އީރާން ކުޅުންތެރިންނަށް ނައިކީން ބޫޓެއް ނުދިން
އީރާން ކުޅުންތެރިންނަށް ނައިކީން ބޫޓެއް ނުދިން

ސޯޗީ، ރަޝިއާ (ޖޫން 13) - އެމެރިކާގެ ނައިކީ ކުންފުނިން ބޫޓު ފޯރުކޮށްނުދިން ނަމަވެސް އެ ޓީމުގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށް އީރާން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކާލޮސް ކުއެރޭޒް ބުނެފި އެވެ.

އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ނައިކީން އީރާންގެ ކުޅުންތެރިންނަށް ބޫޓު ފޯރުކޮށްދޭން ދެކޮޅު ހެދުމުން އެ ކުޅުންތެރިން ބޫޓު ހޯދީ ރަޝިއާގެ ފިހާރަތަކުންނާއި ކްލަބް ލެވެލްގައި ކުޅޭ އެކުވެރި ކުޅުންތެރިން އަތުންނެވެ.

ނައިކީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ އެމެރިކާ އަށް ނިސްބަތްވާ ކުންފުންޏަކަށްވާއިރު، އެ ގައުމުން ވެސް އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާތީ އީރާން ކުޅުންތެރިންނަށް މި ފަހަރުގެ ވޯލްޑް ކަޕަށް ބޫޓު ފޯރުކޮށްދެވެން ނެތް ކަމަށެވެ.

މިއަދު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިރާން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. މެޗުގެ ކުރިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން އިރާންގެ ކޯޗު ކުއެރޯޒް ބުނީ ނައިކީން މާފަށް އެދެން ޖެހޭ ކަމަށެވެ.

"މިއީ އެއްގޮތަކުން އަހަންނަށް އެއްގޮތަކުން ލިބިގެންދިޔަ ހިތްވަރެއް. އެކަމަކު އަހަރެން މިހުރީ ވަރަށް ހިތްހަމަ ނުޖެހިފައި ނައިކީ ނެރުނު ބަޔާނުގެ ފަހު ވާހަކަތަކާ މެދު އަހަރެން ހިތްހަމަ އެއް ނުޖެހޭ. އެއީ އެންމެނަށް ވެސް އެނގޭ އީރާނަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް. ހަގީގަތުގައި ނައިކީން އެބަޖެހޭ މި ޕްރޮފެޝަނަލް ކުޅުންތެރިންގެ ކިބައިން މާފަށް އެދެން،" ކުރިން ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑްގައި މަސައްކަތްކުރި ކުއެރޯޒް ބުންޏެވެ.

އީރާން ވޯލްޑް ކަޕަށް ކޮލިފައިވީ 22 މެޗު ބަލިނުވެ ހަމަކޮށްގެންނެވެ. އަދި މޮރޮކޯ ވެސް އޮތީ މެޗަކުން ބަލިނުވެ ރަނގަޅު ޓްރެކުގަ އެވެ.

"މޮރޮކޯ އަށް އަހަރެމެންނާ ބެހޭގޮތުން އެނގޭނީ ވަރަށް މަދު ވާހަކަތަކެއް. އެކަމަކު އަހަރެމެން އެ މީހުންނާ ބެހޭގޮތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރިން. މީގެ ފައިދާ ނެގޭނެ ގޮތެއް އޮތްތޯ މިދަނީ ވިސްނަމުން،" ކުއެރޯޒް ބުންޏެވެ.