ޑްރޯނެއް ނޫން، އުދުހޭ ކެމެރާއެއް
ޑްރޯނެއް ނޫން، އުދުހޭ ކެމެރާއެއް

ފޮޓޯ ނެގުމަކީ މިހާރު ވަރަށް ގިނަ މީހުން ފަރިތަކަމެކެވެ. އަބަދުވެސް މޮޅު ގޮތަކަށް، ފެންވަރު ރަގަޅު ފޮޓޯ ނެގުމަކީ ފޮޓޯ ނެގުމުގެ ޝައުގުވެރިކަން ހުންނަ މީހުންގެ އެދުމެކެވެ. މިކަމަށްޓަކައި ޑްރޯނެއް ހޯދުމަކީ ތަންކޮޅެއް ތަކުލީފު ބޮޑު ކަމަކަށްވެއެވެ. އެކަމަކު އަތުން ދޫކޮށްލީމާ އަމިއްލަ ބާރުގައި އުދުހޭ ކެމެރާއެއް ލިބިއްޖެނަމަ ތަންކޮޅެއް ފަސޭހަވެދާނެއެވެ.

ހޯވާ ކެމެރާއަކީ މި މަގުސަދު ރަގަޅަށް ހާސިލްކޮށްދޭނެ އެއްޗަކަށް ވާނެ އެވެ.

ގެންގުޅެން ފަސޭހަ ހޯވާ ކެމެރާ ފަރުމާކޮށްފައިވަނީ ކާބަން ފައިބާ ތޮށިގަނޑަކުން ކެމެރާ ރައްކާކުރެވިފައިވާ ގޮތަށެވެ. މީގެ 13 މެގަޕިކްސަލްގެ ކެމެރާއިން އެންމެ ފެންވަރު ރަގަޅު ވީޑިޔޯ ރެކޯޑުކުރެވެއެވެ. ބޯމަތިން އުދުހޭ މި ކެމެރާ ބޭނުންކުރަން ކުރަންޖެހޭ ކަމަކީ އަތް ހިއްލާލާފައި ކެމެރާ އަތުން ދޫކޮށްލުމެވެ. އަމިއްލަ ބާރުގައި ވައިގެ ތެރޭ ކެމެރާ ހަމަޖެހިލާނެއެވެ. ފޮޓޯތަކުން ތުރުތުރު ފިލުވައިދޭ ބާރާއެކު އުފައްދާފައިވާތީ ފޮޓޯތައް ވަރަށް ސާފެވެ.

ކުޑަކުޑަ، 250 ގްރާމްގެ އެކަމަކު ގާބިލް މި ކެމެރާއަކީ އެމީހަކު އިޚުތިޔާރުކުރާ ގޮތަކަށް ފޮޓޯ ނެގުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗެކެވެ. ބޭނުންނަމަ ފަހަތުން މަންޒަރު ނަގަމުން އަންނަ ގޮތަށް ހެދިދާނެއެވެ. ނުވަތަ ތަކުރާރުކޮށް އެއް މަންޒަރެއް، އެއް ދިމާއަކުން ނެގޭ ގޮތަށް ވެސް ހެދިދާނެއެވެ. މީގެ ކެމެރާ މިވަގުތު ދުނިޔޭގެ ބާޒާރުގައި ލިބެން ހުރީ 330 އެމެރިކާ ޑޮލަރަށެވެ.