އުފަން ދުވަހު ސަލާހަށް ހާއްސަ އުފަލެއް!
އުފަން ދުވަހު ސަލާހަށް ހާއްސަ އުފަލެއް!

މޮސްކޯ (ޖޫން 15) - މިސްރުން 28 އަހަރަށް ފަހު ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް ވާދަކުރާއިރު މި މެޗުގައި، މިއަދު އުފަންދުވަސް ފާހަގަކުރާ އެ ޓީމުގެ ތަރި މުހައްމަދު ސަލާހު ކުޅޭނެ ކަމަށް އެ ޓީމުގެ ކޯޗު ހެކްޓާ ކޫޕަ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލަށް ކުޅެނިކޮށް ސަލާގެ ކޮނޑަށް އަނިޔާވެ ވޯލްޑް ކަޕުގައި ކުޅެވިދާނެކަމާ މެދު ސުވާލުތަކެއް އުފެދުނެވެ. ސަލާހާ ހަވާލާދީ މިސްރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފުރަތަމަ މެޗަށް ފިޓްވުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. ސަބަބަކީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް މެޗެއްގައި ކުޅުމުގެ ޝަރަފް އުފަން ދުވަހު ހޯދާށެވެ. އޭނާ ހުރީ މި ހާއްސަ ދުވަހުގައި މިސްރަށް ތާރީހީ މޮޅެއް ހޯދައިދިނުމުގެ އަޒުމުގަ އެވެ.

"އަދިވެސް ޓްރެއިނިންތައް ކުރިއަށްދާ ގޮތް ބަަލަން މި ތިބީ. އެކަމަކު 100 ޕަސެންޓް ޔަގީންކަމާ އެކު ބުނަން ކެރޭ ސަލާހު ފުރަތަމަ މެޗުގައި ކުޅޭނެ. މިއީ މުޅި މިސްރަށާއި ހުރިހާ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް،" ކޫޕަ ބުންޏެވެ.

މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވެ ހޯދި ގިނަ ކާމިޔާބީތަކާ ސަލާހަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. ގިނަ އެވޯޑްތަކެއް މި ސީޒަނުގައި ސަލާހު ހޯދިއިރު، މި ފަހަރުގެ ވޯލްޑް ކަޕްގައި މިސްރުގެ ނަތީޖާތައް ނުކުންނަ ގޮތަކުން ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ އެވޯޑަށް އޭނާ ވާދަކުރާނެ ކަމަށް ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އަދި ދާދި ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ސަލާހަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.

ސަލާހާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅޭ އުރުގުއޭގެ ގިނަ ކުޅުންތެރިންގެ އެދުމަކީ ވެސް މިއަދުގެ މެޗުގައި ސަލާހު ކުޅުމެވެެ. އުރުގުއޭގެ ތަރި ލުއިސް ސުއަރޭޒް ބުނީ އެންމެ މޮޅެތި ކުޅުންތެރިންނަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އަދި ސަލާހަކީ ތަފާތު މޮޅު ކުޅުންތެރިއެއްކަމަށް ސުއަރޭޒް ވަނީ ބުނެފަ އެވެ.

އުރުގުއޭގެ ކީޕަރު ފެނާންޑޯ މުސްލޭރާ ބުނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ކުޅެން އަބަދުވެސް ބޭނުންވާ ކަމަށާއި ސަލާހާ ދެކޮޅަށް ވެސް ކުޅެން ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި އުއްމީދަކީ ފުރަތަމަ މެޗުގައި ސަލާހަށް ކުޅެވުން ކަމަށް މުސްލޭރާ ބުންޏެވެ.

ވޯލްޑް ކަޕް ތާރީހުގައި މިހާތަނަށް މިސްރަށް މޮޅެއް ހޯދިފައެއް ނެތެވެ. އަދި އެފްރިކާ ބައްރުގެ ޓީމެއް އަތުން ވޯލްޑް ކަޕްގައި އުރުގުއޭ އަދި ބަލިވެފައިނުވެ އެވެ. މިސްރާއި އުރުގުއޭ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 5 ޖަހާއިރު އެވެ.