14 ޖޫން 2018 - 08:47

ޖޯން އަބްރަހަމް މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމް ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ ބަތަލާއަކަށް ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި މޯނީ ރޯއި ހަމަޖައްސައިފި އެވެ.
މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި މޯނީ ވަނީ އެ ފިލްމަށް ސޮއި ކުރިކަން ކަށަވަރުކޮށް ދީފަ އެވެ. އޭނާ ބުނީ އެ ފިލްމްގެ އޮޑިޝަނަކަށް ދިޔަތަނާހެން، ފިލްމްގެ ބަތަލާގެ ރޯލް އޭނާ އަށް ލިބުނީ ކަމަށެވެ.
"ރޯގެ ބަތަލާގެ ރޯލަށް އަހަރެން ވަރަށް ފިޓްވާ ކަމަށް ބުނެ ވަގުތުން ބަތަލާގެ ރޯލް އޮފާ ކުރީ. ވަރަށް އުފާވެފައި މިހިރީ ޖޯންއާ އެކު މަސައްކަތްކޮށްލަން ލިބުނީމަ،" ނާގިން ފަދަ ޓީވީ ސިލްސިލާތައް ކުޅެފައިވާ މޯނީ ބުންޏެވެ. "އަހަންނަށް މިހާރު ލިބެމުން އަންނަ އޮފާތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި މި ހުންނާނީ. ނޭނގޭ އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް."
ރޮބީ ގަރެވާލް ޑައިރެކްޓަރު ޖާސޫސީ ތުރިލާ "ރޯ" އަކީ މޯނީ ސޮއި ކުރި ފުރަތަމަ ހިންދީ ފިލްމެއް ނޫނެވެ. މިއީ ތިން ވަނަ ފިލްމެވެ. އޭނާ ބަތަލާގެ ރޯލުން ފެނިގެން ދާނެ ފުރަތަމަ ފިލްމަކީ އަންނަ އޮގަސްޓް މަހުގެ 15 ގައި ރިލީޒް ކުރާ އަކްޝޭ ކުމާރްގެ "ގޯލްޑް" އެވެ.
މީގެ އިތުރުން އަންނަ އަންނަ އަހަރުގެ އޮގަސްޓް 15 ގައި ރިލީޒް ކުރާ އަޔާން މުކަރްޖީގެ "ބްރައްމަސްތުރާ" ގެ ވަރުގަދަ ރޯލަކުން ވެސް މޯނީ ފެނިގެން ދާނެ އެވެ. އެ ފިލްމްގެ ތަރިންގެ ތެރޭގައި ރަންބީރު ކަޕޫރް، އާލިއާ ބަޓް އަދި އަމީތާބް ބައްޗަން ހިމެނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރާ ސަލްމާން ހާންގެ "ދަބަންގް 3" ގެ ރޯލަކުން ވެސް މޯނީ ފެނިގެން ދާނެ އެވެ.
ފިލްމްތަކުން މޯނީ އަށް މިހާރު އޮފާތައް އޮހެމުން އަންނަ އިރު، އޭނާ ބޮލީވުޑްގެ ފިލްމަކުން އެންމެ ފުރަތަމަ ފެނުނީ 2004 ގަ "ރަން" ގެ ލަވައަކުންނެވެ. އޭގެ ފަހުން 2016 ގައި ރިލީޒް ކުރި އަނޫބަވް ސިންހާގެ ފިލްމް "ތުމް ބިން 2" ގެ ލަވައެއް ވެސް މޯނީ ކުޅެފައިވެ އެވެ.
މޯނީ، 32، މިހާރު އަންނަނީ "މެހެރުއްނިއްސާ" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.