އުރުގުއޭ އަތުން ހިތްދަތިގޮތަކަށް މިސްރު ބަލިވެއްޖެ
އުރުގުއޭ އަތުން ހިތްދަތިގޮތަކަށް މިސްރު ބަލިވެއްޖެ

ޔެކަޓެރިންބާގް، ރަޝިއާ (ޖޫން 15) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މެޗު ނިމެން އެއް މިނިޓަށް ވެފައި ހުއްޓައި އުރުގުއޭގެ ހޯސޭ ގިމެނޭޒް ވައްދާލި ގޯލުން މިސްރުގެ މައްޗަށް ފަހު ވަގުތު އުރުގުއޭ އިން 1-0 ކުރި ހޯދައިފި އެވެ.

އުރުގުއޭ އަތުން ހިތްދަތިގޮތަކަށް މިސްރު ބަލިވެއްޖެ
އުރުގުއޭ އަތުން ހިތްދަތިގޮތަކަށް މިސްރު ބަލިވެއްޖެ

މި ގްރޫޕްގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު އުރުގުއޭ މި މޮޅާ އެކު އޮތީ ގްރޫޕް އޭގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ސައުދީ އަރަބިއާ އަތުން 5-0 އިން މޮޅުވި މި ފަހަރުގެ މުބާރާތް ބާއްވާ ގައުމު ރަޝިއާ އެވެ.

މިސްރުގެ ކޯޗު ހެކްޓާ ކޫޕާ މެޗުގެ ކުރިން މި މެޗުގައި އެ ޓީމުގެ ތަރި މުހައްމަދު ސަލާހު ކުޅޭނެ ކަމަށް ބުނި ނަމަވެސް އޭނާ މި މެޗުގައި ނުކުޅެ އެވެ. ސަލާހުގެ އިތުރުން މިސްރުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެ ޓީމުގެ ގޯލްކީޕަރު އިސާމް އަލް ހާދަރީ ވެސް ފުރަތަމަ އެގާރައިގައި ނުހިމެނެ އެވެ. އެކަމަކު އޭނާގެ ބަދަލުގައި މި މެޗުގައި މިސްރުގެ ގޯލަށް ކުޅުނު މުހައްމަދު އެލްޝަނާވީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ 11 މިނިޓް ތެރޭ ދެ ޓީމުން ވެސް ވަނީ ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން އުރުގުއޭގެ ފޯވާޑް އެޑިސަން ކަވާނީ ޖެހި ބޯޅަ މިސްރުގެ ކީޕަރު އެލް ޝަނާވީ ވަނީ ފަސޭހަކަމާ އެކު އަތަށް ނަގައިފަ އެވެ. އަދި މިސްރުގެ މަހުމޫދު ޓްރެޒެގޭ ފޮނުވާލި ބޯޅަ އުރުގުއޭގެ ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ ވަނީ މަތަކޮށްފަ އެވެ.

އުރުގުއޭގެ މެދު ތެރެއަށް ކުޅެމުން ދިޔައީ ނިސްބަތުން ޒުވާން ކުޅުންތެރިން ތަކެކެވެ. ޔުވެންޓަސް އަށް ކުޅޭ ރޮޑްރީގޯ ބެންޓަންކޫރާއި ނަހިޓާ ނާންޑޭޒް އަދި ޖިއޯޖިއަން އަރަސްކޭޓާ އަށް އެ ޓީމުގެ ކުރިއަށް ކުޅޭ ކަވާނީ އާއި ލުއިސް ސުއަރޭޒަށް އެންމެ ރަނގަޅު ބޯޅަތަކެއް ދެވޭ ގޮތެއްނުވި އެވެ.

އުރުގުއޭ އިން ގިނަ ވަގުތުގައި ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައި މިސްރުގެ މެދުތެރެ ފެނުނީ ވަރުގަދަ ކޮށެވެ. މިސްރަށް ކުޅޭ އާސެނަލްގެ މިޑްފީލްޑަރު މުހައްމަދު އެލްނެނީ އާއި ޓާމެރް ހަމެދު މި ހާފުގައި މޮޅަށް ކުޅުނެވެ. އަދި އުރުގުއޭ އަށް މެޗުގެ ކޮންޓްރޯލް ނެގިޔަނުދިނުމަށް ޓަމޭރް ދެއްކި ކުޅުން ފާހަގަކޮށްލެވެ އެވެ.

ފުރަތަމަ ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސުއަރޭޒް އަށެވެ. މެޗުގެ 24 ވަނަ މިނިޓްގައި އުރުގުއޭ އަށް ލިބުނު ކޯނަރަކުން އޭރިއާ ތެރެއިން ސުއަރޭޒަށް ލިބުމުން އޭނާ ފޮނުވާލި ނަމަވެސް އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. އެ ބޯޅަ ދިޔަގޮތުން ފުރަތަމަ ލަފާކުރެވުނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުވި ކަމަށެވެ.

ދެ ވަނަ ހާފް ފަށައިގެން ވެސް ފުރަތަމަ ފުރުސަތު ލިބުނީ ސުއަރޭޒް އަށެވެ. އޭނާ ފޮނުވާލި ބޯޅަ މިސްރުގެ ގޯލުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެލް ޝަނާވީ ވަނީ މަތަކޮށްފަ އެވެ. މިސްރަށް މޮޅު ކުޅުމެއް ދެއްކި ޓަމޭރް ވަނީ އަނިޔާވުމުން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ބަދަލުކޮށްފަ އެވެ.

އުރުގުއޭ އިން ވަނީ ދެ ވަނަ ހާފަށް ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއަން ރޮޑްރިގޭޒާއި ކާލޮސް ސަންޗޭޒް ކުޅެން އަރުވައިފަ އެވެ.

އޭގެ ފަހުން ސުއަރޭޒަށް އޭރިއާ ތެރެއިން ލިބުނު ބޯޅައެއް އޭނާ ފޮނުވާލުން ލަސްކުރުމުން ކީޕަރު އެލްޝަނާވީ ވަނީ އެ ބޯޅަ ހޯދައިފަ އެވެ. ކައުންޓަ އެޓޭކުގައި މިސްރުން ވެސް ނުރައްކާ ކުރަމުންދިޔައިރު، އޭރިއާ ތެރެއިން އެލްނެނީ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިންނެވެ.

މެޗުގެ ފަހު ވަގުތަށް ދިޔައިރު، އުރުގުއޭ އިން ދިޔައީ މިސްރަށް ނުރައްކާ ބޮޑު ކުރަމުންނެވެ. ކަވާނީ ފޮނުވާލި ބާރު ބޯޅައެއް ކީޕަރު އެލްޝަނާވީ މަތަކުރިއިރު، ހިލޭ ޖެހުމަކުން ކަވާނީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އުރުގުއޭ އަށް ހަމަނޭވައެއް ލެވުނީ މެޗުގެ 89 ވަނަ މިނިޓްގައި ޖިމެނޭޒް ޖެހި ލަނޑުންނެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ސަންޗޭޒް ނަގައިދިން ބޯޅަ ގިމެނޭޒް ވަނީ ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. ލަނޑަށް ފަހު އުރުގުއޭ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރިއިރު، މިސްރުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.

މި ގްރޫޕުގައި ދެން ކުޅޭ މެޗުގައި މި މަހު 19 ވަނަ ދުވަހު މިސްރު ނުކުންނާނީ ރަޝިއާއާ ދެކޮޅަށެވެ. އަށާވީސް އަހަރަށް ފަހު ފުރަތަމަ ފަހަރަށް މިސްރު މި ފަހަރު ވޯލްޑް ކަޕްގައި ކުޅޭއިރު، އެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ.