16 ޖޫން 2018 - 10:47

އަހަރުތަކަކަށް ފަހު ޕްރިޔަންކާ ޗޯޕްޅާ ސޮއިކުރި ފުރަތަމަ ބޮލީވުޑް ފިލްމް "ބާރަތު" ކުޅެން އެއްބަސްވީ 12 ކްރޯޑް ރުޕީސް އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިހާރު ހޮލީވުޑްގައި މަސައްކަތް ކުރާ ބަތަލާ އިންޑިއާގެ ބޮޑު ސްކްރީނަށް ސަލްމާން ހާނާ އެކު އަންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.
"ބާރަތު" އަށް ޕްރިޔަންކާ ބޮޑު އަގަކަށް ސޮއި ކުރި އިރު، މިހާރު އެންމެ ބޮޑު އަގަކަށް ފިލްމް ކުޅެދޭ ބަތަލާއަކީ ދީޕިކާ ޕަދްކޯނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމް ސަންޖޭ ލީލ ބަންސާލީގެ "ޕަދްމާވަތު" ކުޅުނީ 13 ކްރޯޑް ރުޕީސްއަށެވެ.
އެހެންވެ ބޮޑު އަގު ލިބޭ ބަތަލާއިންގެ ލިސްޓްގެ ދެވަނަ އިން ޕްރިޔަންކާ ޖާގަ ހޯދި އިރު، އޭނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2016 ގައި ރިލީޒް ކުރި ޕްރަކާޝް ޖާގެ "ޖެއި ގަންގާޖަލް" އެވެ.
"ބާރަތު" އަކީ ސަލްމާންގެ ޅިޔަނު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކޮށް، އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމްގެ ޝޫޓިން ސަލްމާންގެ "ދަ-ބަންގް ރިލޯޑެޑް" ގެ އެމެރިކާ ޓުއާ ނިންމާލުމަށް ފަހު، ފަށަން ވަނީ ނިންމައިފަ އެވެ.
ޕްރިޔަންކާ ބުނި ގޮތުގައު އޭނާ "ބާރަތު" ގެ ކްރޫއާ ގުޅޭނީ އަންނަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ޑިޝާ ޕަޓްނީ، ތައްބޫ އަދި މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާ ވެސް ހިމެނެ އެވެ.
ޕްރިޔަންކާ އެންމެ ފަހުގެ ފިލްމަކީ ސަޕޯޓިން ރޯލެއް ކުޅުނު އަދި މި މަހުގެ 8 ގައި ރިލީޒް ކުރި "އަ ކިޑް ލައިކް ޖޭކް" އެވެ. ކުރިއަށް ދެން އޮތް ފިލްމަކީ އަންނަ އަހަރު ފެބްރުއަރީ 14 ގައި ރިލީޒް ކުރާ "އިޒިންޓް އިޓް ރޮމޭންޓިކް" އެވެ.