16 ޖޫން 2018 - 10:48

ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރްމާ ބޮލީވުޑަށް ނެރެން ސަލްމާން ފެށި މަސައްކަތް މިހާރު މި އަންނަނީ ނިމުމަކާ ގާތް ވަމުންނެވެ.
އޮކްޓޯބަރު ފަހެއްގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމް "ލަވްރާތުރީ" ގެ ޓީޒާ ޓްރެއިލާ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. މި ޓްރެއިލާގައި ސަލްމާންގެ ވޮއިސްއޮވާ ހިމަނާފައިވެ އެވެ. މިއީ ވެސް ފިލްމަށް އާންމުންގެ ލޯބި ޖެއްސުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ.
އަބިރާޖް މިނަވާލާ ޑައިރެކްޓްކޮށްފައިވާ "ލަވްރާތުރީ" ޓްރެއިލާ ދައްކައިލި އިރު ސަލްމާން އަންނަނީ ސޯޝަލް މީޑިއާގައި ވެސް ފިލްމް ވަރަށް ބޮޑަށް ޕްރޮމޯޓް ކުރަމުންނެވެ. އެގޮތުން ފޭސްބުކާއި ޓްވިޓާ އަދި އިސްޓަގްރާމްގެ މި ފިލްމްގެ އެކިއެކި ޕްރޮމޯޝަނަލް މެޓީރިއަލްތައް އޭނާ އަންނަނީ ހިއްސާ ކުރަމުންނެވެ.
ސަލްމާން ބުނަނީ އާޔޫޝް އާއި ވަރީނާ ހުސައިންގެ "ލަވްރާތުރީ" އަކީ ލޯބި ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނަށް ވަރަށް ވެސް ހާއްސަ އަދި އެހާމެ ކަމުދާނެ ފިލްމަކަށް ވާނެ ކަމަށެވެ.
މި ފިލްމަކީ އިންޑިއާގެ ހިންދޫން އީދެއްގެ ގޮތުގައި ފާހަގަ ކުރާ ނަވްރަތީގެ ތެރެއިން ދިމާވާ ދެ ޒުވާނެއްގެ ލޯބީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ލަވްރާތުރީ" ޝޫޓްކޮށްފައި ވަނީ އިންޑިއާ އާއި އިނގިރޭސިވިލާތުގަ އެވެ. ޓީޒާ ބަލައިލުމުން ފިލްމް ވަރަށް ވެސް ކުލަ ގަދަވެފައި، ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ކަހަލަ ގޮތްގަނޑު ބޮޑުކަން ފާހަގަކޮށްވެ އެވެ.
އާޔޫޝްއަކީ ސަލްމާންގެ ހަހު އަންހެން ކޮއްކޮ އަރްޕިތާ ހާންގެ ފިރިމީހާ އެވެ. އެ ދެ މީހުންގެ މިހާރު ދެ އަހަރުގެ ފިރިހެން ދަރިއަކު ވެސް އެބަ ހުއްޓެވެ.
އަރްޕިތާއާ، އާޔޫޝް ކައިވެނި ކުރި ހިސާބުން ސަލްމާން ވަނީ ޅިޔަނު ބޮޑު ސްކްރީނަށް ނެރުމުގެ މަސައްކަތް ފަށައިފަ އެވެ. ދެން އޮތީ ޅިޔަނުގެ ފިލްމް ބެލުންތެރިންނަށް ކަމުދާނެ ބަލައިލަން މަޑުކޮށްލުމެވެ.
"ލަވްރާތުރީ" އޮކްބޯބަރު ގައި ސިނަމާތަކަށް ގެންނަ އިރު، ވިޝްނޫ ހިންދޫ ޕަރިޝާދު ކިޔާ ޖަމާއަތަކުން ވަނީ ހިންދޫންގެ ފެސްޓިވަލެއްގެ ނަން ހަރާބުވާ ގޮތަށް ފިލްމަށް ނަން ދީފައިވާ ކަމަށް ބުނެ "ލަވްރަތުރީ" ގެ ނަން ބަދަކު ކުރަން ގޮވާލައިފ އެވެ. އަދި ނަން ބަދަލު ނުކުރާ ނަމަ، އިންޑިއާގައި ފިލްމް ރިލީޒް ކުރުން ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.
ނަމަވެސް މިކަމަކާ ގުޅިގެން ސަލްމާނާއި "ލަވްރާތުރީ" ގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.