20 އަހަރަށް ފަހު އީރާނަށް ވޯލްޑް ކަޕްގައި މޮޅެއް
20 އަހަރަށް ފަހު އީރާނަށް ވޯލްޑް ކަޕްގައި މޮޅެއް

ސެއިން ޕީޓާސްބާގް (ޖޫން 15) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިތުރު ވަގުތުގެ ފަހު މިނިޓްގައި މޮރޮކޯގެ އަޒީޒް ބުހަޑޫޒް އަތުން ބައިކޮޅަށް ވަން ގޯލުން 1-0 އިން އީރާން މޮޅުވެއްޖެ އެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި އީރާނަށް ލިބުނު ދެ ވަނަ މޮޅެވެ.

20 އަހަރަށް ފަހު އީރާނަށް ވޯލްޑް ކަޕްގައި މޮޅެއް
20 އަހަރަށް ފަހު އީރާނަށް ވޯލްޑް ކަޕްގައި މޮޅެއް

އީރާން އެންމެ ފަހުން މޮޅުވީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ އަތުންނެވެ. އެ ފަހަރު އީރާން މޮޅުވީ 2-1 އިންނެވެ. އީރާންގެ މި ކާމިޔާބީއާ އެކު އޭޝިއާގެ ޓީމަކަށް ވަނީ 2010ގެ ވޯލްޑް ކަޕަށް ފަހު ފުރަތަމަ ފަހަރަށް މޮޅެއް ލިބިފަ އެވެ. ބްރެޒިލްގައި 2014 ގައި އޮތް ވޯލްޑް ކަޕްގައި އޭޝިއާގެ ޓީމުތައް ކެޓީ މޮޅެއް ނުލިބި އެވެ.

މެޗު ފަށައިގެން އަވަސް ކުޅުންތަކާ އެކު މޮރޮކޯ އިން ވަނީ އިރާން ހާސްކޮށްލައިފަ އެވެ. އެ ޓީމަށް ކުޅޭ ޖަރުމަނުގެ ޝާލްކާގެ އަމީން ހަރިޓް އާއި ތުރުކީގެ ފެނަބާޗޭ އަށް ކުޅޭ ޔޫނެސް ބެލާންޑާ އަށް ލިބޭ ބޯޅަތަކުގައި ދިޔައީ ގާތްގާތުގައި އީރާންގެ ޑިފެންސްލައިނަށް ބާރު ބޮޑުކުރަމުންނެވެ.

ހަރިޓް ފޮނުވާލި ބޯޅައެއް އީރާންގެ ގޯލްކީޕަރު އަލީރެޒާ ބެއިންވަންރަންޑް އަތައް އަމާޒުވިިއިރު، ބެލާންޑާ ފޮނުވާލި ބޯޅައެއް އީރާން ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. އަދި ފަހުން މޮރޮކޯގެ ކުރިއަށް ކުޅޭ އަޔޫބް އެލް ކާބީ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ.

ފުރަތަމަ ހާފުގައި މޮރޮކޯ އަށް ލީޑުނަގައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ކެޕްޓަން މެހެދީ ބެނަޝިއާ އަށެވެ. ލިބުނު ކޯނަރަކުން އޭރިއާ ތެރެއިން ބެނަޝިއާ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު އަލީ ރެޒާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ 25 މިނިޓަށް ފަހު އީރާނުން ވެސް ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަދި އެ ޓީމުގެ ކުރިއަށް ކުޅޭ ސަރްދާރް އަޒްމޫން އާއި ކަރީމް އަންސަރީފަދު އަށް ލިބޭ ބޯޅަތަކުގައި މޮރޮކޯ އަށް ނުރައްކާ ކުރަން ފެށި އެވެ.

ހާފު ނިމުމުގެ ކުރިން އީރާނަށް ލީޑުނަގައިދޭން އަޒްމޫނަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 42 ވަނަ މިނިޓްގައި އީރާނުން އުފެއްދި ކައުންޓަ އެޓޭކެއްގައި އޭރިއާ ތެރެއަށް މުޅިން ހުސްކޮށްވަދެ އަޒްމޫން ފޮނުވާލި ބޯޅަ މޮރޮކޯގެ ގޯލްކީޕަރު މޫނީރް މުހައްމަދީ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު، މާ ހުސް ފުރުސަތުތަކެއް ލަނޑު ޖަހަން ތަނަވަހެއް ނުކުރެވުނެވެ. ދެ ޓީމުގެ ފަރާތުން ވެސް ގިނަ ފައުލުތަކެއް މި މެޗުގައި ފެނިގެންދިޔައިރު، އަނިޔާވުމުގެ ސަބަބުން ބައެއް ކުޅުންތެރިން ބަދަލުކުރަން ވެސް ޖެހުނެވެ.

މި ހާފުގައި މޮރޮކޯ އިން އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ހަކީމް ޒިޔަޗް އެވެ. މެޗުގެ 80 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ބެލާންޑާ ދިން ބޯޅައަކުން ޒިޔަޗް ފޮނުވާލި ބޯޅަ ކީޕަރު އަލީރެޒާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ޒިޔަޗް ފޮނުވާލި ބޯޅަ އީރާން ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

ދެ ވަނަ ހާފުގައި މޮރޮކޯ އިން ކުރި ހަމައެކަނި ނުރައްކާތެރި އެޓޭކުގައި އެ ޓީމުން ލަނޑު ޖެހިއިރު، މި ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބުހަޑޫޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އިރާނަށް ލިބުނު ހިލޭ ޖެހުމަކުން ހާޖީ ސާފީ ނަގައިދިން ބޯޅަ ގޯލަށް ވަނީ ބުހަޑޫޒް ބޮލުގައި ޖެހިފަ އެވެ.

މިއީ ފާއިތުވި އަަހަރެއްހާ ދުވަހުގެ ތެރޭގައި މޮރޮކޯ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. މޮރޮކޯ އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ މިދިޔަ އަހަރު ޖޫން މަހު ކެމަރޫން އަތުންނެވެ.

މި މެޗަކީ މި ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ. އެއީ މި ގްރޫޕުން އަނެއް ބުރަށްދާނެ ކަމަށް ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައިވަނީ ސްޕެއިނާއި ޕޯޗުގަލް އެވެ. ގްރޫޕްގައި ދެން އިރާން ކުޅޭ މެޗުގައި ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.