14 ޖޫން 2018 - 13:56

ރާއްޖޭގެ ޑިމޮކްރަސީ އާއި އިންސާނީ ހައްގުގެ ދާއިރާގައި ކެރިގެން، ބިރެއް ނެތި އަޑުއުފުއްލަވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް، ޑިމޮކުރަސީގެ ދިފާއުގައި މަސައްކަތް ކުރާ މީހުންގެ އަގުވަޒަންކުރުމުގެ އެވޯޑް ދޭ ގޮތަށް ނިންމައިފި އެވެ.
ދުނިޔޭގެ 144 ގައުމެއްގެ މަޖިލިސް މެމްބަރުން ހިމެނޭ ޖަމިއްޔާ، "ޕާލަމެންޓޭރިއަންސް ފޯ ގުލޯބަލް އެކްޝަން" އިން ދޭ "ޑިފެންޑާ އޮފް ޑިމޮކުރަސީ އެވޯޑް" ލިބެނީ ޑިމޮކުރަސީ އާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ މީހުންނަށެވެ.
މަހުލޫފް ވިދާޅުވީ އެ އެވޯޑަށް އޭނާ ހޮވިވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި އެ އެވޯޑް އޭނާ ހާއްސަ ކުރައްވާނީ އާއިލާ އާއި ޑިމޮކުރަސީގެ ދިފާއުގައި މަސައްކަތް ކުރާ އެހެން މީހުންނަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭނާ ކުރައްވާ މަސައްކަތްތަކާ ގުޅިގެން ބައެއް ދައުވާތައް އުފުލައި، މީގެ ކުރިން ވަނީ 10 މަސް ދުވަހު ޖަލުގައި ވެސް ހޭދަކުރައްވައިފަ އެވެ. އަދި މިހާރު އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އޭނާ ހުންނެވީ ގޭބަންދުގަ އެވެ.
އާންމުކޮށް މި އެވޯޑް އެ ޖަމާއަތުގެ މެމްބަރުންނަކަށް ނުދެ އެވެ. އެކަމަކު އެތަނުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މަހުލޫފް އެވޯޑް ހޮވީ ގިނަ ޕާޓީ ހިމެނޭ ޑިމޮކުރަސީއެއްގެ ދިފާއުގައި އޭނާ މިހާރު ކުރައްވަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ކަމަށް، ޕާލަމެންޓޭރިއަންސް ފޯ ގުލޯބަލް އެކްޝަން އިން ބުނެ އެވެ.
މި އެވޯޑް ކުރިން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ސިއެރެލިއޯންގެ ކުރީގެ ރައީސް އާނެސްޓް ބައިރް ކޮރޮމާ އާއި ޓޮންގޯގެ ބޮޑުވަޒީރު އަކިލިސި ޕޮހިވަގެ އިތުރުން ދެކުނު ކޮރެޔާގެ ކުރީގެ ރައިސް ކިމް ޑޯއީ ޖަންގް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ކޮމަންވެލްތުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑޮން މެކިނަން އާއި ނިއު ޒީލެންޑްގެ ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކަށް ވެސް އެވޯޑް ވަނީ ލިބިވަޑައިގެންފަ އެވެ.
މަހްލޫފަށް މި އެވޯޑް ހަވާލުކުރާނީ ޔޫކްރެއިންގައި ބާއްވާ، އެ ޖަމާއަތުގެ އަހަރީ ޖަލްސާގަ އެވެ.