14 ޖޫން 2018 - 17:31

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާ ގުޅޭގޮތުން ކަންބޮޑުވުންތައް އެބަހުރި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ ވޯޓާސް ލިސްޓާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ އެންމެ ޝަކުވާއެއް ކަމަށްވިޔަސް، ވަރަށް ގިނަ ޝަކުވާ އެ ލިސްޓާ ގުޅޭގޮތުން ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ކުޑަކުދިންގެ ނަން ވޯޓާސް ލިސްޓުގައި ހުރިކަން މިހާތަނަށް ވެސް ފާހަގަވެފައިވާ ކަމަށާއި އެހެންވެ، އެއީ އެއްވެސް މައްސަލައެއް ނެތް ލިސްޓެއް ކަމަކަށް ގަބޫލުނުކުރެވޭ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"މިއީ އެއްވެސް ޝަކުވާއެއް ނެތް ސާފުކޮށް އޮތް ލިސްޓެއް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ބައިވަރު ޝަކުވާ އެބަހުރި،" ނިޔާޒް ވިދާޅުވި އެވެ.
އެގޮތުން އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ވޯޓުލާ މީހުންގެ އައިޑީކާޑު ނަމްބަރު އެ ލިސްޓުގައި ހިމަނާފައި ނެތުމެވެ. ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރެވޭ އެންމެ މުހިންމު ވަސީލަތަކީ އައީޑީކާޑު ނަމްބަރު ކަމަށާއި އެ މައުލޫމާތު ނެތް ނަމަ އެކަންކަން ކަށަވަރު ކުރަން އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އައިޑީކާޑުގެ ނަމްބަރު ނުބައިކޮށް އޮވެއްޖެ ނަމަ އެ ޝަކުވާ ކޮމިޝަނަށް ހުށަހަޅަން އެ ކޮމިޝަނުން އެދިފައި ވިޔަސް، އެ މައުލޫމާތު އާންމު ނުކުރަނީސް އެކަން ނުކުރެވޭނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އެ މައުލޫމާތު ދޭން އެ ޕާޓީން އެދުމުން ވެސް އެ މައުލޫމާތު ކޮމިޝަނުން މިހާތަނަށް ނުދޭ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
"ފަހަރެއްގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެދާނެ ގާނޫނަކު ނެތޭ އައިޑީކާޑު ހިމަނަގައިގެން ވޯޓާސް ލިސްޓް އާންމު ކުރާކަށް. އެކަން އެހެން އޮއްވާ ކުރީގެ ކޮމިޝަންތަކުން ވެސް އާންމުކުރީ. އަދި ގާނޫނަކު ނެތް އައިޑީކާޑުގެ މައުލޫމާތު އާންމު ނުކުރާކަށް. އެއީ ހުއްޖަތެއް ކަމަށް ދައްކަވައިގެން ކީއްކުރަންތޯ؟. މި އުޅެނީ ދެ ފުށް ފެންނަ ގޮތަށް ކަންކަން ކުރަން،" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ނިޒާމު މިހާރު އޮތްގޮތުން ޝަކުވާ ހުށަހަޅަން ޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށާއި އެކަމަކު އެއީ އެކަން އޮންނަންޖެހޭ ގޮތެއް ނޫން ކަމަށެވެ. އެ ފުރުސަތު ޕާޓީތަކަށާއި އަމިއްލަ ފަރުދުންނަށް ވެސް އޮންނަން ޖެހޭނެ ކަމަށާއި އަދި މަރުވާ މީހުންގެ ނަން ލިސްޓުގައި އޮތުން ފަދަ މައްސަލަތައް ދިމާވުމުން އިތުރު ލިޔުމަކާ ނުލައި އެ ޝަކުވާއެއް ބަލައިގަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ޕީޕީއެމަށް ނިސްބަތްވާ މީހެއްގެ ނަން ތަކުރާރު ވެފައި އޮތުން ނުވަތަ މަރުވެފައިވާ މީހެއްގެ ނަން ލިސްޓުގައި އޮތުން ފަދަ މައްސަލަތައް ޝަކުވާ ހުށަހަޅާ ފޯމާ އެކު ހުށަހަޅާއިރު އެހެން މީހަކަށް އެކަން ނުކުރެވޭ ކަމަށް ވަންޏާ ތަކުރާރުކޮށް ނަން ހިމެނި ނުވަތަ މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮތުމަކީ ފުރުސަތު ލިބިގެންދާ ކަމެއް،" ނިޔާޒް ވިދާޅުވި އެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ ހަފުތާގައި ހަމަވާއިރު، ކުރިއަށް އޮތީ ފިތުރު އީދާއި ވޯލްޑްކަޕް ދުވަސްވަރު ކަމަށްވާތީ ޝަކުވާ ހުށަހެޅުމުގެ ކަންކަން ގިނަ ބަޔަކަށް ނޭނގިދާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އެކަމަކު އެ ޕާޓީގެ ގުނަވަންތައް މެދުވެރިކޮށް އެކަންކަމަށް ހޭލުންތެެރި ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ ކަންބޮޑުވުންތަކަށް ހައްލު ކުރަން އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށާއި އަދި އެކަމަށް އެހެން ޕާޓީތަކުން ވެސް މަސައްކަތް ކުރަން އޭނާ ގޮވާލެއްވި އެވެ.
ވޯޓާސް ލިސްޓާ މެދު ޝަކުވާ އޮތް ނަމަ، އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ. ވޯޓާސް ލިސްޓުގައިި ނަން އޮތްތޯ އެސްއެމްއެސް މެދުވެރިކޮށް ވެސް ބެލޭނެ އެވެ.