17 ޖޫން 2018 - 09:39

ވާވޭ އިން 200 މިލިއަން ސްމާޓްފޯން ވިއްކަން އަމާޒުހިފައިފި އެވެ. ބޭނުމަކީ ސްމާޓްފޯން މާކެޓްގައި އެޕަލް ތިން ވަނަ އަށް ވައްޓާލުމެވެ. ސްމާޓްފޯން މާކެޓްގައި ވާވޭ މިހާރު އޮތި ތިން ވަނައިގަ އެވެ. ސެމްސަންގް އެއްވަނައިގަ އެވެ. އެޕަލް ދެވަނައިގަ އެވެ.
ފާއިތުވި އަހަރުތަކަށް ބަލާއިރު ސްމާޓްފޯން މާކެޓުން ބޮޑު ތަންގަނޑެއް ކާލުމަކީ ވާވޭ އަށް ދަތި ކަމަކަށް ވާނެ ކަމަކަށް ނުފެނެ އެވެ. ޗައިނާގައި ސެމްސަންގަށް ވުރެ ވާވޭ ބޮޑު ފަރަގަކުން މަޝްހޫރުއިރު އަދި ޔޫރަޕާއި އޭޝިޔާގައި ވެސް ވާވޭ ވަނީ އެ ބާރުގައި މުގޫހަރުލައްވާފަ އެވެ.
ދުނިޔޭގެ ސްމާޓްފޯން މާކެޓްގައި އެޕަލްއާ ވާދަކޮށް ބޮޑު ޖާގައެއް ކަށަވަރުކުރަން ވާވޭ މިސްރާބުޖަހާއިރު އޮތް ހަމައެކަނީ ހިތާމަ އަކީ އެމެރިކާ ތެރެއިން ވާވޭ އަށް ދިމާވެފައި އޮތް ދެރަ އެވެ. ވާވޭ ނެޓްވޯކް ޑިވައިސްތަކުން ޖާސޫސްކުރާ ކަމަށް ބުނެ އެމެރިކާގައިން ވަނީ ވާވޭ ފޯނުތައް ވިއްކަން ހުރަސްއަޅާފަ އެވެ. އެމެރިކާ ތެރެ އަށް ވަދެގަންނަ އޮތްހައި މަގެއް ވަނީ ބަންދުކޮށްފަ އެވެ.
އެމެރިކާ އަކީ ވާވޭ އަށް މައްސަލައަކަށް ނުވާ ކަަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވަމުން، ސީއީއޯ ވިދާޅުވި ގޮތުގައި، އަހަރުގައި ބާކީ އޮތް ތަން އެ މީހުންނަށް ފުދެ އެވެ. މާނަ އަކީ ދެވަނަ މަގާމަށް ދަތުރުކުރުމަށް ހަތަރު މަސް ދުވަހަކީ ރަނގަޅު މުއްދަތެެއް ކަމެވެ. އެެހެން ނަމަވެސް މަސްރަހު ދަންނަ މީހުން މިކަމާ ދެކޮޅެވެ. ގިނަ ބަޔަކަށް ގަބޫލުކުރެވޭ ގޮތުގައި، އެޕަލް ތިން ވަނަ އަށް ވައްޓާލުމަށް ފަހު ދެވަނަ އަށް އެރުމަށް ވާވޭ ކުރާ މަސައްކަތް މި އަހަރު ކާމިޔާބެއް ނުވޭނެ އެވެ. އެކަމަކު ވެސް ވަރަށް ކައިރިކުރާނެ އެވެ. އެ ރޫހުގައި ވާވޭ މަސައްކަތްކުރާ ނަމަ 2019 ގައި ވާވޭ އަށް ދެވަނަ ލިބުން އެކަށީގެންވެ އެވެ.