14 ޖޫން 2018 - 16:13

ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު މޮނިޓަކުރުމަށް ބޭނުންވާ މީޑިއާތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
މިކަމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ ރަޖިސްޓްރީކޮށްފައިވާ މީޑީއާތަކުން މޮނިޓަރުންނަށް ވުމަށް އެދި އޮގަސްޓް 15 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މޮނިޓަރަކަށް ވުމުގެ ޝަރުތުތަކަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށްވުމާއި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުމާއި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގައި މަސައްކަތްކުރާ މީހަކަށް ވުމެވެ.
މީގެއިތުރުން ބައިނަލްއަގްވާމީ މީޑިއާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުމާއި ރިޔާސީ އިންތިޚާބާ ބެހޭ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން ހިމެނެ އެވެ.
ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަ ކުރުމަށް ޝައުގުވެރިވާ މީޑިއާތަކަށް ފާސް ދޫކުރާނީ ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ 10 ޕަސަންޓު އިތުރުނުވާ ގޮތަށް ކަމަށާއި އެ އަދަދަށްވުރެ އިތުރުވާ ފޯމުތައް ބާތިލް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ އިއުލާނުގައިވެ އެވެ.
އިންތިޚާބަށް ކާޑު ދޫކުރުމަށް ފަހު، ކާޑު ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާ ހުރެ އަލުން ކާޑެއް ހަދައި ދެވޭނީ 95ރ. ގެ ޖޫރިމަނާއެއް ކާޑަށް ނެގުމަށް ފަހު ކަމަށް އިއުލާނުގައިވެ އެވެ.