14 ޖޫން 2018 - 23:01

ރިޔާސީ އިންތިޚާބަށް އެމްޑީޕީން މިރޭ އެ ޕާޓީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކޮށްފި އެވެ.
"ޖަޒީރާ ރާއްޖެ" ނަމުގައި އެމްޑީޕީން ފެށި ކެމްޕެއިން ލޯންޗްކުރީ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގަ އެވެ. މާލޭގެ އިތުރުން އެކި ރަށްރަށުގައި ވެސް ފޭސްބުކް ލައިވް މެދުވެރިކޮށް އެ ކެމްޕެއިން ވަނީ ލޯންޗްކޮށްފަ އެވެ.
އެ ޖަލްސާގައި އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތް މިހާރު އެ ޕާޓީގެ ކެމްޕެއިން ކޮމެޓީން ރާވާފައިވާ ކަމަށާއި ކެމްޕެއިން ޓީމުގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
"މި ކެމްޕެއިންގައި ވެސް އަޅުގަނޑުމެން ހިންގާނެ ފުރަތަަމަ މަސައްކަތަކީ ޕާޓީގެ މެނިފެސްޓޯގައި ހިމެނުމަށް ރައްޔިތުން ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުން،" އަސްލަމް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އެމްޑީޕީން ފެށިއިރު، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުން ނިންމާފައި އޮތީ އިދިކޮޅު ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށެވެ. އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ.
ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓަކީ 13 އަހަރުގެ ޖަލު ހުކުމެއް އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެ ޕާޓީގެ ޕްރައިމަރީ އަށް ފަހު ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނަޝީދަކީ ރައީސް ކަމުގެ ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށާއި އެހެންވެ، ނަޝީދު ވާދަކުރެއްވި ޕްރައިމަރީ ވެސް ގަބޫލު ނުކުރާނެ ކަމަށް ބުނެފަ އެވެ.