17 ޖޫން 2018 - 09:37

އެންމެ ތަޖުރިބާކާރު އަންހެން އެސްޓްރޮނޯޓް އަދި އެމެރިކާގެ އެސްޓްރޮނޯޓުންގެ ތެރެއިން ޖައްވީ ސްޓޭޝަންގައި އެންމެ ގިނަ ދުވަހު ހޭދަކުރި އެމެރިކާގެ ޕެގީ ވިޓްސަން ހުކުރު ދުވަހު ރިޓަޔާކޮށްފި އެވެ.

އުމުރުން 58 އަހަރުގައި އޭނާ ރިޓަޔަ ކުރި އިރު، ޕެގީ ވަނީ ނާސާގެ ވަރަށް މުހިއްމު ބޮޑެތި މަގާމުތަކެއް ވެސް އަދާކޮށްފަ އެވެ.
ޕެގީ އެންމެ ފުރަތަމަ ނާސާއާ ގުޅުނީ 1986 ގައި ނެޝަނަލް ރިސާޗް ކައުންސިލް ރެޒިޑެންޓްގެ ރިސާޗް އެސޯސިއޭޓެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ ހިއުސްޓަންގައި ހުންނަ ނާސާގެ ޖޯން ސްޕޭސް ސެންޓަރުގަ އެވެ.
ޕެގީ އެސްޓްރޮނޯޓެއްގެ ގޮތުގައި މަސައްކަތްކުރަން ފެށީ 1996 ގަ އެވެ. އޭނާގެ ފުރަތަމަ ޖައްވީ މިޝަނަކީ އެކްސްޕެޑިޝަން 5 ގައި 2002 ގައި އިންޓަނެޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ކުރި ދަތުރެވެ. އަދި އޭނާއަކީ އައިއެސްއެސްގެ (އެކްސްޕެޑިޝަން 16) ފުރަތަމަ އަންހެން ކޮމާންޑަރު ވެސް މެ އެވެ.
ޕެގީ އެންމެ ބޮޑަށް ފާހަގަކުރެވުނީ ޖައްވީ ސްޓޭޝަނުގައި އެންމެ ގިނަ ދުވަހު ހޭދަކުރި އެމެރިކާގެ އެސްޓްރޮނޯޓްގެ ގޮތުގަ އެވެ. އެގޮތުން އޭނާ އެތަނުގައި 665 ދުވަސް ހޭދަކޮށްފައިވެ އެވެ. ޕެގީގެ އެންމެ ފަހުގެ މިޝަނަކީ ނޮވެމްބަރު 2016 އިން ސެޕްޓެމްބަރު 2017 އަށް ކުރިއަށް ގެންދިޔަ މިޝަނެވެ.
އޭނާގެ ރިޓަޔަމަންޓާ ގުޅިގެން ނާސާގެ ވެބްސައިޓްގައި އެތަނުގެ އެޑްމިނިސްޓްރޭޓަރު ޖިމް ބްރައިޑެންސްޓައިން ވަނީ ޕެގީގެ އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ޕެގީކޮށް ދިން ހިދުމަތުގެ އަގު ވަޒަން ކުރާ ކަމަށް ވިދާޅުވި އެވެ
"ނާސާ އާއި އެމެރިކާ އަށް ޕެގީކޮށް ދިން ހިދުމަތްތަކަށް ޝުކުރު އަދާކޮށް، އެ މަސައްކަތުގެ އަގު އަހަރެމެން ވަޒަން ކުރަން،" ޖިމް ވިދާޅުވި އެވެ.
ނާސާގެ މިހާރުގެ ޗީފް އެސްޓްރޮނޯޓް ޕެޓް ފޮރެސްޓާ ވިދާޅުވި ގޮތުގައި ޕެގީ އެސްޓްރޮނޯޓެއްގެ މަގާމުން ރިޓަޔާ ކުރީ ތާރީހުގެ ތެރެއަށް ވަރަށް މުހިއްމު ގިނަ ސޮފުހާތަކެއް ދޫކޮށްލައިފަ އެވެ.
"އަހަރެމެން އޭނާ މަތިން އަބަދު ވެސް ވަރަށް ހަނދާން ވާނެ،" އޭނާ ވިދާޅުވި އެވެ.