ސަލާހު ބޭނުންނުކުރީ ހާލަތު ގޯސްވެދާނެތީ: ކޯޗު
ސަލާހު ބޭނުންނުކުރީ ހާލަތު ގޯސްވެދާނެތީ: ކޯޗު

ޔެކަޓެރިންބާގް، ރަޝިއާ (ޖޫން 15) - އަށާވީސް އަހަރަށް ފަހު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު މިސްރު ކުޅުނު މެޗުގައި އެ ޓީމުގެ ތަރި މުހައްމަދު ސަލާހު ބޭނުން ނުކުރީ އޭނާގެ އަނިޔާގެ ހާލަތު އިތުރަށް ގޯސްވެދާނެތީ އިތުރަށް ރިސްކެއް ނުނެގުމަށް ކަމަށް މިސްރުގެ ކޯޗު ހެކްޓަ ކޫޕާ ބުނެފި އެވެ.

އުރުގުއޭ އަތުން މިއަދު މިސްރު ބަލިވީ މެޗުގެ ފަހު މިނިޓްގައި ހޯސޭ ގިމެނޭޒް ޖެހި ގޯލުން 1-0 އިންނެވެ. މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޫޕާ ވަނީ މިއަދު 26 ވަނަ އުފަން ދުވަސް ފާހަގަކުރަމުން އަންނަ ސަލާހު ކުޅޭނެ ކަމަށް ބުނެފަ އެވެ.

"ތެދެއް އިއްޔެ އަހަރެެމެން ބުނިން ސަލާހު މި މެޗުގައި ކުޅޭނެ ކަމަށް. އެކަމަކު އިއްޔެ ފަރިތަކުރުންތަކަށް ފަހު އަހަރެމެން އޭނާގެ ޓެސްޓްތަކެއް ހެދިން. އަދިވެސް އޭނާ އެންމެ ފުރިހަމަ އަށް ފިޓެއް ނޫން. މި މެޗުގައި އޭނާ ކުޅުވި ނަމަ ނަތީޖާ ތަފާތު ވުމުގެ ފުރުސަތު އޮވެދާނެ. އެކަމަކު ކުރިއަށް އޮތް ދެ މެޗަށްދާއިރު އޭނާގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ވެސް އޮތް. އެ ރިސްކު ނަގަން ބޭނުމެއް ނޫން،" ކޫޕާ ބުންޏެވެ.

ސަލާހުގެ ކޮނޑުހުޅަށް އަނިޔާވީ މިދިޔަ މަހު ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގަ އެވެ. ކޫޕާ ބުނީ ކުރިއަށް އޮތް ސައުދީ އެރެބިއާ އާއި ރަޝިއާއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ސަލާހު ކުޅޭނެ ކަމަށެވެ.

"ސަލާހަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް. އެކަމާ ދެކޮޅެއް ނުހެދޭނެ. އެކަމަކު ސަލާހަށް ވެސް ރަނގަޅު ޓީމެއް ބޭނުންވޭ މިސްރުގައި އެބައޮތް އެ ފަދަ ޓީމެއް. ކުރިއަށް އޮތް ދެ މެޗުގައި ސަލާހުގެ ބޭނުން ހިފާނަން،" ކޫޕާ ބުންޏެވެ.

ގްރޫޕް އޭގެ ކޮންމެ ޓީމެއް މެޗެއް ކުޅެފައިވާއިރު އެއް ވަނައިގައި އޮތް ރަޝިއާ އާއި ދެ ވަނައިގައި އޮތް އުރުގުއޭ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މިސްރާއި ހަތަރު ވަނައިގައި އޮތް ސައުދީ އެރެބިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޫޕާ ބުނީ މިސްރަށް އަދި ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ނުގެއްލޭ ކަމަށާއި ފުރަތަމަ މެޗުން ލިބުނު ފިލާވަޅުތަކުގެ ބޭނުންހިފައި ދެން ނުކުންނާނީ ދެގުނަ ހިތްވަރު ލައިގެން ކަމަށެވެ.

މިސްރު ދެން ކުޅޭ މެޗުގައި މި މަހު 19 ވަނަ ދުވަހު ބައްދަލުކުރާނީ ރަޝިއާއާ އެވެ.