14 ޖޫން 2018 - 21:59

މޮސްކޯ (ޖޫން 14) – ރަޝިއާގެ ވެރިރަށް މޮސްކޯގައި މިރޭ ފެށި ދުނިޔޭގެ ތަށްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އޭޝިއާގެ ގަދަބާރު ސައޫދީ އަރަބިއާ އަތުން ފަސޭހަކަމާ އެކު 5-0 އިން މޮޅުވެ ރަޝިއާ އިން އެ ގައުމުގެ ރައްޔިތުންނަށް ބޮޑު އުފާވެރިކަމެއް ގެނެސްދީފި އެވެ.

ސޯވިއެޓް ޔޫނިއަންގެ ގޮތުގައި ވާދަކޮށް 1966 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދުން ފިޔަވައި މި މުބާރާތުގައި މާބޮޑު ކާމިޔާބެއް ރަޝިއާ އަށް ލިބިފައި ނެތް ނަމަވެސް އަމިއްލަ ގައުމުގައި ބާއްވާތީ އެ ޓީމުން މި ފަހަރު ތަފާތު ދައްކާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމުގެ ފުރަތަމަ ސިގްނަލް އެ ޓީމުން ފޮނުވާލީ ފުރަތަމަ ހާފުގައި ވައްދާލި ދެ ލަނޑާ އެކު ރަނގަޅު ލީޑެއް ނަގައިގެންނެވެ.
ކޯނަރަކުން އުފެއްދި ހަމަލައެއްގައި، އޭރިއާ ތެރެއިން ހުރަސްކުރި ބޯޅަ އަށް މުޅިން ހުހަށް އަރައި 12 ވަނަ މިނެޓުގައި ރަޝިއާ އަށް ކުރި ހޯދައިދިނީ ޔޫރީ ގަޒިންސްކީ އެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލީޑު ފުޅާކޮށްދިނީ ޑެނިސް ޗެރީޝޭފެވެ. އޭރިއާ ތެރެއިން އަތުކުރި ބޯޅަ އޭނާ ގޯލުގެ މަތީ ދާގަނޑުގައި ތަތްކޮށްލީ ސައުދީގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު އެވެ.
ދެ ލަނޑުގެ ލީޑެއް ލިބުނު ނަމަވެސް ރަޝިއާ އިން ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ހިތްދަތިކަމާ އެކު އެވެ. އެއީ 23 ވަނަ މިނެޓުގައި އިތުބާރު މިޑްފީލްޑަރު އެލަން ޒަގޮއޭފަށް ލިބުނު އަނިޔާއަކާ ގުޅިގެން ބާލަން ޖެހުމުންނެވެ. އޭނާގެ ފަލަމަސްގަނޑު އިރައިގެން ދިޔަ ކަމަށް ބެލެވޭއިރު، މުބާރާތުގައި ދެން ނުކުޅެވުމުގެ ފުރުސަތު އެބައޮތެވެ.
ވޯލްޑް ކަޕުގައި 12 އަހަރަށް ފަހު ވާދަކުރާ ސައުދީ އަރަބިއާ އަށް ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނުތަނުގައި މާ ރަނގަޅު ކުޅުމެއް ވެސް ނުދެއްކުނެވެ. ރަޝިއާގެ ގޯލަށް އެ ޓީމަށް ކިރިޔާ ވެސް ނުރައްކަލެއް ކުރެވުނީ 20 ވަނަ މިނެޓުގައި މުހައްމަދު އަލް ސަހަލްވީ ފޮނުވާލި ހަމަލައަކުންނެވެ.
ދެ ވަނަ ހާފުގައި ވެސް ތަކުރާރުވީ އެ މަންޒަރެވެ. ހާފުގެ ކުރީކޮޅު ސައުދީ އަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އަދި 71 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއާ އަރްޗޫމް ޒޫބާ ވަނީ ރަޝިއާގެ ތިން ވަނަ ގޯލް ޖަހައި އެ ޓީމަށް ބޮޑު ހަމަޖެހުމެއް ގެނެސްދީފަ އެވެ. މެޗުގެ ފަހުބައިގައި ހާސްކަމެއް ނެތި ކުޅެން ޖެހުމުގެ ނަތީޖާއަކަށްވީ ރަޝިއާ އިން އިތުރު ދެ ގޯލް ޖަހައި ތަފާތު ބޮޑުކުރުމެވެ. އެ ޓީމުގެ ހަތަރު ވަނަ ގޯލް ވައްދާލީ އިތުރު ވަގުތުގެ ތެރޭގައި ވައްދާލީ ޗެރިޝޭފެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނާ ދިމާލަށް ވަނީ ސައުދީގެ ގޯލްކީޕަރު ބޯމަތިން ގޮހެވެ. ފަސް ވަނަ ގޯލް ޖެހީ ހިލޭ ޖެހުމަކުން އަލެކްސެންޑާ ގޮލޮވިން އެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއޭ އާއި މުހައްމަދު ސަލާހުގެ މިސްރެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ މެންދުރުފަހު ރާއްޖެ ގަޑިން 5 ޖަހާއިރެވެ.
މިރޭގެ މެޗު ބައްލަވާލެއްވުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދަނޑުގައި ވަޑައިގެން ތިއްބެވި އެވެ. ދެ ބޭފުޅުންނާ އެކު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ހުންނެވި އެވެ. މެޗުގެ ކުރިން ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި ޕުޓިން ވާހަކަފުޅު ވެސް ދެއްކެވި އެވެ.