މި ބައިސްކަލް ވަގަށް ނަގައިގެން ދުއްވަން ނޫޅޭތި
މި ބައިސްކަލް ވަގަށް ނަގައިގެން ދުއްވަން ނޫޅޭތި

ތަހުޒީބު މުޖުތަމައުތަކުގައި މިހާރު ބޮޑަށް ބޭނުންކުރަން މަސައްކަތްކުރަނީ އިންޖީނު ނުލައި ހުންނަ އުޅަނދުތަކެވެ. ކަރަންޓުން ދުއްވާ ކާރު އާންމުވަމުން އައިސް މިހާރު ބައެއް ގައުމުތަކުގައި އެންމެ ގިނަ ބަޔަކު ގަޔާވާ އުޅަނދަކީ ބައިސްކަލެވެ. ހަށިގަނޑަށް ކަސްރަތު ލިބުމުގެ އިތުރަށް މިއީ ތިމާވެށްޓާ ވެސް ރަހްމަތްތެރި އުޅަނދެކެވެ. ނަތީޖާއެއްގެ ގޮތުން ފެންވަރު ރަގަޅު، މޮޅު ބައިސްކަލުތައް ބާޒާރަށް ނިކުންނަ އަދަދު އަންނަނީ އިތުރުވަމުންނެވެ.

"ވާންމޫފް ސްމާޓް އެކްސް" އަކީ އަމިއްލަ ހައިސިއްޔަތަކާއި ދިރުމެއް ގެނެސްދިން ބައިސްކަލެކެވެ.

ވަގުންގެ ޝިކާރަވެރި މަޅިތަކުން ސަލަމަތްވުމުގެ ގާބިލްކަމާއެކު އުފައްދާފައިވާ މި ބައިސްކަލު، އޭގެ ސާހިބު މީހާ ދަނެއެވެ. އެހެން މީހަކު ބައިސްކަލުގައި އަތް ޖައްސާލިޔަސް އިންޒާރުގެ އަޑުތަކާއި ބޮކިތައް ދިއްލަން ފަށައެވެ. ހުރި ތަނުން ބައިސްކަލު ނަގައިފި ނަމަ އިންޒާރުގެ ގަދަފަދަ އަޑަކުން ގޮވަން ފަށައެވެ. އަރައިގެން ދުއްވާލައިފިނަމަ ބައިސްކަލުގެ ސްމާޓް ހުރިހާ ގުނަވަނެއްގެ ބާރު ކަނޑުވާލައެވެ. އެހީއަށް އެދި ދިއްލާ ބޮކިތައް ދިއްލެން ފަށައެވެ. އަދި ބައިސްކަލާ ގުޅިފައިވާ އެޕް މެދުވެރިކޮށް، ބައިސްކަލު ވަގަށް ނަގައިފިކަމުގެ އިންޒާރު، ސާހިބުމީހާއަށް އަންގައެވެ.

ސްމާޓް ފެންވަރުގެ އެހެނިހެން އާލާތްތަކެކޭ އެއްގޮތަށް ވާންމޫފް ބައިސްކަލުގެ ވެސް ހިއްސުތައް މަސައްކަތްކުރަނީ މީގެ ސްމާޓްފޯނު އެޕްގެ އެހީގައެވެ. ފޯނު އޮތިއްޔާ ނޫނީ ތިޔައީ ސާހިބުމީހާ ކަމަކަށް އެ ބައިސްކަލު ގަބޫލެއް ނުކުރާނެއެވެ. އެކަމަކު ފޯނު ނެތަސް ހާސްކަމެއް ނެތެވެ. ކޯޑު ޖަހައިފިއްޔާ ގަބޫލުކުރާނެއެވެ.

ވާންމޫފް ބައިސްކަލަކީ ގެންގުޅެން ފަސޭހަ ލުއި ބައިސްކަލެކެވެ. ކަރަންޓުގެ ހަކަތައިން ދުއްވާ މި ބައިސްކަލަކީ ވަގުންގެ ހީލަތްތެރި ވަކިތަކުން ސަލާމަތްވެގެންވާ ސްމާޓް ބައިސްކަލެކެވެ.