ހޮލީވުޑްގެ ފިލްމެއް ކުޅެލަން ޝައުގުވެރިކަން އެބަހުރި: ކާޖޮލް
ހޮލީވުޑްގެ ފިލްމެއް ކުޅެލަން ޝައުގުވެރިކަން އެބަހުރި: ކާޖޮލް

ހޮލީވުޑްގެ ފިލްމެއް ކުޅެލަން ޝައުގުވެރިވާ ކަމަށް ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ކާޖޮލް ބުނެފި އެވެ.

ދާދި ފަހުން ރިލީޒް ކުރި ހޮލީވުޑްގެ އެނިމޭޓެޑް ފިލްމް "ދި އިންކްރެޑިބަލް 2" އިންޑިއާގައި ހިންދީ ބަހުން، އޭގެ ކެރެކްޓާއަކަށް އަޑު އަޅައި ދިން ބަތަލާ ބުނީ ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓެއް ލިބިއްޖެ ނަމަ، ހޮލީވުޑް ފިލްމަކަށް އެއްބަސްވާނެ ކަމަށެވެ.

"އަހަރެން ގަޔާވާ ކަހަލަ ސްކްރިޕްޓެއް އަދި ކުޅެލެން ބޭނުންވާ ކަހަލަ ކެރެކްޓާއެއް ދައްކުވައި ދެވޭ ކަހަލަ ފިލްމެއް ހުށަހަޅައިފިއްޔާ އެއްބަސްވާނަން،" ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ ކާޖޮލް ބުންޏެވެ. "އެ ވާކަށް ނުޖެހޭ ކޮންމެހެން ވަކި ކަހަލަ ޖޯންރާއެއްގެ ފިލްމަކަށް ވެސް. ބޭނުން ވަނީ ވަރުގަދަ ސްކްރިޕްޓެއް."

އޭނާ ބުނި ގޮތުގައި ފިލްމަކަށް އެއްބަސްވާ އިރު، އެންމެ ބޮޑަށް ބަލާ ކަމަކީ އޭގެ ސްކްރިޕްޓަށެވެ. އެހެންވެ ފިލްމެއް ހަމަ ކުޅެލުމުގެ ބޭނުމުގައި ސްކްރިޕްޓް ގުރުބާން ނުކުރާނެ ކަމަށް ބުންޏެވެ.

"ފިލްމްގެ އެންމެ މުހިއްމު އެއްޗަކީ އެއީ ބޮލީވުޑާއި ހޮލީވުޑަށް ބެލިޔަސް،" ދެ ކުދިންގެ މަންމަ ބުންޏެވެ. "އެހެންވެ ހަމަ ހޮލީވުޑްގެ ފިލްމެއްގައި މަސައްކަތްކޮށްލުމުގެ ބޭނުމުގައި ބޭނުމެއް ނޫން އެކަން ކުރާކަށް."

އަންނަ ސެޕްޓެމްބަރު މަހުގެ 14 ގައި ރިލީޒް ކުރާ "އީލާ" އިން ކާޖޮލް އަލުން ބޮލީވުޑްގެ ފިލްމަކުން ފެނިގެންދާ އިރު، އޭނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2015 ގައި ޝާހްރުކް ހާނާ އެކު ކުޅުނު "ދިލްވާލޭ" އެވެ.

އެކަމަކު މިދިޔަ އަހަރު ރިލީޒް ކުރި ދަނޫޝް (ކޮލަވަރީ ޑީ) ގެ ތަމަޅަ ފިލްމް "ވީއައިޕީ 2" ގެ މުހިއްމު ރޯލެއް ވެސް ކާޖޮލް ކުޅެފައިވެ އެވެ.

ހޮލީވުޑްގައި މިހާރު މަސައްކަތް ކުރާ ބޮލީވުޑްގެ އެންމެ މަޝްހޫރު ބަތަލާއަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ.