16 ޖޫން 2018 - 10:49

"ޑަމްބޯ" ގެ މީގެ ކުރިން ބެލުންތެރިންނަށް ފެނިފައި ވާނީ އެނިމޭޓެޑް ފިލްމެއްގެ ގޮތުގަ އެވެ.
އެކަމަކު ޑިޒްނީން މި ފަހަރު މި ފިލްމް ގެނެސް ދެނީ ލައިވް އެކްޝަން ފިލްމެއްގެ ގޮތުގަ އެވެ. އެ ސްޓޫޑިއޯގެ ކާމިޔާބު އެނިމޭޓެޑް ފިލްމްތަކެއް ހަގީގީ އެކްޓަރުންނާ އެކު ގެނެސް ދޭން ކުރާ މަސައްކަތުގެ ތެރެއިން ބެލުންތެރިންނަށް ގެނެސްދޭ "ޑަމްބޯ" ގެ ޓީޒާ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
ޓިމް ބާޓަން ޑައިރެކްޓްކޮށްފައިވާ މި ފިލްމް ސިނަމާތަކަށް އަންނާނީ މާޗް، 29، 2019 ގަ އެވެ.
"ޑަމްބޯ" އަކީ އާދަޔާހިލާފު ބޮޑު ކަންފަތެއް ލިބިފައިވާ އަދި އުދުހުމުގެ ކުޅަދާނަކަން ވެސް ލިބިފައިވާ ލޯބިލޯބި އެތެއްގެ ވާހަކަ ކިޔައިދޭ ފިލްމެވެ. ޑަމްބޯގައި އާއިލާގެ މެމްރުންނަކީ ހޮލްޓާ ފެރިއާ (ކޮލިން ފެރެލް) އާއި މިލީ (ނިކޯ ޕާކާ) އަދި ޖޯއީ (ފިންލީ ހޮބިންސް) އެވެ.
މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި މައިކަލް ކީޓަން، އީވާ ގްރީން، ޑެނީ ޑެވީޓޯ އަދި ޝެރޯން ރޫނީ ހިމެނެ އެވެ.
"ޑަމްބޯ" ގެ އެނިމޭޓެޑް ފިލްމް ގެނެސް ދިނީ 1941 ގަ އެވެ. ޖުމްލަ 950،000 ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 1.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
ޑިޒްނީގެ ވަރަށް ގިނަ އެނިމޭޓެޑް ފިލްމްތަކެއް މިހާރު ލައިވް އެކްޝަން ފިލްމްތަކުގައި ގެނެސް ދޭން އުފެއްދުމުގެ މަރުހަލާގައި ހުރި އިރު، މިދިޔަ ގެނެސް ދިން "ބިއުޓީ އެންޑް ދަ ބީސްޓް" ގެ ލައިވް އެކްޝަން ފިލްމަކީ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެވެ.
އެމާ ވޮޓްސަން އާއު ޑޭން ސްޓީވެންސް އަދި ލޫކް އީވަންސް ލީޑް ރޯލަށް ލައިގެން 254.6 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް 1.264 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.