ރާއްޖެ މައްސަލާގައި ރާހުލްގެ ފާޑުކިޔުން އިންޑިއާއަށް
ރާއްޖެ މައްސަލާގައި ރާހުލްގެ ފާޑުކިޔުން އިންޑިއާއަށް

ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވަމުންދާތީ އިންޑިއާގެ އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސްގެ ރައީސް ރާހުލް ގާނދީ އިންޑިއާގެ ފޮރިން ޕޮލިސީއަށް އިއްޔެ ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އިންޑިއާ ރައްޔިތުންނަށް ދޭން ރާއްޖެ އިން ވިސާ ދޫނުކުރާ ކަމަށް އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ ދަ ހިންދޫގައި ލިއުނު ހަބަރާ ގުޅިގެން ރާހުލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަކީ އިންޑިއާއާ އެންމެ ގާތް އެއް ގައުމު ކަމަށެވެ. އަދި ބޮޑެތި އެތައް އެހީތަކެއް އިންޑިއާ އިން ވެފައިވާ އިރު ދެ ގައުމުގެ ގުޅުން ހީނަރުވަމުން ދަނީ އިންޑިއާގެ ހާރިޖީ ގުޅުމަކީ ހަމައެކަނި ފޮޓޯއެއް ނެގުމުގެ ފުރުސަތަކަށް ހަދާފައިވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އެއީ "ރޭވުންތެރި މަގުސަދެއްގެ ބަދަލުގައި އެއީ އެއްވެސް އެޖެންޑާއެއް ނެތް މީޓިންތަކެކެ"ވެ.

ދަ ހިންދޫގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ ބޮޑެތި ބައެއް ރިސޯޓްތަކުން އިންޑިއާ މީހުންނަށް އަންގަމުން ދަނީ ދިވެހި ސަރުކާރުން އެމީހުންނަށް ވިސާ ނުދޭ ކަމަށެވެ. އެ ހަބަރާ ގުޅިގެން އިންޑިއާގެ އިދިކޮޅު ޕާޓީތަކުން އަންނަނީ އެގައުމުގެ ވެރިކަން ކުރާ ބީޖޭޕީއަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

އިންޑިއާގެ ވާދަވެރި ޗައިނާ އާއި ރާއްޖޭގެ ގުޅުން ބަދަހިކޮށް ޗައިނާގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ރާއްޖޭގައި ހިންގަން ފެށުމާ އެކު އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ހީނަރުވާން ފަށާފަ އެވެ. އެކަމަކު ދެ ސަރުކާރުން ވެސް ބުނަނީ އެ ގުޅުމަށް ބުރޫނާރާނެ ކަމަށާއި ގުޅުން ކުރިއަށް ދާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ އިދިކޮޅު އެތައް ލީޑަރުންނެއް ހައްޔަރުކޮށް ޝަރީއަތް ކުރާތީ އިންޑިއާ އިން ކަންބޮޑުވެ އެވެ.

ދާދި ފަހުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން، އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ، އަނބުރާ ވަނީ ފޮނުވާލާފަ އެވެ. އޭގެ ސަބަބެއް އިންޑިއާއިން އަދިވެސް ނުބުނެ އެވެ.

ނިހާންގެ މައްސަލާގައި އިންޑިއާގެ އެމްބެސެޑަރު އަކިލޭޝް މިޝްރާ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވެސް ހާޒިރުކުރި އެވެ.