ރަންބީރަށް އިރުޝާދެއް ދޭ ވަރަށް ވުރެ މޮޅު: ސަންޖޭ ދަތު
ރަންބީރަށް އިރުޝާދެއް ދޭ ވަރަށް ވުރެ މޮޅު: ސަންޖޭ ދަތު

ރަންބީރު ކަޕޫރަށް ދޭނެ ވަކި ނަސޭހަތެއް އަދި އިރުޝާދެއް ވެސް ނެތް ކަމަށާއި އެއީ ވަރަށް މޮޅު އެކްޓަރެއް ކަމަށް ބުނެ، ސަންޖޭ ދަތު ރަންބީރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

މި މަހުގެ 29 ގައި ރިލީޒްކުރާ، ސަންޖޭގެ ބައޮގްރިފަކަލް ޑްރާމާ "ސަންޖޫ" ގައި ސަންޖޭގެ ރޯލް ކުޅެފައި ވަނީ ރަންބީރެވެ.

"އެ ފިލްމްގެ ޝޫޓިން ކުރިއަށް ދިޔަ އިރު ދޭތެރެ ދޭތެރެއިން ސެޓަށް ޒިޔާރަތްކޮށްލައި މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު ލިބިފައި ހުރީމަ އަހަންނަށް އެނގޭ ރަންބީރު ކޮށްފައި ހުރީ ކިހާ ވަރެއްގެ މަސައްކަތެއްކަން،" އޭނާ ބުންޏެވެ. "އޭނަ ވަރަށް މޮޅު. އަހަރެން އޭނަ އަށް ދޭނެ އެއްވެސް އިރުޝާދެއް އަދި ނަސޭހަތެއް ވެސް ނެތް. އެއަށް ވުރެ މާ އުހުގައި ރަންބީރު އުޅެނީ. އަހަރެން އޭނަގެ ކެރިއަރަށް ކާމިޔާބީ އަށް އެދެން."

ސަންޖޭ ބުނީ "ސަންޖޫ" ގެ ޓީޒާ ދައްކައިލި ހިސާބުން އޭނާ މުޅިން ޖަޒުބާތީކޮށްލައިފައިވާ ކަމަށާއި ފިލްމް ބަލައިލަން މިހާރު ކެތްމަދުވެފައި ހުރި ކަމަށެވެ.

"އަހަންނަށް ޔަގީން ފިލްމް މޮޅުވެފައި ފުރިހަމަ ވާނެކަން. މީގައި މަސައްކަތް ކުރި ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް،" އޭނާ ބުންޏެވެ.

ރާޖްކުމާރް ހިރާނީ ޑައިރެކްޓްކޮށްފައިވާ "ސަންޖޫ" ގައި ރަންބީރު ދައްކުވައި ދީފައިވާ އެކްޓިން އަށް ވަރަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނަ އިރު، ގިނަ ބަޔަކު ބުނަނީ މިއީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަށް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ސަންޖޫ" ގެ ކާސްޓުންގެ ތެރޭގައި ސޯނަމް ކަޕޫރް، ވިކީ ކޯޝަލް، އަނުޝްކާ ޝަރްމާ، ޕަރޭޝް ރާވަލް، މަނީޝާ ކޮއިރަލާ، ޖިމް ސަރްބް، ދިއާ މިޒްޒާ އަދި ޓީވީ ބަތަލާ ކަރިޝްމާ ތަންނާ ހިމެނެ އެވެ.