ވޯޓާސް ލިސްޓާ ގުޅޭގޮތުން މިހާތަނަށް އެންމެ ޝަކުވާއެއް، ލިސްޓު ޗެކް ކުރަން އީސީން އެދޭ
ވޯޓާސް ލިސްޓާ ގުޅޭގޮތުން މިހާތަނަށް އެންމެ ޝަކުވާއެއް، ލިސްޓު ޗެކް ކުރަން އީސީން އެދޭ

އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަން އިން އާއްމު ކޮށްފައިވާއިރު އެ ލިސްޓާ ގުޅޭގޮތުން މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ ޝަކުވާއެއް ކަމަށާއި އެކަމަކު ވީހާ ވެސް އަވަހަކަށް ލިސްޓު ޗެކްކޮށް، މައްސަލައެއް އުޅޭތޯ ބެލުމަށް އެތަނުން އިލްތިމާސްކޮށްފި އެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި، 263،000 މީހުންގެ ނަން ހިމެނެ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހުގެ ރޭ އާއްމު ކުރި އެ ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކުރީ ގެޒެޓުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގަ އެވެ. އެ ލިސްޓު ރަށްރަށުގެ ކައުންސިލްތަކުގައި ވެސް ވަނީ އާއްމުކޮށްފަ އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ލިސްޓާ ގުޅޭގޮތުން މިހާތަނަށް ޝަކުވާ ހުށަހަޅާފައިވަނީ މަރުވެފައިވާ މީހެއްގެ ނަން، ލިސްޓުގައި އޮވެގެން ކަމަށެވެ. އެކަމަކު އަދިވެސް އެ ލިސްޓުގައި އިތުރު މައްސަލަތަކެއް ހުރެދާނެތީ އެކަން ޗެކުކޮށް ޝަކުވާ ހުށަހެޅުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"ވޯޓާސް ލިސްޓު މިހާ ކުރިން މި އާއްމު ކުރީ ވެސް އެކަން ހައްލު ކުރުމަށް ފުރުސަތު ދިނުމަށް. ލިސްޓުގައި ނަން ނެތިއްޔާ ވޯޓެއް ނުލެވޭނެ. އެހެންވެ، ނަން އޮތްތޯ އާއި އިތުރު މައްސަލައެއް ހުރިތޯ ބަލަން ލިސްޓު ޗެކް ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އަކްރަމް ވިދާޅުވި އެވެ.

ވޯޓާސް ލިސްޓު ހަދާފައިވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ މައުލޫމާތުތައް އަސްލަކަށް ބަލައިގެންނެވެ. އެހެންވެ، ރާއްޖޭން ބޭރުގައި މަރުވި މީހުންގެ ނަމާއި 18 އަހަރު ނުވާ ކުދިންގެ ނަން ލިސްޓުގައި އޮތުން ފަދަ މައްސަލަތައް ހުރެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލިސްޓުގައި އޮތް ނަމާއި މައުލޫމާތު ނުބައި ނަމަ ޝަކުވާ ހުށަހަޅަން ޖެހެނީ، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލްތަކަށް ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.

އީސީން ބުނިގޮތުގައި ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ލިސްޓު އިސްލާހުކޮށް އަނެއްކާ ވެސް އާއްމު ކުރާނެ އެވެ. އެކަމަކު ފައިނަލް ލިސްޓު ނެރޭނީ، ޝަކުވާ ހުށަހެޅުމަށް އަދި އެއް ފަހަރު ފުރުސަތެއް ދިނުމަށް ފަހުގައި ކަމަށް އެތަނުން ބުންޏެވެ.

ސެޕްޓެމްބަރު މަހު އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، ރަށްވެހިވެފައިވާ ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް ވެސް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.