ހައްމާދު ސާފީ؛ 11 އަހަރުގެ ޕްރޮފެސަރެއް
ހައްމާދު ސާފީ؛ 11 އަހަރުގެ ޕްރޮފެސަރެއް

އުމުރުން އެންމެ 11 އަހަރުގެ ހައްމާދު ސާފީއަކީ އާދައިގެ ކުއްޖެއް ނޫނެވެ. ޕާކިސްތާންގެ ޕިޝާވަރަށް އުފަން މި ކުއްޖާއަށް ލިބިފައިވާ ވިސްނުންތޫނުކަމުގެ ސަބަބުން މިއީ ގިނަ ބަޔަކު އާދަޔާހިލާފު ކުއްޖެއްގެ ގޮތުގައި ސިފަކުރާ ކުއްޖެކެވެ.

އޭނާއަކީ މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. މައުލޫމާތުގެ ބޮޑު ހަޒާނާއެކެވެ. ހުނަރުގެ ގޮތުން ބައްޕަ އަށް ވެސް ހައްމާދު "ދޮށްޓެވެ." ހައްމާދުގެ މަގުސަދަކީ ތައުލީމު އުނގެނުމުގެ މުހިއްކަން އަންގައިދީ، ޕާކިސްތާނުގެ ޒުވާނުންނަކީ ތައުލީމީ ބަޔަކަށް ހަދައި، ގައުމުގެ ނަން ދުނިޔޭގައި ފަހުރަކަށް ހަދާށެވެ.

އޭނާ ދައްކާ ވާހަކަތަކާއި ވިސްނުންތަކާއި ފިކުރުތައް އުމުރަށް ވުރެ މާ ބޮޑަށް ވެސް ތަސައްރަފު ފުދެ އެވެ. ދިރިއުޅުމުގެ އެކި ކަންކަމާ ކުރިމަތިލާނެ ގޮތާއި ގޮންޖެހުންތަކާ އެކު ވެސް ކާމިޔާބު ދިރިއުޅުމެއް ހޯދަން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން އުމުރުން އެންމެ 11 އަހަރުގެ ކުއްޖަކު ދޭ މި ތަގުރީރުތަކުން އެތައް ބަޔަކު ތިބެނީ އަންތަރީސްވެފަ އެވެ. އެ ތަގުގީރުތައް އަޑު އަހާފައި ދިރިއުޅުން ބަދަލުވި މީހުން ވެސް މިހާރު ގިނަ އެވެ.

ހައްމާދަކީ މިހާރު އޭނާގެ އާދަޔާހިލާފު ހުނަރުން، އެތައް ބަޔަކަށް ކުރިއަށް ދިއުމުގެ ހިތްވަރާއި އަޒުމް އާކޮށް ދޭން މަސައްކަތް ކުރާ "އިލްމުވެރިއެކެވެ."

އޭނާއަކީ ޕިޝާވަރު ޔުނިވަސިޓީގެ ލެކްޗަރާއެކެވެ. ލެކްޗަރު ނަގައި ދެނީ ހައްދާމަށް ވުރެ ދޮށި މީހުންނަށެވެ. އަދި އޭނާއަކީ ޓީވީ ހޯސްޓެއް ވެސް މެ އެވެ. ހިލޭ ސާބަހަށް އެކި މައުޟޫތަކަށް ތަގުރީރުތައް ދޭ ކުއްޖެކެވެ.

"ހައްމާދަށް އެގާރަ އަހަރު ނަމަވެސް، އޭނާއަކީ ކުޑަކުއްޖެއް ނޫން. އުމުރަށް ވުރެ އޭނާ ބޮޑަށް ވެސް ދޮށި" ޕިޝާވަރު ޔުނިވަސިޓީގެ ޕްރޮފެސަރު ބަކްތު ޒަމާން ވިދާޅުވި އެވެ. "އެއީ ﷲ ގެ ރަހުމަތުން އާދަޔާހިލާފު ވިސްނުން ތޫނު ކަމެއް ދެއްވާފައިވާ ކުއްޖެއް."

އެތައް ބަޔަކު ހައްމާދުގެ ފަރާތުން މިހާރު ދަރިވަރުވަމުން އަންނަ އިރު، އެއް ބަޔަކު އޭނާ ސިފަ ކުރަނީ "ސްޕަ ޗައިލްޑް" ގެ ގޮތުގަ އެވެ. އަދި އޭނާ އަށް މުހާބަތު ކުރާ ނަންނަމުގެ ތެރޭގައި "މޯޓިވޭޝަނަލް ގްރޫ"، "ދަ ލިޓްލް ޖީނިއަސް އޮފް ޕާކިސްތާން" އަދި "ޗައިލްޑް އެކްސްޓްރާއޯޑިނާ" ފަދަ ލަގަބުތައް ހިމެނެ އެވެ.

ހައްމާދުގެ ބައްޕަ އަބްދުއްރަހްމާން ހާން އޭއެފްޕީ އަށް ބުނި ގޮތުގައި އޭނާގެ ދަރިފުޅުގެ ސަބަބުން މިހާރު އެތައް ބައެއްގެ ދިރިއުޅުމަށް، ހެޔޮ ބަދަލުތަކެއް އަންނާތީ އެކަމާ ވަރަށް އުފާވެ އެވެ.

"ވަރަށް ތުއްތު އިރުއްސުރެއް ވެސް ހައްމާދު ފާހަގަކުރެވުނީ ވަރަށް ވިސްނުން ތޫނު ހިތްއަލި ކުއްޖެއްގެ ގޮތުގައި. އެހެންވެ އަހަރެން އޭނާ އަށް ކިޔަވައި ދޭން ހާއްސަ ޓީޗަރެއް ވެސް ހޯދިން،" އޭނާ ބުންޏެވެ. "އަހަރެން ބޭނުން ވަނީ އެތައް ބަޔަކަށް ނަމޫނާ ލީޑަރަކަށް ދަރިފުޅު ވާން. އަހަރެން ވަރަށް ފަހުރުވެރިވަން އެފަދަ ދަރިއެއް މިންވަރު ކުރެއްވީތީ."

ރަހްމާން ބުނި ގޮތުގައި އެ މީހުންގެ އާއިލާއަކީ ޕިޝާވަރުގެ ތަނަވަސް އާއިލާއަކަށް ވިޔަސް، ހައްމާދަކީ އެއްވެސް އިރެއްގައި މާއްދީއްޔަތަށް ލޯބި ކުރާ ކުއްޖެއް ނޫނެވެ.

"އަބަދު ވެސް ކިޔަވަން އޭނާ އިސްކަން ދެނީ. ވަރަށް ގިނައިން ފޮތްތައް ކިޔައި ހަދާނެ. އަދި ދީނީ ކަންކަމަށް އެހާ ބޮޑު ޝައުރުވެރި ކަމެއް ދޭ،" އޭނާ ބުންޏެވެ.

ހައްމާދު އަރީ ނިއުސް އަށް ދިން އިންޓަވިއުއްގައި ބުނީ ޕާކިސްތާނަކީ ހުނަރުން ފުރިގެންވާ ރައްޔިތުންތަކެއް ތިބި ގައުމެއް ކަމަށެވެ.

"އަހަރެންގެ އެންމެ ބޮޑު ހުވެފަނަކީ ފާހަގަކޮށްލެވޭ ކަހަލަ ލީޑަރަކަށްވާން. އަހަރެންގެ ގައުމުގައި ތިބީ ހުނަރުވެރި ވިސްނުން ތޫނު ރައްޔިތުންކަން ދުނިޔެ އަށް ސާބިތުކޮށް ދޭން،" އޭނާ ބުންޏެވެ. "ޕާކިސްތާނަކީ ޓެރަރިސްޓުންގެ ގައުމެއް ނޫންކަން ސާބިތުކޮށް ދޭން ބޭނުން ވަނީ. އަހަރެން ގަބޫލު ކުރަނީ އަހަންނަކީ އޭގެ މިސާލެއް ކަމަށް."

ހައްމާދުގެ ވާހަކަތައް އަޑު އަހާލަން ބޭނުން ނަމަ އޭނާގެ ޔޫޓިއުބް ޗެނެލުން އެ ފުރުސަތު ލިބޭނެ އެވެ.