ސްޕެއިނާއި ޕޯޗުގަލް އެއްވަރު، ކުރި ހޯދީ ރޮނާލްޑޯ!
ސްޕެއިނާއި ޕޯޗުގަލް އެއްވަރު، ކުރި ހޯދީ ރޮނާލްޑޯ!

ސޯޗީ، ރަޝިއާ (ޖޫން 14) - ކުއްލި ގޮތަކަށް ކޯޗު ބަދަލުވެ ކޮންމެވެސް ވަރެއްގެ މައްސަލަތަކެއްގެ ތެރޭގައި އޮތް ސްޕެއިނުން ވޯލްޑް ކަޕުގައި ފެށުން ރަނގަޅު ކުރުމާ ނުހަތު ގާތަށް މިރޭ ދިޔަ ނަމަވެސް ހެޓްރިކެއް ހެދި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ވައްދާލި ގޯލާ އެކު ސްޕެއިނާއި ޕޯޗުގަލް 3-3 އިން އެއްވަރުވެއްޖެ އެވެ.

ސްޕެއިނާއި ޕޯޗުގަލް އެއްވަރު، ކުރި ހޯދީ ރޮނާލްޑޯ!
ސްޕެއިނާއި ޕޯޗުގަލް އެއްވަރު، ކުރި ހޯދީ ރޮނާލްޑޯ!

އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަން ޕޯޗުގަލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ރޮނާލްޑޯ ވަނީ މިރޭ ޖެހި ލަނޑުތަކާ އެކު ހަތަރު ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ތިން ވަނަ ކުޅުންތެރިޔާއަށް ވެފަ އެވެ.

މުބާރާތަށް ސްޕެއިން ޓީމު ތައްޔާރުކުރި ކޯޗު ހުލެން ލޮޕެޓީގް، މެޗުގެ 48 ގަޑިއިރު ކުރިން ވަކިކޮށް ކުރީގެ ކެޕްޓަން ފެނާންޑޯ ހިއޭރޯއާ ހަވާލުކޮށްގެން ސްޕެއިނުން ނުކުތްއިރު އެ ޓީމުގެ ތަރިއަކަށްވީ ޗެލްސީން ބޭނުން ނުވެގެން ދޫކޮށްލުމުން އެނބުރި އެތުލެޓިކޯ މެޑްރިޑަށް ގޮސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިއެގޯ ކޮސްޓާ އެވެ.

މިރޭގެ މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ޕޯޗުގަލަށް ލިބުނު ޕެނަލްޓީގައި ރޮނާލްޑޯ ލީޑު ނަގައިދިނެވެ. އިޓަލީގެ ރެފްރީ ޖިއަންލޫކާ ރޮޗީ މި ޕެނަލްޓީ ދިނީ ރޮނާލްޑޯ އޭރިއާ ތެރެއިން ދެމި ގަތް ވަގުތު ސްޕެއިނުގެ ނާޗޯ އޭނާ އަށް ހުރަސް އަޅައި ވައްޓާލުމުންނެވެ. ރޮނާލްޑޯ ބޯޅަ ވައްދާލީ ޑޭވިޑް ޑެހެއާ ބަލަހައްޓަމުން ދިޔަ ގޯލުގެ މަތީ ކަނަށެވެ.

މި ލަނޑަށް ފަހު ސްޕެއިނުން ކުޅެގަތްއިރު ޑޭވިޑް ސިލްވާ 21 ވަނަ މިނެޓުގައި ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ކޮސްޓާ އެއްވަރުކޮށްދިނެވެ. މަތިން އައި ބޯޅައަށް ޕޯޗުގަލްގެ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ އަރައަރާ އޮއްވާ ކޮސްޓާ އެ ބޯޅަ ހޯދުމަށް ފަހު ގޯލުގެ ތިރީ ކަނަށް ވައްދާލީ ޕޯޗުގަލްގެ ޑިފެންޑަރު ހޯސޭ ފޮންޓޭ ކައިރިން ދެ ފަހަރަށް ނައްޓާލުމަށް ފަހު އެވެ. އެކަމަކު އެ ބޯޅަ އޭނާ އަތުލައިގަތީ ޕެޕޭގެ ކަރުގައި އުޅަބޮށިން އަޅައި ކޮއްޕާލުމަށް ފަހުކަން ރީޕްލޭ އިން ފެނެވެ. އެހެންވިޔަސް ރެފްރީ ނިންމީ ގޯހެއް ނެތް ކަމަށެވެ.

ސްޕެއިނުން މެޗުގެ ތެރެއަށް ވަނީ ކަމަށް ހީކޮށްގެން ތިއްބާ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރޮނާލްޑޯ ޕޯޗުގަލަށް އަލުން ކުރި ހޯދައިދިނެވެ. ގޮންކާލޯ ގުއެޑެސް ޖައްސާލި ބޯޅަ ޑީ އޭރިއާ ތެރެއިން ރޮނާލްޑޯ ޖެހުމުން ގޯލަށް ވަނީ ސްޕެއިނުގެ ކީޕަރު ޑެހެއާ އަތުގައި ޖެހިފައި ދޫވެގެންނެވެ. އެފަދަ ގޯހެއް އޭނާ ފަދަ ކީޕަރަކު ހެދުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި ސްޕެއިނުން ދެ ވަނަ ފަހަރަށް އެއްވަރުކުރި އެވެ. އަންދްރެސް އިނިއެސްޓާ ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ވައްޓާލި ބޯޅަ، ބާސެލޯނާގައި އޭނާގެ މިޑްފީލްޑް ޕާޓްނަރަކަށް ހުރި ސާޖިއޯ ބުސްކެޓްސް އޭރިއާ ތެރެއަށް ހުރަސްކޮށްލުމުން ބޯޅަ ގޯލަށް ވައްދާލީ ކޮސްޓާ އެވެ. ބުސްކެޓް އެ ބޯޅަ ހޯދީ ވެސް ފައުލެއްކޮށްގެން ކަމަށް ބެލެވުނަސް ރެފްރީ މި ފަހަރު ވެސް ނިންމީ ގޯހެއް ނެތް ކަމަށެވެ.

އެ ގޯލަށް ފަހު ޕޯޗުގަލަށް ރަނގަޅަށް ހަމަޖެހިނުލެވެނީސް ސްޕެއިނަށް ލީޑު ނަގައިދިނީ، ޕޯޗުގަލަށް ޕެނަލްޓީ ލިބުނު ފައުލްކުރި ނާޗޯ އެވެ. އިސްކޯ ތަނަވަސްކުރި ފުރުސަތެއްގައި ނާޗޯ މި ގޯލް ޖެހީ އޭރިއާ ބޭރުން ފޮނުވާލި ޝޫޓެއްގަ އެވެ. ބޯޅަ ގޯލަށް ވަނީ ދަނޑީގައި ވެސް ޖެހިފަ އެވެ.

މެޗު ނިމެން ދިޔައިރު ޕޯޗުގަލުން އެޓޭކްތައް ވަރުގަދަކުރި އެވެ. އޭރު ސްޕެއިން ކޯޗު އެ ޓީމުގެ ފޯވާޑް ކޮސްޓާ ބާލަފައިވާތީ ނަތީޖާ ހިފަހައްޓަން ދިފާއީ ގޭމަކަށް ވިސްނާފައި އޮތް ކަމަށް ބެލެވެ އެވެ. ނަތީޖާއަކަށްވީ ޕޯޗުގަލަށް އެޓޭކްތައް އުފައްދަން މެޗުގެ ކޮންޓްރޯލް ކޮންމެވެސް ވަރަކަށް ލިބުނެވެ. އެގޮތުގައި އުފެއްދި އެޓޭކެއްގެ ތެރެއިން 88 ވަނަ މިނެޓުގައި ހިލޭ ޖެހުމެއް ލިބުނެވެ. ރޮނާލްޑޯ ވަނީ އެ ޖެހުން ގޯލުގެ މަތީ ކަނަށް ވައްދާލައި އެ ޓީމަށް ހައްގު ޕޮއިންޓެއް ހޯދައިދީފަ އެވެ. އެ ބޯޅަ ގޯލުގެ ކަނަށް ވަންއިރު ކީޕަރު ޑެހެއާ އަށް ހުރެވުނީ ހަރަކާތް ހުއްޓިފަ އެވެ.

މި ނަތީޖާއާ އެކު ގްރޫޕުގެ އެއް ވަނައިގައި އީރާން ވަނީ ދެމި އޮވެފަ އެވެ. މިއަދު ހަވީރު މޮރޮކޯ އަތުން 1-0 އިން ހޯދި މޮޅާ އެކު އެ ޓީމު އެއް ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. ސްޕެއިނާއި ޕޯޗުގަލް އެއް ޕޮއިންޓާ އެކު އޮތްއިރު މޮރޮކޯ އަތުގައި އަދި ޕޮއިންޓެއް ނެތެވެ.