ސަލްމާން، ކެޓްރީނާ އަދި ސޮނާކްޝީއަށް ދައުވާކޮށްފި
ސަލްމާން، ކެޓްރީނާ އަދި ސޮނާކްޝީއަށް ދައުވާކޮށްފި

އެމެރިކާގައި ބާއްވަން ރޭވި އިވެންޓެއްގައި ޕަފޯމް ކުރަން އެއްބަސްވެ، އަގު ވެސް ނެގުމަށް ފަހު، އެގްރިމަންޓާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ބުނެ ސަލްމާން ހާނާއި ކެޓްރީނާ ކައިފް އަދި ސޮނާކްޝީ ސިންހާ އަށް އެމެރިކާގެ ޝިކާކޯގެ ކުންފުންޏަކުން ދައުވާކޮށްފި އެވެ.

ވައިބްރަންޓް މީޑިއާ ގްރޫޕުން އެ ތިން ތަރިންނަށް ދައުވާ ކުރަނީ "ސެލެބްރޭޓިން 100 އިޔާޒް އޮސް އިންޑިއަން ސިނެމާ" ގެ ނަމުގައި ސެޕްޓެމްބަރު، 1، 2013 ގައި ބާއްވަން ނިންމި އިވެންޓަށް އެއްބަސްވުމަށް ފަހު، އެ އިވެންޓްގައި އެ މީހުން ޕަފޯމް ނުކުރުމުގެ އިތުރަށް، ފައިސާ ވެސް އަނބުރާ ދީފައި ނުވާތީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ އިވެންޓްގައި ޕަފޯމް ކުރަން ސަލްމާނަށް 200،000 ޑޮލަރު، ކެޓްރީނާ އަށް 40،000 ޑޮލަރު އަދި ސޮނާކްޝީ އަށް 36،000 ޑޮލަރު އެއްބަސްވުމުގެ ދަށުން ދިނެވެ. އެކަމަކު އިވެންޓް ކެންސަލް ކުރަން ޖެހި، ވައިބްރަންޓް މީޑިއާ އަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުމުން ފައިސާ އަނބުރާ ހޯދަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް ބުންޏެވެ.

ތަރިންނާއި އެ މީހުންގެ އެޖެންޓުންނާ ވެސް ގުޅަން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބު ނުވުމުން މައްސަލަ ކޯޓަށް ހުށަހެޅީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަލްމާނަށް އިވެންޓަށް ދެވޭ ގޮތް ނުވީ ހިމާޔަތްކޮށްފައިވާ ފުއްލާތަކެއް ޝިކާރަކުރި މައްސަލާގައި އޭރު ދައުވާ ކުރާތީ، ގައުމުން ބޭރަށް ދާން ކޯޓުން މަނާކޮށްފައި އޮތުމުންނެވެ. އެ މައްސަލާގައި ސަލްމާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި، ކަފާލާތުގެ ދަށުން ފަހުން މިނިވަން ކުރީ މިދިޔަ އެޕްރީލް މަހުގެ 7 ގަ އެވެ.

ވައިބްރަންޓް މީޑިއާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އިވެންޓް ކުރިން ބާއްވަން ނިންމި ތާރީހަށް ބޭއްވޭ ގޮތް ނުވުމުން، އެހެން ތާރީހަކަށް ފަސް ކުރަން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު އެކަމަށް ސަލްމާން އެއްބަސް ނުވި ކަމަށް ބުނެފައިވެ އެވެ.

މި މައްސަލާގައި ސަލްމާނާއި ކެޓްރީނާ އާއި ސޮނާކްޝީ އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ. އެކަމަކު "ދަ-ބަންގް ރިލޯޑެޑް" ޓުއާގެ ދަށުން އެމެރިކާގައި ޝޯތަކެއް ދޭން މި ތިން ތަރިން މިހާރު ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

އެ ޓުއާގައި ޖެކްލިން ފެނާންޑޭޒް، ޑެއިޒީ ޝާހް، މަނީޝް ޕޯލް އަދި ޕްރަބޫދޭވާ ވެސް ބައިވެރި ވާނެ އެވެ. އެމެރިކާ އާއި ކެނެޑާ އަށް ކުރާ ޓުއާ މި މަހުގެ 22 ގައި ފަށާ އިރު، ޓުއާ ނިންމައިލާނީ އަންނަ މަހުގެ 8 ގަ އެވެ.