ކުނޫޒު، ވޯލްޑް ކަޕްގެ މެޗުތައް ބަލާ ޖަގަހައަކަށް
ކުނޫޒު، ވޯލްޑް ކަޕްގެ މެޗުތައް ބަލާ ޖަގަހައަކަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އޮފީސް އަދި މައި ޖަގަހަ މ. ކުނޫޒުގައި ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް ދައްކައި، މުބާރާތާ ގުޅޭ އެކި ހަރަކާތްތައް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ވޯލްޑް ކަޕް މެޗުތައް ކުނޫޒުގައި ބެލުމުގެ ފުރުސަތު ކޮންމެ ދިވެއްސަކަށް އޮންނާނެ ކަމަށެވެ. ޖޭޕީން ވަކި ކުލަ އަކަށް ނުވަތަ ސިޔާސީ ފިކުރަކަށް ނުބަލާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.

"ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް މިކަން އޮތީ. އަޅުގަނޑުމެންގެ މަސައްކަތުގައި ރާއްޖެ އިން ބޭރުގައި ތިއްބަވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެ،" ސަމީރު ވިދާޅުވި އެވެ.

ޖޭޕީގެ އެކްޓިވިޓީސް ކޮމިޓީގެ ޗެއާ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ "ޖޭޕީ ވޯލްޑް ކަޕް އެރީނާ" ގައި މައިގަނޑު ތިން ކަމެއް ހިމެނޭނެ ކަމަށެވެ. އެގޮތުން މެޗުތަކުގެ ސްކޯ ދިމާކުރުމާއި ޕެނަލްޓީ ޝޫޓްއައުޓް މުބާރާތަކާއި ގާލިންޑޯ މުބާރާތެއް އޮންނާނެ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ޖޭޕީން ބޭނުންވަނީ ވާދަވެރިކަމުގެ ތެރެއިން ވެސް ރާއްޖެ އަށް އުފާވެރިކަމާއި ހަމަޖެހުން ގެނައުމަށެވެ. ޖޭޕީގެ ވޯލްޑްކަޕް އެރީނާ އަކީ ކާމިޔާބު އީދަކަށް ވެގެން ދާނެ ކަމަށް ވެސް، ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޑރ. މައުސޫމް ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ވޯލްޑް ކަޕް އެރީނާގެ ކަންކަން ކުރިއަށް ދަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަލީ ވަހީދުގެ ޗެއާ ކުރައްވާ ކޮމިޓީއަކުން ކަމަށެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަނީ މިކަން ސިޔާސީ ކަމަކަށް ނުހެދުމަށް އެދިވަޑައިގެންފަ އެވެ. އަދި މިއީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން އާލާ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މި ހަރަކާތްތަކުގައި ބައިވެރިވުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް އޭނާ ދައުވަތު ދެއްވި އެވެ.

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) ބުނީ ވޯލްޑް ކަޕް މެޗުތައް އެންމެ ހައި ކޮލިޓީގައި ކުނޫޒުން ފެންނާނެ ކަމަށެވެ. މިއީ ގާސިމް ދެއްވާ އަހަންމިއްޔަތުކަމުގެ ބޮޑު ކަމުން ކުރިއަށް ދާ ކަމެއް ކަމަށާއި އެކަމަށްޓަކައި ގާސިމަށް ޝުކުރު އަދާކުރާ ކަމަށް އޭނާ ބުންޏެވެ.