15 ޖޫން 2018 - 20:29

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވި ޖަލު ހުކުމާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ފާޑުކިޔައި، ކަންކަން އިސްލާހުކުރަން އަނެއްކާވެސް ގޮވާލައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ޕާސަން ހެދާ ނާވަޓް، އެ އިދާރާގެ ވެބްސައިޓުގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ތިން ބޭފުޅުންނަށް ޖަލު ހުކުމް އިއްވާފައިވަނީ ގާނޫނީ ހަމަތަކުގެ ތެރެއިން ބޭރުން އަދި ދިފާއުގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ނުދީ ކަމަށެވެ.
ދިވެހި ސަރުކާރުގެ އެ އަމަލުތަކުގެ ސަބަބުން މި އަހަރުގެ ރިޔާސީ އިންތިހާބު މިނިވަން ވެދާނެކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"އެމެރިކާ އާއި ގުޅިފައިވާ ބައިނަލްއަގުވާމީ މެމްބަރު ގައުމުތަކުން ރައީސް ޔާމީންގެ ސަރުކާރަށް ގޮވާލަނީ ގާނޫނު ދެމެހެއްޓުމަށެވެ. ގާނޫނީ ރައްކާތެރިކަން ދިވެހިންނަށް ކަށަވަރުކޮށް ދިނުމަށެވެ. މަޖިލީހާއި ޝަރުއީ ދާއިރާ މިނިވަންކަމާ އެކު ހިނގުމުގެ ފުރުސަތު ދިނުމަށެވެ،" ބަޔާނުގައިވެ އެވެ.
އެމެރިކާގެ ބަޔާނުގައި މިފަހަރު ވެސް ގޮވާލާފައި ވަނީ ސިޔާސީ ކުށްވެރިން ދޫކޮށްލުމަށެވެ. އަދި މިނިވަންކަމާ އެކު އިދިކޮޅު ފަރާތްތަކަށް ރިޔާސީ އިންތިހާބުގައި ވާދަކޮށް، ކެމްޕެއިން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދޮޅު އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ އެ ތިން ބޭފުޅުން ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލާގައި އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ. އެކަމަކު ޝަރީއަތުގައި އެ ބޭފުޅުންނަށް ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.
އެމެރިކާގެ އިތުރުން އިންޑިއާއިން ވެސް ވަނީ ތިން ބޭފުޅުންގެ ޝަރީއަތް ދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމަކު ސަރުކާރުން ބުނެފައި ވަނީ ޝަރީއަތް ކުރިއަށް ދިޔައީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.