މި ލޯބި ބުޅާ މިއޮޮތީ ވޯލްޑް ކަޕުގެ ނަތީޖާ ދިމާކުރަން ތައްޔާރަށް!
މި ލޯބި ބުޅާ މިއޮޮތީ ވޯލްޑް ކަޕުގެ ނަތީޖާ ދިމާކުރަން ތައްޔާރަށް!

ސެއިންޓް ޕީޓަސްބާގް (ޖޫން 13) - ޕައުލް މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ ކުޑަ 'އެހީއެއް' ދީފާނަމެވެ. ފުޓުބޯޅަ މެޗުތަކުގެ ނަތީޖާ ލަފާކުރަން ޕައުލް ވަރަށް ފަރިތަވާނެ އެވެ. ތިޔަ ހީވީ ރަނގަޅަށެވެ. މި ދައްކަނީ، މެޗު ކުޅުމުގެ ކުރިން، މޮޅުވާ ޓީމު ދިިމާކުރުމުގައި 2014ގެ ވޯލްޑްކަޕް ތެރޭ އާދަޔާ ހިލާފު ކުޅަދާނަކަމެެއް ދެެއްކި ބޯވައިގެ ވާހަކަ އެވެ.

ވޯލްޑްކަޕް ނިމި ހަތަރު މަސް ވީ ތަނާ ޕައުލް އަހަރެމެންނާ ވަކިވެފައިވާއިރު، މިފަހަރުގެ މުބާރާތުގައި އެ ވަޒީފާ ކޮނޑުއަޅާނޭ 'ފަހުލަވާނަކު' ރަޝިއާއިން މިހާރު ވަނީ ހޯދައިފަ އެވެ. އެއީ ހުދު ކުލައިގެ ކެހެރިގަނޑަކާއި މަޑު ނޫ ދެ ލޮލުގެ ވެރި ލޯބިލޯބި ހުދު ބުޅާ، އާކިލީސް އެވެ.

ރަޝިއާގެ ސެއިންޓް ޕީޓަސްބާގުގައި ހުންނަ މަޝްހޫރު ހާމިޓޭޖް ދާރުލްއާސާރުގައި، އިތުރު ބާރަ ވަރަކަށް ބުޅަލާ އެކު، މީދާ ފެހުމުގެ މަސައްކަތުގައި އުޅޭ އާކިލީސް ވޯލްޑް ކަޕްގެ 'ކަހީނުކަމަށް' އައްޔަންކޮށްފައި ވާއިރު ދުނިޔޭގެ އެތަންމިތާ އަތްފުނާ އަޅަައިގެން ހޯދި ކެންޑިޑޭޓުންގެ ތެރެއިން ގާބިލުކަމާއި ތަޖުރިބާގެ ބައިން އެސޮރު ވަނީ ދެންތިބި ވާދަވެރިން ފަހަތަށް ޖައްސާލައިފަ އެވެ.

އެގޮތުން މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ކޮންފެޑެރޭޝަން ކަޕުގެ ގިނަ މެޗުތަކެއްގެ ނަތީޖާ ދިމާކުރުމުގެ އިތުރުން ރީތި ކަމާއި މީހުންގެ ހިތް އަތުލުމުގެ ބައިން ވެސް އާކިލީސް ވަނީ މެޑަލް ޖަހާފަ އެވެ.

މި ބުޅަލަށް ހޭހަންކުރުމުގައި އުޅޭ ހާއްސަ ޑަކްޓަރު އާނާ ކަސަތީނާ ބުނީ އުފެދުމުގައި އިވުމުން މަހުރޫމު ވެފައި ވިޔަސް އާކިލީސް އަކީ ތޫނުފިލިކަމުގެ އާދަޔާހިލާފު ހުނަރެއް ލިބިފައިވާ ބުޅަލެއް ކަމަށެވެ. ދާރުލް އާސާރުގެ ތަރުޖަމާނު މާރިއާ ހަލްޓަނެން ވެސް ވަނީ "އުފެދުގައި އުނިކަމެއް ހުއްޓަސް ދެން ހުރި އެހެން ހިއްސުތަކުގެ ބޭނުން އާކިލީސް ވަރަށް ފުރިހަމައަށް ހިފާ" ކަމަށް ބުނެ ތާރީފުކޮށްފަ އެވެ.

އާ މަގާމާ ހަވާލުވި އިރު ވަށް ބޯޅައެއްހެން އޮތް މި ބުޅާ މިހާރު ވަނީ، ރޮނާލްޑޯ އާއި މެސީ އާއި ސަލާހާއި ނޭމާ ފަދަ މަޝްހޫރު ތަރިންނަށް ދޫނުކުރާވަރުގެ ވަރުގަދަ ޑައިޓު ޕްރޮގްރާމަކާ އެކު މުބާރާތުގެ ފަރިތަކުރުންތައް ފަށައިފަ އެވެ. މުބާރާތް ނިމެންދެން އާކިލީސް އުޅޭނީ ދާރުލްއާސާރުގެ ބުޅާތަކަށް ހާއްސަ ކެފޭ 'ކެޓް ރިޕަބްލިކް'ގަ އެވެ،

ރަޝިއާއިން ބުނާ ގޮތުގައި ކޮންމެ މެޗެއްގެ ކުރިން އާކިލީސް އަށް އެންމެ މީރު ކާނާ އަޅައި، ދެ ގައުމުގެ ދިދަ ޖަހާފައިވާ ދެ ބޯތަށި އެސޮރުގެ ކުރިމަތީގައި ބެހެއްޓުމުން މޮޅުވާ ޓީމު ބުނެދޭނެ އެވެ.

މިރޭ ރާއްޖޭ ގަޑިން 8 ޖަހާއިރު ފަށާ، ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ އީދުގައި މެޗުތަކުގެ ސްކޯ އާއި މޮޅުވާ ޓީމު ދިމާކުރުމުގެ ވާދައިގައި އެކި ކަންކޮޅުތަކުން ފޯރި ނަގާނެކަމަށް ބެލެވޭ އެތައް ހާސް ބަޔަކާ އާކިލީސް ވާދަކުރާނެ އެވެ.

މުބާރާތް ހުޅުވާ މެޗުގައި ސައުދީގެ މައްޗަށް ރަޝިއާއިން ކުރި ހޯދާނެކަމަށް އާކިލީސް ބުނެ އެވެ. ކުޑަކޮށް ކަންނެތް ގޮތެއް ހުއްޓަސް މުބާރާތަށް 'ހިކިލައި' ދުޅަހެޔޮވެލުމުގެ އިތުރުން ތޫނުފިލިކަން ތަރައްގީކުރުމުގައި އެސޮރު މިހާރު އުޅެނީ އަވަދިނެތި އެވެ.