އަށް އޮސްޓްރޭލިއާ ކުޅުންތެރިއަކު އޭރިއާ ތެރެއިން ކުރި ފައުލަކަށް ވީއޭއާރް ބޭނުންކޮށްގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. ފުރަތަމަ ޕެނަލްޓީ ދޭން ރެފްރީ ދެކޮޅު ހެދި ނަމަވެސް ވީޑިއޯ ރީޕްލޭ ބެލުމަށް ފަހު އޭނާ ނިންމީ އެއީ ޕެނަލްޓީއެއް ކަމަށެވެ. ވީއޭއާރް ބޭނުންކޮށްގެން ނިންމި ފުރަތަމަ ނިންމުން ފްރާންސަށް ލިބުނުއިރު އެ ޓީމަކީ ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ފުރަތަމަ ގޯލް ޖެހި ޓީމު ވެސް މެ އެވެ.

މި ލަނޑާ އެކު ފްރާންސަށް ހަމަޖެހިނުލެވެނީސް އޮސްޓްރޭލިއާ އަށް ޕެނަލްޓީއެއް ލިބި ނަތީޖާ ހަމަހަމަކުރި އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަކަށް އަރަނިކޮށް ފްރާންސްގެ ސެމުއެލް އުމްޓީޓީ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ ވައްދާލީ އޮސްޓްރޭލިއާ ކެޕްޓަން މިލޭ ޔެޑިނަކް އެވެ.

މެޗުގެ ފަހުބައިގައި ފްރާންސަށް މިނިވަންކަމާ އެކު ކުޅެލަން ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް މެދުތެރެއިންނާއި ކުރިން ގެނައި ބަދަލުތަކާ އެކު އެވެ. ފްރާންސަށް މެޗުގައި އަލުން ލީޑު ނަގައިދިނީ 80 ވަނަ މިނެޓުގައި ޕޮގްބާ އެވެ. އޭނާ ފޮނުވާލި ބާރު ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ގޯލް ރޮނގު ހުރަސްކުރުމަށް ފަހު އަލުން ނުކުތެވެ. އެއާ އެކު އެ ބޯޅަ އޮސްޓްރޭލިއާ ކީޕަރު ހިފި ނަމަވެސް ރެފްރީ ނިންމީ ބޯޅަ އެއްކޮށް ގޯލު ރޮނގު ހުރަސްކޮށްފައިވާ ކަމަށެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ ޕެރޫ އާއި ޑެންމާކެވެ. އެ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރެވެ.