16 ޖޫން 2018 - 16:56

އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، ކަސްޓަމާ އެކްސްޕީރިއަންސް ކޮންސަލްޓަންޓް ރޮން ކައުފްމަންގެ އިވެންޓެއް އޮގަސްޓް 4 ގައި ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
މި އިވެންޓު ބާއްވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރުޕީ) އާއި ކައުފްމަންގެ ޖަމިއްޔާއެއް ކަމަށްވާ "އަޕް! ޔުއާ ސާވިސް" އާ ގުޅިގެންނެވެ.
ކަސްޓަމާ ސާވިސްގެ ދާއިރާގައި ކުރިއަށް ދިއުމުގެ ސިއްރުތަކުގެ ނަމުގައި ބާއްވާ ތަމްރީން ޕްރޮގްރާމް އޮންނާނީ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ އޮޑިޓޯރިއަމްގަ އެވެ. ތަމްރީނުތައް ބާއްވަނީ އެ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށެވެ.
މި އިވެންޓުގައި ބައިވެރިވާ ބޭނުން ފަރާތްތަކުން އެމްއޭއެޗްޕީއާރު އަށް އީމެއިލް ފޮނުވުމަށް އެތަނުން އެދެ އެވެ.
އެމްއޭއެޗްޕީއާރުން ބުނީ، މި އިވެންޓުގައި މޯޓިވޭޝަނަލް ސްޕީޗަކާއި ކަސްޓަމާ ސާވިސް ކުރި އަރުވައިގެން ވާދަވެރިކަމުގައި ކާމިޔާބު ހޯދާނެ ގޮތްތަކުގެ މައުލޫމާތުތައް ކައުފްމަން ހިއްސާ ކުރާނެ ކަމަށެވެ.
ކައުފްމަން އަކީ މިފަދަ ތަމްރީނުތައް ދިނުމުގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ވަރަށް މަޝްހޫރު ޓްރެއިނަރެކެވެ. އަދި ކަސްޓަމާ ސާވިސް އާ ގުޅޭ ވަރަށް މަޝްހޫރު ފޮތްތައް ވެސް އޭނާ ލިޔެފައި ވެ އެވެ.
އެޗްޕީ، އެމެރިކަން އެކްސްޕްރެސް، ނޮކިޔާ، ސިންގަޕޯ އެއާލައިންސް އަދި ޗަންގީ އިންޓަނޭޝަނަލް އެއާޕޯޓް ފަދަ ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނި ތަކުގައި ވެސް ކަސްޓަމާ ސާވިސް އާ ގުޅޭ ތަމްރީނުތައް ކައުފްމަން ހިންގަ އެވެ.