"ފިލްމް ފޯ ޗޭންޖް" އަށް ކުރިމަތިލާން ހުޅުވާލައިފި
"ފިލްމް ފޯ ޗޭންޖް" އަށް ކުރިމަތިލާން ހުޅުވާލައިފި

މުޖުތަމައުގައި ހުރި މައްސަލަތައް ދައްކުވައިދޭ ކުރު ފިލްމުތަކެއް ހަދަން ދިރާގުން ޔޫއެންޑީޕީއާ ގުޅިގެން ޒުވާނުންނަށް ހިންގާ ތަމްރީން ޕްރޮގްރާމް "ފިލްމް ފޯ ޗޭންޖް" އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

"ފިލްމް ފޯ ޗޭންޖް" އަށް ކުރިމަތިލާން ހުޅުވާލައިފި
"ފިލްމް ފޯ ޗޭންޖް" އަށް ކުރިމަތިލާން ހުޅުވާލައިފި

ދިރާގުން ބުނީ މުޖުތަމައުގައި ހުރި މައްސަލަތައް ދައްކުވައިދޭ ޑޮކިއުމަންޓްރީ ސްޓައިލްގެ ކުރު ފިލްމު، ވީހާވެސް މަދު އިކުއިޕްމަންޓް ބޭނުން ކޮށްގެން ހަދަން އެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންނަށް ދަސްކޮށްދޭނެ ކަމަށެވެ.

މުޖުތަމައުގައި ހުރި މައްސަލަތަކާ މެދު ވާހަކަ ދެކެވި، އެފަދަ މައްސަލަތައް ހައްލުކުރަން އެފަދަ ފިލްމުތަކުގެ ސަބަބުން ބާރު ލިބިގެން ދާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގުން ޔޫއެންޑީޕީއާ ގުޅިގެން "ފިލްމް ފޯ ޗޭންޖް"ގެ ފުރަތަމަ ޓްރެއިނިން ބޭއްވީ މިދިޔަ އަހަރު އެވެ. މި އަހަރު ޓްރެއިނިން ބާއްވަން ނިންމީ، މިދިޔަ އަހަރުގެ ޕްރޮގްރާމް އަށް ލިބުން ކާމިޔާބީއާ ގުޅިގެން ކަމަށް ދިރާގުން ބުނެ އެވެ.

"ފިލްމް ފޯ ޗޭންޖް" ގައި ހިމެނޭނީ ދެ ބައެކެވެ. އެއީ އިންޑަސްޓްރީގެ ތަޖުރިބާކާރުންނާ އެކު ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމްގެ އިތުރުން، ފިލްމް ހެދުމުގެ ބައެވެ. އެގޮތުން ބައިވެރިން ފަސް ގްރޫޕަކަށް ބަހާލައިގެން، ކޮންމެ ގްރޫޕަކުން ކުރު ފިލްމެއް ހަދާނެ އެވެ.

ދިރާގުން ބުނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އެ ފިލްމުތައް ހަދާނީ ޔޫއެންޑީޕީން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތީމްތަކަށް ކަމަށެވެ.

އެންމެ ބޮޑު ޓެލެކޮމް ކުންފުނިން ބުނީ މި ޕްރޮގްރާމްގައި ބައިވެރި ވެވޭނީ، މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން ނަން ހުށަހަޅާ މީހުންނަށް ކަމަށެވެ. ނަން ހުށަހެޅޭނީ، 18-25 އަހަރުގެ ދިވެހިންނަށެވެ.

ޕްރޮގްރާމްގައި ބައިވެރިވެވޭނީ، ނަން ހުށަހަޅާ މީހުންނާ ޔޫއެންޑީޕީން އިންޓަވިއުކޮށް، އެ އިންޓަވިއު އިން ފާސްވާ 30 މީހުންނަށެވެ.