ނިއު ދިއްލީގައި ހިރަފުސް ބޯވެ، އާންމުން ކޮށިއަރައިފި
ނިއު ދިއްލީގައި ހިރަފުސް ބޯވެ، އާންމުން ކޮށިއަރައިފި

ނިއު ދިއްލީ- އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޖައްވު ހިރަފުހުން ފުރި، އާންމުން ކޮށިއަރުވާލައިފި އެވެ.

މީގެ ކުރިން ދިމާނުވާ ފަދަ ހާލަތަކަށް ނިއު ދިއްލީގެ ތިމާވެށި ނުސާފުވެ، އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ނޭވާލާން އުނދަގޫވުމުގެ މައްސަލަ އެތައް ބަޔަކަށް ކުރިމަތިވެފައިވެ އެވެ. އާންމުން ބުނާ ގޮތުގައި ނިއު ދިއްލީ އަކީ މިހާރު ދިރިއުޅެން އެކަށީގެންވާ މާހައުލެއް ނޫނެވެ.

ހިރަފުހުގެ މައްސަލަ ބޮޑުވުމުން ނިއު ދިއްލީ ސަރުކާރުން މިހާރު ވަނީ އިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓުވައިފަ އެވެ. އަދި މުޅި ސިޓީއަށް ފެން ޖެހުމުގެ މަސައްކަތަށް، އަލިފާން ނިންވާ މީހުން ވަނީ ނެރެފަ އެވެ.

ސެންޓަ ފޯ ސައިންސް އެންޑް އެންވަޔަރަމެންޓްގެ އެގްޒެކްޓިވް ޑައިރެކްޓަރު އަނޫމިތާ ރޯއީ ޗޯދަރީ ވިދާޅުވީ ވައިގެ ނުސާފުކަން ހުންނަން ޖެހޭ މިންވަރަށް ވުރެ ނިއު ދިއްލީގައި އެ ހާލަތު ވަނީ 8-9 ޕަސެންޓް މައްޗަށް އަރައިފަ އެވެ.

"އަހަރެމެން ނޭވާލާ އިރު ވިހަ އެތައް މާއްދާއެއް ހަށިގަނޑު ތެރެއަށް ވަންނާނެ. އެއީ ސިއްހަތަށް ސީރިއަސް ނުރައްކަލެއް،" އަނޫމިތާ ވިދާޅުވި އެވެ.

ނިއު ދިއްލީ މިހާރު ވެސް ހިމެނެނީ ދުނިޔޭގައި އެންމެ ވައިނުސާފު ސިޓީތަކުގެ ތެރޭގަ އެވެ. އެކަމަކު މި ފަހުން މޫސުމަށް އައި އާދަޔާ ހިލާފު ބަދަލުތަކުގެ ސަބަބުން އެ ނުސާފުކަން ވަނީ މާ ބޮޑުވެފަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ނިއު ދިއްލީގެ ޖައްވުތެރެ އެހާ ނުސާފުވީ ކައިރީގައި އޮންނަ ހަނަފަސް ސްޓޭޓެއް ކަމަށްވާ ރާޖަސްތާނުން އުފެދޭ ހިރަފުހުގެ ތޫފާނުތަކުގެ ސަބަބުުންނެވެ. އަދި މި އަހަރުގެ ވިއްސާރަ މޫސުމް ނުފެށި ދިގުލުމުން، އެ ނުސާފުކޮށް މާ ގިނަ ދުވަހަށް ދެމިގެންދަނީ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.

ނިއު ދިއްލީގެ އަވަށްޓެރި ދެ ސްޓޭޓް ކަމަށްވާ ޕަންޖާބާއި ހަރްނާޔާގެ ދަނޑުވެރިން ދަނޑުތައް ސާފުކުރަން އެންދުމުގެ ސަބަބުން ކޮންމެ އަހަރެއްގެ ނޮވެމްބަރާއި ޑިސެމްބަރު މަހު ވެސް ނިއު ދިއްލީގެ ވައި ނުސާފުވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ ވައިނުސާފުކަމުގެ މިންގަނޑަށް ވުރެ މިދިއަ އަހަރު ނިއު ދިއްލީގެ ޖައްވުގެ ތަގައްޔަރުކަން 30 ޕަސެންޓަށް މައްޗަށް ދިޔަ އެވެ.