27 ޖުލައި 2016 - 13:59

ކޮލަމްބޯ (ޖުލައި 27) - ސްރީ ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނުތާ ހަތް އަހަރުވީ އިރު ވެސް ހަނގުރާމައިގެ ދުވަސްވަރު ގެއްލުނު ކަމަށްވާ ބުނާ 16،000 މީހުންނަށް ވީގޮތަކާ ބެހޭ މައުލޫމާތު އާއްމު ކުރުމަށް އިންޓަނޭޝަނަލް ރެޑް ކްރޮސް އިން ބާރު އަޅަން ފަށައިފި އެވެ.
ޖެނީވާގައި ހިންގާ ރެޑް ކްރޮސް އިން ވަނީ 14 މަސް ދުވަހުގެ ސާވޭ ލަންކާގައި ކޮށްފަ އެވެ. އަދި ސާވޭގައި ވަނީ ހަނގުރާމައިގައި ގެއްލުނު ތަމަޅަ އިން އެ މީހުންގެ އާއިލާތަކުން އަދިވެސް ހޯދަމުންދާ ކަމަށް ބުނެފަ އެވެ. އަދި 34 ސަފުހާގެ ސާވޭ ރިޕޯޓުގައި ވަނީ ގެއްލިފައިވާ މީހުން ވީތަނަކާ ބެހޭ މައުލޫމާތު ސަރުކާރުން ހާމަކޮށްދިނުމަށް އެދިފަ އެވެ.
ސާވޭގައި ސުވާލުކުރި 395 އާއިލާގެ ތެރޭން ތިންބައިކުޅަ އެއްބައި މީހުން ގަބޫލް ކުރަނީ އެ މީހުންގެ އާއިލާ އިން ގެއްލިފައިވާ މީހުން މަރުވެފައިވާނެ ކަމަށެވެ. އަނެއް ބައި މީހުން ގަބޫލް ކުރަނީ އެ މީހުން އަދިވެސް ދިރިތިބޭނެ ކަމަށެވެ. ބާކީ ތިބި މީހުން ބުނަނީ ގެއްލިފައިވާ މީހުންނަށް ވީގޮތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ލަންކާގެ އުތުރުގައި ވަކި ދައުލަތެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދިޔަ ތަމަޅަ ޓައިގަރުން ބަލިކޮށް ސަރުކާރު ސިފައިން ކާމިޔާބު ހޯދީ މެއި، 2009 ގަ އެވެ. ހަނގުރާމައިގެ ފަހު ދުވަސްވަރު 40،000 މީހުން މަރާފައިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ހަނގުރާމަ ކުރިއަށް ދިޔަ 37 އަހަރު ދުވަހު ތެރޭ ސަރުކާރު ސިފައިންގެ ބެލުމުގެ ދަށަށް ދިޔަ ތަމަޅައިންނަށް ވީނުވީއެއް ނޭނގޭ ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ. އަދި މާކްސިސްޓުން 1987 އިން 1990 އަށް ކުރި ބަޣާވާތް މައިތިރި ކުރުމަށް ސިފައިން ހިންގި އޮޕަރޭޝަނުގައި ވެސް ވަނީ ގިނަ ބަޔަކު ގެއްލިފަ އެވެ.
ރެޑް ކްރޮސް އިން ބުނީ އެ ޖަމާއަތުން އެއްކުރި މައުލޫމާތުން 16،000 މީހުން ގެއްލިފައިވާކަން އެނގޭ ކަމަށެވެ. އޭގެ ތެރޭގައި ސިފައިންގެ ތެރޭން ގެއްލިފައިވާ 5،100 މީހުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ތަމަޅައިންނާއި ސިންހަޅައިން ސުލްހަ ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމަށް އެހީތެރިވުމަށް އޮފީހެއް އުފައްދަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. --އޭއެފްޕީ