17 ޖޫން 2018 - 10:30

ކުޑަ އާއިލާއަކަށް ނިސްބަތްވުމަކީ ބޮޑެތި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބައެއް ފަހަރު އެޅޭ ހުރަހެކެވެ. އެފަދަ ހުވަފެނެއް ހަގީގަތަކަށް ހަދަން މަސައްކަތްކުރާ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް އިންތިހާއަށް ގިނަ އެވެ. އީީރާނުގެ އުމުރުން 25 އަހަރުގެ ގޯލްކީޕަރު އަލީރިޒާ ބީރާންފާންދް، ވޯލްޑް ކަޕާ ހަމައަށް ކުރި ދަތުރުން ވެސް އެކަން ސާފުވެ އެވެ.

އީރާނުގެ ލޮރެސްތާނަށް ނިސްބަތްވާ އަލީރިޒާ އަކީ އެ އާއިލާގެ އެންމެ އިސް މެމްބަރު ކަމަށް ވުމުން ދެން ތިބި ކުދިންނަށް އެހީތެރިވުމުގެ ގޮތުން އޭނާއަށް ވަޒީފާ އަދާކުރަން ޖެހުނެވެ. ފުރަތަމަ އޭނާ މަސައްކަތްކުރީ އާއިލާގެ ބަކަރި ކޮށީގަ އެވެ. އޭރު ލިބޭ ހުސް ވަގުތުތަކުގައި ރައްޓެހިންނާ އެކު ފުޓްބޯޅަ ކުޅެން ދެ އެވެ. އެކަމަކު އޭނާ އެންމެ ބޮޑަށް ޝައުގުވެރިކަން ހުރި ކުޅިވަރަކީ "ޑަލް ޕަރަން" އެވެ. އެއީ އީރާނުގައި ދުރަށް ގާ އުކައިގެން ކުޅޭ ކުޅިވަރެކެވެ.

އުމުރުން 12 އަހަރުގައި އަލީރިޒާ ފުރަތަމަ ކުޅެނީ ފޯވާޑަކަށެވެ. އެކަމަކު އެއް ދުވަހު ކުޅެން ގޮސް އުޅެނިކޮށް އަލީރިޒާގެ ޓީމުގެ ގޯލްކީޕަރަށް އަނިޔާވުމުން އޭނާ އަށް ޖެހުނީ ގޯލްކީޕަރަކަށް ކުޅޭށެވެ. އެ ދުވަހު އޭނާ އަށް ދެއްކުނު މޮޅު ކުޅުމާ އެކު މުޅިން ވިސްނުން ބަދަލުވި އެވެ. ގޯލްކީޕަރަކަށް ވުމުގެ ޝައުގު އުފެދުނެވެ.
ފުޓްބޯޅަ ކުޅެގެން އާއިލާގެ ހުރިހާ ހަރަދެއް ނުބެލޭނެ ކަމަށް ބުނެ، އަލީރިޒާގެ ބައްޕަ މޯޓެޒާ ބީރާންފާންދް ވަނީ އަލީރިޒާގެ ހުރިހާ ޖޯޒީއަކާއި އަންގި ވެސް ހަލާކުކޮށްލައިފަ އެވެ. އެކަމަކު އެ ހިސާބުން ވެސް އޭނާ އުއްމީދު ދޫކޮށެއް ނުލަ އެވެ. ހުސް އަތާ ކުޅެން ގޮސް ވެސް އޭނާ ބޭނުންވީ މޮޅު ގޯލްކީޕަރަކަށް ވާށެވެ. އެންމެ ފަހުން އާއިލާ އިން އޭނާ އަށް ހުރިހާ ގޮތަކުން ހުރަސް އަޅަން ފެށުމުން އަލީރިޒާ ނިންމީ ގެއިން ފިލައިގެން ގޮސް ވެރިރަށް ތެހެރާންގެ ބޮޑު ކްލަބަކަށް ކުޅުމަށެވެ.
ތިމާގެ މީހެއްގެ އަތުން ހޯދި ފައިސާ އިން ބަސް ޓިކެޓެއް ގަނެގެން އަލީރިޒާ ތެހެރާނަށް ދިއުމަށް ދަތުރު ފެށި އެވެ. ބަހުގައި އޭނާއާ ދިމާވީ ހުސެއިން ފާއިޒް ނަމަކަށް ކިޔާ ފުޓްބޯޅަ ކޯޗަކާ އެވެ. އަލީރިޒާ ގާތުގައި ފާއިޒް ބުނީ އޭނާ އަށް 200،000 އީރާނިއަން ތޯމަން (30 ޕައުންޑް) ދީފި ނަމަ ޓީމުން ފުރުސަތު ދޭނެ ކަމަށެވެ. އެކަމަކު އަލީރިޒާ އަތުގައި ފައިސާ ނެތުމުން އެ ފުރުސަތު އޭނާ އަތުން ގެއްލުނީ އެވެ.
ތެހެރާނަށް ގޮސް އާޒާދީ ޓަވަރު ކައިރީގައި ގިނަ ރޭތަކުގައި ނިދި ނަމަވެސް އަލީރިޒާ ބޭނުންވީ ކިތަންމެ ދަތި ހާލުގައި އުޅެން ޖެހުނަސް އޭނާގެ ހުވަފެން ހާސިލްކުރުމަށް ކުރިއަށް ދިއުމަށެވެ. އެގޮތަށް ދުވަސްތަކެއް ފާއިތުވެފައި އޮއްވައި އަލީރިޒާއާ އަނެއްކާ ބައްދަލުވީ ކޯޗު ފާއިޒުއާ އެވެ. އެއްވެސް ޓްރެއިނިން ފީއެއް ނެތި ކޯޗު ފާއިޒު ވަނީ އަލީރިޒާ ޓީމަށް ނަގައިފަ އެވެ. އަދި އެ ޓީމުގެ ކެޕްޓަންގެ ކިބައިން އަލީރިޒާ އަށް އެހީތެރިވުމަށް އެދުނެވެ.
ޓީމުގެ ފަރިތަކުރުންތަކުގައި ގަވާއިދުން ބައިވެރިވަމުން ފައިސާ ހޯދުމުގެ ގޮތުން އަލީރިޒާ ދިޔައީ އެކި ވަޒީފާ އަދާކުރަމުންނެވެ. ފުރަތަމަ އޭނާ މަސައްކަތްކުރީ ޓީމުގެ ކުޅުންތެރިއެއްގެ ބައްޕަގެ ހެދުން އުފައްދާ ފެކްޓަރީއެއްގަ އެވެ. ރޭގަނޑު ނިދީ އެތަނުގަ އެވެ. އޭގެ ފަހުން އަލީރިޒާ ވަނީ ކާރު ސާފުކުރުމުގެ ވަޒީފާ އަދާކޮށްފަ އެވެ.
ކާރު ސާފު ކުރުމުގެ މަސައްކަތުގެ ތެރެއިން އަލީރިޒާ ވަނީ އީރާނުގެ ފުޓްބޯޅަ ލެޖެންްޑް އަލީ ދާއީގެ ކާރު ވެސް ދޮވެފަ އެވެ. އަލީދާއީއާ ވާހަކަ ދައްކަން ކިތައްމެ ބޭނުންވިޔަސް ލަދުގަނެފައި ހުރި ވަރުން ސަލާމް ކޮށްލަން ވެސް އަލީރިޒާ އަކަށް ނުކެރުނެވެ.
ކާރު ސާފުކުރަމުން ދަނިކޮށް އަލީރިޒާއާ ދިމާވީ ނަފްޓޭ ތެހެރާން ކްލަބްގެ ކޯޗަކާ އެވެ. އެ ޓީމުން އަލީރިޒާ ގެންދިޔަ އެވެ. އެ ޓީމުން އޭނާއަށް ފުރަތަމަ ނިދަން ދިނީ ނަމާދު ކުރާ ކޮޓަރި އެވެ. އެކަމަކު ފަހުން އެތަނުގައި ނިދޭނެ ގޮތެއް ނެތުމުން އަލީރިޒާ އެހެން ގޮތެއް ހޯދަން އެންގި އެވެ. އެ ހިސާބުން އަލީރިޒާ މަސައްކަތް ފެށީ ޕިއްޒާ ވިއްކާ ތަނެއްގަ އެވެ. އެތަނަށް އެއް ދުވަހު ނަފްޓޭ ތެހެރާންގެ ކޯޗު ޕިއްޒާއެއް ގަންނަން އައިސް އަލީރިޒާ ފެނުމުން އޭނާ ހައިރާންވި އެވެ.
ނިދާނެ ތަނެއް ހޯދުމުގެ ގޮތުން ޕިއްޒާ ވިއްކާ ތަނުގެ ވަޒީފާ ދޫކޮށްލައި، ދެން އަލީރިޒާ އަދާކުރީ މަގު ސާފުކުރުމުގެ ވަޒީފާ އެވެ. އެ ވަޒީފާ އަކީ ގިނަ ވަގުތުތަކުގައި ކުރަން ޖެހޭ ކަމަކަށް ވުމުން ނަފްޓޭގެ ޕްރެކްޓިސްތަކުގައި ގަވާއިދުން ބައިވެރިވާން އުނދަގޫވި އެވެ. އެއާ އެކު އަލީރިޒާ އެހެން ޓީމަކާ އެކު ފިޓްކޮށް ހުންނަން ވެގެން ޕްރެކްޓިސް ކުރި އެވެ. އެކަން ނަފްޓޭ އަށް އެނގުމުން އެ ޓީމުން އޭނާ ބޭރުކުރި އެވެ. ދެން އަލީރިޒާ ދިޔައީ ހޯމާ ކިޔާ ކްލަބަކަށެވެ. އެކަމަކު އެ ޓީމުން އަލީރިޒާ އަށް އެއްބަސްވުމެއް ދޭން ދެކޮޅު ހެދި އެވެ.
އޭގެ ދުވަސް ކޮޅެއް ފަހުން ނަފްޓޭގެ މެނޭޖަރު އަލީރިޒާ އަށް ގުޅި އެވެ. އެއީ އެ ޓީމުގެ ގޯލްކީޕަރަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އެ ހިސާބުން ނަަފްޓޭގައި އަލީރިޒާ އަށް ކުޅުމުގެ ފުރުސަތު ލިބެން ފެށި އެވެ. އަލީރިޒާ ގަބޫލުކުރާ ގޮތުގައި ހޯމާއިން އޭނާއަށް ފުރުސަތު ނުލިބުމަކީ އޭނާގެ ނަސީބެވެ.
ނަފްޓޭގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އަލީރިޒާގެ ވިދުން ގަދަވާން ފެށި އެވެ. އޭގެ ނަތީޖާއަކަށް ވީ އީރާންގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުން ފުރުސަތު ލިބުމެވެ. އޭނާ އަށް ދުނިޔޭގެ މީޑިއާގެ ލޯ އެންމެ ބޮޑަށް އަމާޒުވީ އީރާނުގެ މުބާރާތެއްގެ މެޗެއްގެ ތެރެއިން 70 މީޓަރު ދުރަށް އޭނާ އެއްލި ބޯޅައަކުން އެ ޓީމުން ގޯލު ޖެހުމުންނެވެ. އަލީރިޒާ ބުނީ އޭނާ އަށް އެހާ ދުރަށް ބޯޅަ އެއްލަން ދަސްވީ ކުޑައިރު ކުޅުނު "ޑަލް ޕަރަން"ގެ ސަބަބުން ކަމަށެވެ.
އީރާން ޒުވާން ޓީމާއި ކްލަބް ލެވެލްގައި ދެއްކި ތަފާތު މޮޅު ކުޅުމުގެ ސަބަބުން އަލީރިޒާ އަށް 2015 ގައި ސީނިއާ ގައުމީ ޓީމުގެ އެއް ވަނަ ގޯލްކީޕަރުގެ މަގާމު ލިބުނެވެ. ކޮލިފައިންގައި އަލީރިޒާ ވަނީ އޭނާގެ ގޯލަށް ލަނޑެއް ވަނަނުދީ 12 މެޗު ފުރިހަމަ ކޮށްފަ އެވެ. އަދި ކޮލިފައިންގައި އީރާނުން 18 މެޗު ބަލިނުވެ ފުރިހަމަކުރިއިރު، ގިނަ މެޗުތަކުގައި އަލީރިޒާ ވަނީ މޮޅަށް ކުޅެފަ އެވެ.
"އަހަރެންގެ ހުވަފެން ހަގީގަތަކަށް ހަދަން އަހަރެން ވަރަށް މަސައްކަތްކުރިން. ވަރަށް ގިނަ ދަތި އުނދަގޫ ކަންތައްތަކެއް ވެސް ކުރިން. އަދިވެސް އެކަން އަހަރެން ހަނދާން ކުރަން،" ދި ގާޑިއަން އަށް މި ފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން ދިން އިންޓަވިއުއެއްގައި އަލީރިޒާ ބުންޏެވެ.
"އެއީ މިއަދު އަހަރެން މިހުރި ހިސާބަށް އައުމުގެ އަސްލަކީ. މުޅި އުމުރުގައި ވެސް އެކަން ހަނދާން ކުރާނަން."
އީރާން ޓީމަށް މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިން ހިތްވަރުދޭން ބޭއްވި ރަސްމިއްޔާތެއްގައި އަލީދާއީ ވެސް ބައިވެރިވި އެވެ. އަލީރިޒާ ވަނީ އޭނާއާ އެކު ފޮޓޯ ވެސް ނަގައިފަ އެވެ. އަދި އަލީދާއީ ވަނީ އޭނާ އަށް ހިތްވަރު ވެސް ދީފަ އެވެ.
އަލީރިޒާ ބުނީ އެއީ އޭނާގެ ކެރިއަރުގައި ހާއްސަ ވަގުތުތަކެއް ކަމަށެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި އޭނާގެ އާއިލާ މެޗުތައް ބަލާއިރު، މިއީ އެ އެންމެނަށްޓަކައި އޭނާ ހާސިލްކުރި ހުވަފެނެއް ކަަމަށް ވެސް ބުންޏެވެ.
އަލީރިޒާގެ ވިސްނުން ހުރީ މި ފަހަރުގެ ވޯލްޑް ކަޕުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި ޔޫރަޕްގެ ކްލަބަކަށް ބަދަލުވުމަށެވެ.
ވޯލްޑް ކަޕްގައި އީރާން ކުޅުނު ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ވަނީ މޮރޮކޯ އަތުން 1-0 އިން މޮޅުވެފަ އެވެ. މިއީ 20 އަހަރު ތެރޭ އީރާނަށް ވޯލްޑް ކަޕްގައި ލިބުނު ފުރަތަމަ މޮޅެވެ. އަދި އެ ގައުމުގެ ތާރީހުގައި ވޯލްޑް ކަޕް މެޗަކުން މޮޅުވި ދެ ވަނަ ފަހަރެވެ. މި މޮޅުގެ ބޮޑް ކްރެޑިޓެއް އަލީރިޒާ އަށް ހައްގުވެ އެވެ. މޮރޮކޯ އިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް އޭނާ ވަނީ މަތަކޮށްފަ އެވެ.
އީރާން ދެން ކުޅޭ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.