16 ޖޫން 2018 - 10:47

އޮސްކާ ހާސިލުކޮށްފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާންގެ ބައޮގްރަފީ އޮގަސްޓް މަހު ނެރެން ނިންމައިފި އެވެ.
ޗެންނާއީގެ ލިޔުންތެރިޔާ ކްރިޝް ޓްރިލޯކް ލިޔެފައިވާ ބައޮގްރަފީ އަށް ދީފައިވާ ނަމަކީ "ނޯޓްސް އޮފް އަ ޑްރީމް: ދި އޮތޮރައިޒްޑް ބައޮގްރަފީ އޮފް އޭއާރް ރަހްމާން" އެވެ.
މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބައޮގްރަފީގައި ރަހްމާންގެ މިއުޒިކް ކެރިއަރު ފެށިގެން އައި ގޮތާއި، މިއުޒިކް ދުނިޔޭގައި އޭނާ ވަރުގަދަ ނަމަކަށް ބަދަލުކޮށްލި ގޮތް ވަރަށް ރަނގަޅަށް ކިޔައި ދޭނެ އެވެ. އޮގަސްޓްގައި ބައޮގްރަފީ ނެރޭކަން އިއުލާން ކުރި ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ.
"ނޯޓްސް އޮފް އަ ޑްރީމް: ދި އޮތޮރައިޒްޑް ބައޮގްރަފީ އޭއާރް ރަހްމާން" ގައި ރަހްމާނަށް އޮސްކާ ލިބުނު 2008 ގެ ފިލްމް "ސްލަމްޑޯގް މިލިއަނާ" ގެ ޑައިރެކްޓަރު ޑެނީ ބޮޔެލް ރަހްމާނާ ބެހޭ ގޮތުން ފާޅުކޮށްފައިވާ ޝުއޫރުތައް ވެސް ހިމެނޭނެ އެވެ.
ޗެންނާއީ އަށް އުފަން، މިހާރު އުމުރުން 51 އަހަރުގެ ރަހްމާނަކީ އިންޑިއާގެ ބޮލީވުޑްގެ އިތުރުން އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގެ ގިނަ އަދަދެއްގެ ފިލްމްތަކަކަށް ހިތްގައިމު އެތައް ލަވައަކާއި ބެކްމިއުޒިކް ހަދައި ދީފައިވާ ފަންނާނެކެވެ.
އޭނާގެ ޖާދުވީ މިއުޒިކަކީ އިންޑިއާގެ އިތުރުން މުޅި ދުނިޔޭގެ ވެސް މިހާރު ވަރަށް މަޝްހޫރު މިއުޒިކްތަކެކެވެ. އެގޮތުން ހުޅަނގުގެ ވަރަށް ފާހަގަކޮށްލެވޭ ފިލްމްތަކަށް ރަހްމާން މިއުޒިކް ހަދައި ދީފައިފައިވެ އެވެ.
އޭނާގެ ކާމިޔާބީތަކަށް ބަލާ އިރު ދެ އޮސްކާގެ އިތުރުން ހަ ނެޝަނަލް އެވޯޑާއި ގްރެމީ، ބަފްޓާ، ގޯލްޑެން ގްލޯބް އަދި ގިނަ އަދަދެއްގެ ފިލްމްފެއާ އެވޯޑް ހޯދާފައިވެ އެވެ.
މިއުޒިކް ދާއިރާ އަށް ރަހްމާން ކޮށްދެމުން އަންނަ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، އިންޑިއާ ސަރުކާރުން ދޭ ޝަރަފުވެރި އެވޯޑް ޕަދްމާ ބުޝަން ވެސް 2010 ގައި އޭނާ އަށް ލިބިފައިވެ އެވެ.
ރަހްމާން މިއުޒިކް ތައްތާރުކޮށް ދީފައިވާ ހިންދީ ފިލްމަކަށް ދެން އެންމެ އަވަހަށް ރިލީޒް ކުރާނީ މި މަހުގެ 29 ގައި ރިލީޒް ކުރާ ސަންޖޭ ދަތުގެ ބައޮޕިކް "ސަންޖޫ" އެވެ. އޭނާ ވަނީ މިދިޔަ އަހަރު "ލެ މަސްކް" ގެ ނަމުގައި ފިލްމެއް ވެސް ޑައިރެކްޓް ވެސްކޮށް އެވެ.
ރަހްމާން ޕްރޮޑިއުސްކޮށް، އޭނާގެ ވާހަކައަކަށް ހަދާފައިވާ ތަމަޅަ ފިލްމް "99 ސޯންގްސް" މިހާރު އަންނަނީ ރިލީޒް ކުރަން ތައްޔާރުވަމުންނެވެ.