16 ޖޫން 2018 - 00:13

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވާ ގޮތަށް އެޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމަށް ފަހު އެކަން އެޕާޓީގެ ކޮންގްރެސްއަށް ހުށަހަޅަން ގައުމީ ހިންގާ ކޮމެޓީން މިރޭ ފާސްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީ އުފެދުނީންސުރެ އަދި މިހާރުވެސް އެޕާޓީގެ އަސާސީ ގަވައިދުގައި އޮންނަނީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ޕާޓީގެ ލީޑަރު ކަމަށެވެ. އެހެންވެ ގާސިމް އިބްރާހިމް ނޫން ބޭފުޅަކަށް އެފުރުސަތެއް ނުލިބެ އެވެ.
ގާސިމް ވަނީ ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފަ އެވެ. ޖަރުމަނުގައި މިހާރު އުޅުއްވާ ގާސިމްގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އަދި 65 އަހަރު ވެފައި ވުމުން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ގާނޫނު ހުރަސް އަޅަ އެވެ.
ޖޭޕީގެ ކައުންސިލް މެމްބަރު އަހުމަދު މުހައްދު ވިދާޅުވީ އަސާސީ ގަވާއިދު އިސްލާހުކުރީ މިޒަމާނުގެ އުސޫލުތަކަށް ފެތޭ ގޮތަށް ކަމަށެވެ. އަލަށް ގެންނަ އިސްލާހާ އެކު އެހެން ޕާޓީތަކުގެ އަސާސީ ގަވައިދަށް ވުރެ އެޕާޓީގެ އަސާސީ ގަވައިދު ފުރިހަމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ މި އަސާސީ ގަވައިދުގެ ތެރެއިން ގިނަ ބޭފުޅުންނަށް ފުރުސަތު [ރިޔާސީ ޓިކެޓަށް ވާދަކުރަން] ލިބިގެންދާނެ ކަމަށް،" ނައިފަރު ދާއިރާގެ ކުރީގެ މެމްބަރު، އަހުމަދު ވިދާޅުވި އެވެ.
މި މަހު 21-22 ގައި ބާއްވާ ޖޭޕީގެ ކޮންގްރެސް އަށް ހުށައަޅަން އިސްލާހު ފާސްކުރީ ޖޭޕީގެ ގައުމީ ހިންގާ ކޮމެޓީގެ އަގުލަބިއްޔަތުންނެވެ.