15 ޖޫން 2018 - 08:15

ސައުދީ އަރަބިއާ އަށް އަޅުގަނޑު ކުރި ދަތުރެއްގައި މައްކާގެ ތާރީޚީ ތަންތަން ބަލައިލަން އުމްރާ ގްރޫޕުގެ ފަރާތުން ޒިޔާރަތް ކުރި ތަންތަނުގެ ތެރޭގައި މަޝްހޫރު ޘައުރު އަދި ހިރާ ފަރުބަދަ ހިމެނެ އެވެ. އެ ތަންތަނާ ގުޅޭ ގޮތުން އަޅުގަނޑު ހިމެނުނު ގްރޫޕުގެ ފަރާތުން މައުލޫމާތު ދިން އިރު ހިތުގައި އެއްކަމެއްގެ ޝައުގުވެރިކަން އުފެދުނެވެ؛ އެ ފަރުބަދަތަކުގެ އެންމެ އުހަށް އެރިދާނެތޯ ހިތުގައި އުފެދުނު ސުވާލު އަޅުގަނޑުމެން ދަތުރުކުރި ޒަމްޒަމް ގްރޫޕުގެ ވެރިޔާ އަބްދުލް އަޒީޒް ހުސައިން (އަޒީބެ)އާ ކުރީމެވެ. މައްކާ އަދި މަދީނާ އަށް ދިވެހިން ގެންދިއުމުގައި 25 އަށް ވުރެ ގިނަ އަހަރު ހޭދަކޮށްފައިވާ އަޒީބެ އަށް އެކަމުގެ ލައްކަ މައުލޫމާތު ލިބިވަޑައިގެންފައި ހުންނާނެތީ އެވެ.

އަޒީބެ ވިދާޅުވީ އެއީ ހަށިގަނޑު ފިޓް، ގައި ބާރު ހުރި މީހަކަށް ވިއްޔާ ކުރެވިދާނެ ކަމެއް ކަމަށެވެ. އެކަމަކު އަޅުގަނޑުމެން ތިރީގައި ތިބެފައި ބަލައިލި އިރު ޘައުރު ފަރުބަދައިގެ ހޮހަޅަ އަށް ވަންނަން އެ ފަރުބައިގެ އެންމެ ކުރިއަށް އަރައި ތިބި މީހުން ފެންނަނީ ހަމަ ކިރިޔަ ކިރިޔާ އެވެ. އެ ފަރުބަދަ އެހާ ވެސް އުހެވެ. އެކަމަކު އެކަނި އެހާ އުސް ފަރުބަދައަކަށް އެރުން އެއީ ރައްކާތެރި ކަމެއް ނޫން ކަމަށް އަޅުގަނޑު ގަބޫލް ކުރީމެވެ. އެ ފަރުބަދައިގެ އުސްމިނަކީ ގާތްގަނޑަކަށް 1405 މީޓަރު (ގާތްގަނޑަކަށް 4،635 ފޫޓު) ކަމަށްވެ އެވެ.

މައްކާ އަށް ކުރި އެހެން ދަތުރެއްގައި އަޅުގަނޑުގެ ރަހުމަތްތެރިއަކު ފަރުބަދަ އަށް އެރުމުގެ ޝައުގުވެރިކަން މާބޮޑުވެއްޖެ އެވެ. އޭނާގެ އެދުމަށް އަޅުގަނޑުމެން ފަސް މީހުންގެ ގްރޫޕަކުން އެއް ދުވަހެއްގެ ވަރަށް ހެނދުނާ ހިރާ ފަރުބަދަ އަށް އެރުމުގެ ދަތުރު ފަަށައިފީމެވެ. ފަރުބަދައިގެ މެދަކާ ހަމައަށް އެރިތަނުން އަޅުގަނޑުމެންގެ ތެރެއިން އެކަކު މާބޮޑަށް ބަލިވެއްޖެ އެވެ. އަޅުގަނޑުމެންގެ ރަހުމަތްތެރިޔާ އަށް ނޭވާލާން އުނދަގޫވެ މޫނު މައްޗަށް އަނދިރި އެރުމުން އެ ހިސާބުން އަޅުގަނޑުމެންގެ ދަތުރު މަޑުޖައްސާލަން ޖެހުނެވެ. ހަމަޖެހޭ ރަނގަޅު ތަނެއްގައި އޭނާ ބޭއްވުމަށް ފަހު ބޮލަށާއި މޫނަށް ޒަމްޒަމް ފެން އަޅައި ހެދުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ހަމައަކަށް އެޅިއްޖެ އެވެ. އެކަމަކު އިތުރަށް ފަރުބަދަ އަށް އެރޭ ވަރަށް އޭނާ ފިޓެއް ނޫނެވެ. ދެން އަޅުގަނޑުމެން ގޮސް، އެނބުރި އަންނަން ދެން އެ ހިސާބުގައި އޭނާ އޮށޯވެލައިގެން އޮންނާނެ ކަމަށް ބުނުމުން އަޅުގަނޑުމެން އަނެއްކާވެސް ދަތުރު ފަށައިފީމެވެ.

ގަދަ ހޫނުގައި އުނދަގޫ އެކި ދިމަދިމާ އިން ހިރާ ފަރުބަދައިގެ އެންމެ އުހާ ހަމައަށް ފޯރިއިރު ގަޑިއެއްގެ އިރަށް ވުރެ ގިނަ އިރުވެއްޖެ އެވެ. ވަރަށް އުނދަގޫ މަރުހަލާތަކަށް ފަހު އެވެ. ބައެއް ފަހަރު ބޮޑެތި ދެ ހިލައިގެ ދެމެދުން ފިތިބާރުވެގެން ވެސް ދާން ޖެހެ އެވެ. ނޭވާ ހާސް ނުވީ ކިރިޔާ އެވެ. ހަށިގަނޑުން ބިޔަ މީހެއް ނަމަ އެ ބޮޑު ދެ ހިލައިގެ ހަނި ދޭތެރެއިން ދެމިގަނެވުމަކީ ވާނެ ކަމެއްހެން ހިއެއް ނުވެ އެވެ.

ހިރާ ފަރުބަދައިގެ އެންމެ އުހަށް، އުނދަގޫތަކަށް ފަހު އެރުމަށް ފަހު ދެން ކުރިމަތިވި އުނދަގޫ މާބޮޑެވެ. ހޮހަޅަ އަށް ވަންނަން ފަރުބަދަ އަށް އަރައި ތިބި މީހުންގެ އެއްވެސް ހަމައެއް ލަމައެއް ނެތެވެ. އެ ތަނުގައި އޮތީ ގަދަ މީހާ ގަދަވުމުގެ އުސޫލެވެ. ފަހަތުން ކޮއްޕާ މީހުންގެ ސަބަބުން ފިތިބާރުވެ ބައެއް ފަހަރު ބިމުގައި ފައި ނުޖެހިވެސް ހުންނަން ޖެހެ އެވެ. އަނބުރާލާފައި އެ ތަނުން ނުކުންނަން ވެސް އަޅުގަނޑުމެން ހިތަށް އެރި އެވެ. އެއީ ވާނެ ކަމެއް ނޫން ކަމަށް ބަަލައިފަ އެވެ. އެކަމަކު އެހާ އުނދަގުލުން އެހާ އުހަށް އެރުމަށް ފަހު، ކޮންމެ ފަދަ ހާލެއްގައި ވެސް އަޅުގަނޑުމެން ހިތްވަރުކޮށްލީމެވެ.

ފަރުބަދައިގެ އެންމެ މަތީގެ އެ ކުޑަ ތަންކޮޅުގައި ހޮހަޅައާ ހަމައަށް ފޯރަން، ފަރުބަދަ އަށް އެރުމަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ. އެންމެ ފަހުން ހޮހަޅައިގެ ދޮރާ ހަމައަށް ފޯރާ އަދި ހިރާ ފަރުބަދައިގެ ހޮހަޅައިގެ ތެރެއަށް ދެމިގަނެވިއްޖެ އެވެ. އެއީ ވަރަށް ކުޑަ ތަންކޮޅެކެވެ. މީހަކަށް ކިރިޔާ އިނދެވޭހާ ޖާގަ އެވެ. ތިރީގައި މުސައްލައެއް ފަތުރާފައި އޮތް އިރު އެހެން ގައުމުތަކުގެ މީހުން ހޮހަޅަ ތެރޭގައި ނަމާދުކޮށް ވެސް ހަދަ އެވެ. ނަމާދު ވެސް ކުރެވޭނީ އިށީނދެ އިނދެގެންނެވެ. އެހާވެސް ހޮހަޅައިގެ ޖާގަ ކުޑަ އެވެ.

އަޅުގަނޑުމެން ހަތަރު މީހުންގެ ތެރޭން ފަހަރަކު މީހަކު ހޮހަޅައިގެ ތެރެއަށް ވަދެ މަޑުކޮށްލުމަށް ފަހު ދެން ބެލީ އަވަހަށް އެ މީހުންގެ ތެރޭން ސަލާމަތްވެ ތިރިއަށް ފޭބޭތޯ އެވެ. ތޮއްޖެހިފައިވާ މީހުން ގިނަވުމުން އައި ކޮޅަށް އަނބުރާ ދިއުމަކީ ވާނެ ކަމެއް ނޫނެވެ. އެހެންވެ ހޮހަޅައިން ނުކުންނަ މީހުންނަށް ޖެހޭނީ ހޮހަޅައިގެ މަތީގައި އޮންނަ ބޮޑު ހިލައެއްގެ މައްޗަށް އަރައިގެން އެހެން ދިމާއަކުން ފައިބާށެވެ. ހޮހަޅައިން ނުކުތުމާ އެކު އެ ހިލައިގެ މަތީގައި ތިބޭ ބަޔަކަށް އަތް ދިތް ކުރުމުން ދަމާފައި އެ ހިލައިގެ މައްޗަަށް ނަގަނީ އެވެ.

ހޮހަޅައިން ނުކުމެ އެ ފަރުބަދައިގެ އެންމެ މަތީގައި އޮތް ބޮޑު ހިލައެއްގެ މަތީގައި އަޅުގަނޑުމެން ތިއްބާ ދެން ކުރިމަތިވީ މާ ބިރުވެރި ކަމެކެވެ. އެކި ދިމާލުމުން ބޮޑެތި ރާމާ މަކުނުތައް ފުމެ އަންނަން ފެށި އެވެ. މަކުނުތައް ދިމާކުރީ އަޅުގަނޑުމެންގެ ތެރޭން އެކެއްގެ ބުރަކަށީގައި އަޅުވާފައި އޮތް ދަބަސް ޖަހައިގަތުމަށެވެ. އޭނާ އަވަހަށް އެ ދަބަސް ދޫކޮށްލި އިރު ބޮޑެތި ޒަޚަމްތަކެއް ވެސް ލިބުނެވެ. ރާމާ މަކުނުގެ ބޮޑެތި ވަކިތައް އަތަށާއި ބުރަކަށްޓަށް ވެސް ހެރިފައި ހުއްޓެވެ. މަކުނުތައް ދުވެފައި އައި ވަގުތު އެއީ އެންމެންނަށް ވެސް ބިރުވެރި ވަގުތެކެވެ. އެ ބޮޑު ހިލައިގެ މަތިން ދެވޭނެ އެހެން ދިމާލެއް ނެތެވެ. މަކުނުތައް ފައްސާލަން އަތުގައި އެއްވެސް "ހަތިޔާރެއް" ނެތެވެ. މަކުނުތައް ދަބަސް އަތުލުމަށް ފަހު އެ ހޭވުމަށް ފަހު އޭގައި އޮތް ފެން ފުޅި ނަގާ މަތިގަނޑުވެސް ނައްޓާލުމަށް ފަހު ބޯން ފެށި އެވެ.

ދެން އަޅުގަނޑުމެން ދަނޑިވަޅު ބަލާ އެ ހިލައިގެ މަތިން ފޭބުމަށް ފަހު ފަރުބަދައިގެ ތިރިއަށް ފައިބަން މިސްރާބު ޖަހައިފީމެވެ. ވަކި ހިސާބަކުން ދަނޑިބުރިއެއް ކަހަލަ އެއްޗެއް ވެސް އަތަށް ނަގަން ޖެހުނެވެ. އެއީ ދޭ ތެރެ ދޭތެރޭން ރާމާ މަކުނުތައް އައިސް ދިމާ ކުރާތީ އެވެ. ފަހުން އަޅުގަނޑުމެންނަށް އެނގުނު ގޮތުގައި ފަރުބަދަ އަށް އެރި އެހެން ބައެއް މީހުންގެ ބެކްޕެކާއި ފެންފުޅި ފަދަ ތަކެތި ވެސް މަކުނުތައް ވަނީ އަތުލައިފަ އެވެ.

އަޅުގަނޑުމެން އެންމެން ވެސް ހަމަޖެހިލައިގެން ފަރުބަދައިން ފައިބައިގެން ގޮސް ރަހުމަތްތެރިޔާ އޮތް ތަނުގައި މަޑު ކުރުމަށް ފަހު އޭނާ އެކު އެންމެ ތިރިއަށް ފޭބީ އެވެ. ފަރުބަދަ އަށް އަރަމުން ދިޔަ އިރު އަޅުގަނޑުމެން ދިޔައީ ފޯނުން އޭނާގެ ހާލު ބަލަމުންނެވެ. ދުއްވާ އެއްޗެއްގައި ނައްޓާލައިގެން ހަރަމްފުޅަަށް ފޯރީ މެންދުރުގެ ބަންގިއަށެވެ.

ދެތިން ދުވަހަށް ފަހު އަނެއްކާ ވެސް އަޅުގަނޑުމެން ދަތުރު ފެށީ ޘައުރު ފަރުބަދަ އަށް އެރުމަށެވެ. ހިރާ ފަރުބަދަ އަށް ވުރެ ޘައުރު ފަރުބަދަ އަށް އެރުން ކުޑަ ތަންކޮޅެއް ފަސޭހަ އެވެ. އެއީ މައްކާގެ އެންމެ އުސް ފަރުބަދަތަކުގެ ތެރޭން ފަރުބަދައެއް ނަމަވެސް ފަރުބަދަ އަށް އަރަން އޮންނަ މަގުގެ ކަތި ތަންކޮޅެއް ތެދުވުމުންނެވެ. އެކަމަކު ފަރުބަދައިގެ އެންމެ އުހަށް އަރަން މާގިނަ ވަގުތު ނެގި އެވެ. ހިރާ ފަރުބަދަ އަށް ވުރެ ޘައުރު ފަރުބަދަ އުސްވުމުންނެވެ. ޘައުރު ފަރުބަދައިގެ ވަކި ހިސާބަކަށް އެރި އިރު ވެސް ފަރުބަދައިގެ އެންމެ މަތީގައި އުޅޭ މީހުން ހަމަ ލޮލަށް ފެންނަނީ ކިރިޔާ އެވެ.

ޘައުރު ފަރުބަދައިގެ އެންމެ އުހަށް އެރުނު އިރު ހިރާ ފަރުބަދައިގެ އެންމެ އުހަށް ވުރެ ތަންކޮޅެއް އިންތިޒާމް ރަނގަޅެވެ. ޘައުރު ފަރުބަދައިގެ ހޮހަޅައަށް ވަންނަން ކޮންމެ ވެސް ވަރެއްގެ ކިޔޫއެއް ވެސް އޮތެވެ. އެތައް އިރަކަށް ފަހު ހޮހަޅައާ ހަމައަށް ދިއުމުން ވަަރަށް ބޮޑަށް ތިރިވެގެން އޮވެ ހޮހަޅައިގެ ތެރެއަށް ވަދެވިއްޖެ އެވެ. އެ ހޮހަޅައިގެ ތެރޭގައި ވެސް ބައެއް މީހުން ނަމާދުކޮށް ހަދަ އެވެ.
މައްކާގެ ދެކުނުގެ ރަށް ބޭރުގައިވާ ޘައުރު ފަރުބަދައިގެ ހޮހަޅަ އަކީ މުޝްރިކުންގެ ކިބައިން ސަލާމަތްވުމަށް މާތް ނަބިއްޔާ އަބޫބަކްރުގެފާނާ އެކު މަދީނާ އަށް ކުރެއްވި ހިޖުރައިގައި މަޑުކުރެއްވި ހޮހަޅަ އެވެ. ތިން ދުވަސްވަންދެން އެ ހޮހަޅައިގައި ތިއްބެވި އިރު ދެ ބޭކަލުންނަށް ފަރިއްކޮޅު ހިއްޕަވައިގެން ކޮންމެ ދުވަހަކު ވެސް ވަޑައިގެންނެވީ އަސްމާގެފާނެވެ. އެކަމުގެ ސަބަބުން އެކަމަނާ އަށް ވަނީ ޚާއްސަ ލަގަބެއް ވެސް ލިބިވަޑައިގެންފަ އެވެ. މައްކާގެ މުޝްރިކުން ވަނީ ރަަސޫﷲގެ ފާން ދިރިހުންނަވަނިކޮށް ގެނެސްފި މީހަކަށް 100 ޖަމަލުގެ އަގު ބޮޑު އިނާމެއް ވެސް ހުށަހަޅައިފަ އެވެ.
މާތް ނަބިއްޔާ އަށް ރިސާލަތު ލިބިވަޑައިގެންނެވުމުގެ ކުރިންނާއި ފަހުން ވެސް އެކަލޭގެފާން ގިނިކަންޏާ ހިރާ ފަރުބަދައިގެ ހޮހަޅައަށް ވަޑައިގެން އަޅުކަން ކުރައްވާކަމުގައިވެ އެވެ. މައްކާގެ އިރުމަތީ ފަރާތު ރަށްބޭރުގައި ހުންނަ މި ފަރުބަދަ އަށް، މީސްތަކުން ނިދީމާ އާއްމުކޮށް އެކަލޭގެފާން އަރުއްވާ ކަމަށްވެ އެވެ. މާތްﷲގެ ވަޙީ އެންމެ ފުރަތަމަ ބާވާލެއްވުނީ އެކަލޭގެ ފާނު ހިރާ ފަރުބަދައިގެ ހޮހަޅައިގައި އިންނަވަނިކޮށެވެ. އެ ފަރުބަދަ އަށް ޖަބަލުއް ނޫރު ކިޔަނީ އެހެންވެ އެވެ.