28 ޖުލައި 2016 - 09:28

މިއުނިކް (ޖުލައި 27) - ބަޔާން މިއުނިކް ދޫކޮށް ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވި މާރިއޯ ގޮޓްޒާގެ ބަދަލުގައި އެހެން ކުޅުންތެރިއެއް ނުހޯދާނެ ކަމަށާއި މިހާރު އޮތް ސްކޮޑާ މެދު ހިތްހަމަޖެހޭ ކަމަށް ބަޔާނުގެ އާ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ޑޯޓްމަންޑް ދޫކޮށް 2013 ވަނަ އަހަރު ބަޔާނާ ގުޅުނު ގޮޓްޒާ އެނބުރި ޑޯޓްމަންޑަށް ދިޔައީ 26 މިލިއަން ޔޫރޯއަށެވެ. ބަޔާނުން އަލަށް ގެނައީ ޕޯޗުގަލްގެ އުއްމީދީ މިޑްފީލްޑަރު ރެނާޓޯ ސަންޗޭޒާއި ޑޯޓްމަންޑުގެ ޑިފެންޑަރު މެޓްސް ހަމެލްސް އެވެ. މީގެ ތެރެއިން ރެނާޓޯ ވަނީ މި ފަހަރުގެ ޔޫރޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ.
"އަހަންނަށް ފެންނަ ގޮތުގައި ހުރިހާ ދިމާލެއް މިއޮތީ ކަވަރުކުރެވިފައި. އިތުރު ކުޅުންތެރިޔަކު ބޭނުމެއް ނޫން. މި ސްކޮޑާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" އަންޗެލޮޓީ ބުންޏެވެ. "ކުރިއަށް އޮތް ސީޒަނުގައި އަހަރެމެން ވާދަކުރާ ހުރިހާ މުބާރާތެއްގައި ރަނގަޅު ފައިޓެއް ދެވޭނެ މިހާރު އޮތް ސްކޮޑާ އެކު."
ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލް މެޑްރިޑުން އަންނަނީ ބަޔާނުގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ ގަތުމަށް މަސައްކަތްކުރަމުންނެވެ. އެކަމަކު އަންޗެލޮޓީ ވަނީ އޭނާ ނުވިއްކާނެ ކަމަށް ބުނެފަ އެވެ.
"އޭނާ މިދިޔަ ސީޒަނުގައި ގިނަ ލަނޑުތަކެއް ޖެހި. އޭނާ އަކީ މޮޅު ފޯވާޑެއް. އޭނާ އަކީ މި ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް،" އަންޗެލޮޓީ ބުންޏެވެ.
ކުރިން އޭސީ މިލާނާއި ޔުވެންޓަސް އާއި ޗެލްސީ އަދި ރެއާލް މެޑްރިޑަށް ކޯޗުކޮށްދީފައިވާ އަންޗެލޮޓީ ބަޔާނާ އެކު ޖަރުމަން ލީގު ކާމިޔާބުކޮށްފި ނަމަ ޔޫރަޕުގެ ބޮޑު ހަތަރު ލީގު އޭނާ އަށް ކާމިޔާބުކުރެވުނީ އެވެ. އޭނާ ވަނީ މިލާން އަދި ރެއާލާ އެކު ޔޫރަޕުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
އަންޗެލޮޓީ ބަޔާނާ ހަވާލުވީ މިދިޔަ ސީޒަނަށް ފަހު ސްޕެއިނުގެ ޕެޕް ގާޑިއޯލާ މަގާމުން އިސްތިއުފާ ދިނުމުންނެވެ. ބަޔާނުން ވަނީ ގާޑިއޯލާ މިހާރު ކޯޗުކޮށްދޭ މެންޗެސްޓާ ސިޓީ އަތުން އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި މި ހަފުތާގައި 1-0 އިން މޮޅުވެފަ އެވެ.