ނައިޖީރިއާ ސަޕޯޓަރުންނަށް ދަނޑަށް ދޫނި ނުވެއްދޭނެ!
ނައިޖީރިއާ ސަޕޯޓަރުންނަށް ދަނޑަށް ދޫނި ނުވެއްދޭނެ!

މޮސްކޯ (ޖޫން 16) - މި ފަހަރުގެ ވޯލްޑް ކަޕްގައި ނައިޖީރިއާ ސަޕޯޓަރުން ދަނޑަށް މެޗު ބަލަން ވަންނައިރު ދޫނިތައް ނުވެއްދޭނެ ކަމަށް ވޯލްޑް ކަޕްގެ އިންތިޒާމް ކޮމިޓީން ބުނެފި އެވެ.

ވޯލްޑް ކަޕްގެ އިންތިޒާމް ކޮމިޓީން އެ ގޮތަށް ނިންމީ ރަޝިއާގެ ޓޫރިޒަމް އެންޑް ކަލްޗާ މިނިސްޓްރީގެ ލަފާގެ މަތިންނެވެ. ރަޝިއާގެ ޓޫރިޒަމް މިނިސްޓަރު އަންދްރޭ ޔެރްމަކް ވިދާޅުވީ އެ ގޮތަށް ނިންމަން ޖެހުނީ ސަލާމަތީ ސަބަބުތަކަށް ބެލުމަށް ފަހު ކަމަށެވެ.

ޒަމާނުއްސުރެއް ބޮޑެތި މެޗުތަކަށް ނައިޖީރިއާ ސަޕޯޓަރުން ދަނޑަށް އަންނައިރު، އެކި ކުލަތައް ޖައްސައިގެން ދޫނިތައް ދަނޑަށް ގެނެ އެވެ. އަދި އެ މަންޒަރު ޓީވީ ތަކުން ވެސް ދައްކަ އެވެ. ނައިޖީރިއާ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި ދޫނިތައް ދަނޑަށް ވެއްދުމަކީ އެ ޓީމަށް ހިތްވަރު ލިބިދޭ ކަމެކެވެ.

ނައިޖީރިއާ ގިނަ ސަޕޯޓަރުންގެ އެދުމާ އެކު އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފީފާ އާއި ރަޝިއާގެ ފުޓްބޯޅަ އިދާރާ އަށް ވެސް ސިޓީއެއް ހުށަހަޅައިފަ އެވެ. އެކަމު މިހާތަނަށް އެކަމަށް އަލި މަގެއް ލިބިފައިނުވެ އެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ވެސް ނައިޖީރިއާ އަށް ދަނޑަށް ދޫނިތައް ވެންދުން މަނާކުރި އެވެ. އެކަމަކު 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި ނައިޖީރިއާ ކުޅުނު މެޗުތަކުގައި ދަނޑަށް ދޫނިތަކެއް ވަނީ ވައްދައިފަ އެވެ.

ސުޕަ އީގަލްސްގެ ނަމުން މަޝްހޫރުވެފައިވާ ނައިޖީރިއާ މި ފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ޑިމާންޑް ބޮޑުވީ ނައިޖީރިއާގެ ޖޯޒީ އަށެވެ. ދެ ފަހަރެއްގެ މަތިން ނައިކީގެ ހުރިހާ ފިހާރަތަކުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ޖޯޒީތަކުގެ މުޅި ސްޓޮކް އެއްކޮށް ހުސްވި އެވެ.